ދުނިޔޭގެ އުތުރު ބިތް ނުވަތަ ނޯތު ޕޯލާއި ނޯވޭއާ ދެމެދުގައިވާ ނޯވޭގެ ޖަޒީރާއެއް ކަމަށްވާ ސުވަލްބާދަށް އިރުއަރަނީ އަހަރަކު ހަ މަހުއެވެ. އަނެއް ހަ މަހުގައި އޮންނަނީ އިރު އޮއްސިފައެވެ.
މި ކަމުގެ ސަބަބަކީ ދުނިޔެ އޮންނަނީ އަރިއަކަށް ކަމަށް ވާތީއެވެ. މިހެންވުމުން ދުނިޔެ އޭގެ ޒާތުގައި އަމިއްލައަށް ދުވާލަކު ބުރެއް އެނބުރުނަސް "އާކްޓިކް ބުރުގެ" މަތީގައި އުތުރު ބިތާ ކައިރީގައި ސުވަލްބާދު އޮންނާތީ ހަ މަސް އޮންނަނީ އިރު އަރައިފައި، އަލިކޮށެވެ. އަނެއް ހަ މަހު، އިރުގެ ވަށައިގެން ދައުރުކުރަމުން ގޮސް، އިރުގެ އަނެއް ފަރާތަށް ދެވުމުން، އިރުގެ އަލިކަން ނުލިބި ހަ މަސްވެއެވެ.
އެހެން ގޮތަކަށް ބުނަނީ ނަމަ، ސުވަލްބާދަކީ ހަ މަހުގެ އިރު އެރުމަކާއި ހަ މަހުގެ އިރުއޮއްސުމެއް ލިބިފައިވާ ޖަޒީރާއެކެވެ. އެއް ހަ މަހުގައި ވަނީ އަލިކަމެވެ. އަނެއް ހަ މަހުގައި އަނދިރިކަމެވެ.
އާކްޓިކް ކަނޑުގައި އޮންނަ ސުވަލްބާދް ޖަޒީރާއަށް ކުރިމަތިވާ މި ދިގު އިރުއޮއްސުމަށް ކިޔަނީ "ޕޯލާ ނައިޓް" ނުވަތަ ލަފުޒީ މާނައަށް ބަލާއިރު "ބިތު ރޭގަނޑެ"ވެ.
އެކަހެރިކޮށް އޮންނަ ފިނި މި ޖަޒީރާއަކީ ކެރިގެން މި ތަނަށް ޒިޔާރަތް ކުރާ މީހުންނަށް އާދަޔާހިލާފު ތަޖުރިބާތަކެއް ލިއްބައިދޭ މަންޒިލެކެވެ.
އޮކްޓޫބަރު މަހުގެ ފަހުކޮޅުން ފެށިގެން، ޖެހޭ އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރެއާ ހިސާބަށް އިރު ނާރާތީ ސުވަލްބާދު އޮންނަނީ އަނދިރިކޮށެވެ. މުޅި ތަނަށް ވެރިވެފައި އޮންނަނީ "ޓްވައިލައިޓް" ނުވަތަ އިރުއޮއްސި ރަތް ވިލާ ދަޅައިގެ މޫނުއަނދިރިކަމެވެ. އުޑުމަތިން ފެންނަނީ ނޫ ކުލަ އާއި ވައިލެޓް ކުލައެވެ. ސްނޯއިން ފޮރުވިފައިވާ ބިންމަތި ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.
ޕޯލާ ނައިޓް ރޭތަކުގައި ދުވާލުގެ އަލިކަން ނެތަސް ސުވަލްބާދްގެ ރަށްވެހިންގެ ދިރުއުޅުން އާދައިގެ މަތިން ކުރިއަށްދެއެވެ. އެ ސަރަހައްދަށް އަންނަ ޓޫރިސްޓުންނަށް ސަފާރީ ފަދަ ހިދުމަތްތައް ހަމަޖައްސައިދެއެވެ. އެ ގޮތުން ޖަންގަލީގައި އުޅޭ އާކްޓިކް ހިޔަޅާއި ރެއިންޑިއާ ނަމަކަށް ކިޔާ ދަޅު ފެޅި ފުއްލާ އާއި ޕޯލާ ބެއާ ބާވަތުގެ ސާރިދޯޅު ބަލަން ސްނޯމޮބައިލް އުޅަނދުތަކުގައި ޖަންގަލިތަކަށާއި ހުސް ބިންތަކަށް ފަތުރުވެރިން ގެންދެއެވެ. މި ބާވަތުގެ މަހުލޫގުން ފިޔޯޑު ނުވަތަ ފެން ދެމޭ ހަނި ވާދީތަކާއި ގަނޑުވެފައިވާ ކަނޑުތަކުގެ މަތީގައި ވެސް އުޅެއެވެ.
ސުވަލްބާދުގައި ދިރިއުޅޭ އެހެން މަހުލޫގުންގެ ތެރޭގައި ސީލް އާއި ބޮޑު މަސް ހިމެނެއެވެ. ކަނޑުމަތީގެ ދޫނިތައް ކަމަށްވާ ޓާން އަދި ޕަފިން ވެސް އުޅެއެވެ. ކުރިމަގަށް މި ފަދަ ދިރޭތަކެތި ރައްކާތެރިކުރުމަށް ސުވަލްބާދުން ހާއްސަ މަޝްރޫއުތަކެއް ކުރިއަށްގެންދެއެވެ.
ސުވަލްބާދުގެ ޕޯލާ ރޭގަނޑުތަކުގައި ފެންނަ އެންމެ އަދަޔާހިލާފު އެއް މަންޒަރަކީ "ނޯދަން ލައިޓްސް" ނުވަތަ ލަފުޒީ ގޮތުން ކިޔާ ނަމަ "އުތުރުގެ އަލިތަކެ"ވެ. މި އަލިތަކަށް "އޮރޯރާ ބޮރިއެލިސް" ވެސް ކިޔައެވެ. މި ގުދުރަތީ މަންޒަރު ފެންނަނީ އިރުގެ އަލިކަމުގެ ހަރަކާތް ހުންނަ ގޮތުން ދުނިޔޭގެ ދެ ބިތުގައި "ދަގަތްފާނު ތޫފާނު" ނުވަތަ "މެގްނެޓިކް ސްޓޯމްސް" އުފެދުމުންނެވެ. އެތައް ގަޑިއިރެއްގެ އަނދިރިކަމާއި އާކްޓިކް ސަރަހައްދުގެ އުޑުމަތި ސާފުކަމުން ފަރުދާތަކެއްގެ ސިފައިގައި ހުންނަ ފެހި، ފިޔާތޮށި އަދި ވައިލެޓް ކުލައިގެ މި އަލިތައް ނަށަނަށާ ހުންނަ ޒާތަކަށް ފެނެއެވެ. ޓުއާ ގައިޑުންގެ އެހީގައި މި ހިތްގައިމު މަންޒަރުގެ ފޮޓޯ ނެގުމަށް ޓޫރިސްޓުންނަށް ފުރުސަތު ލިބެއެވެ.
ސުވަލްބާދުގައި މީހުން ދިރިއުޅޭ މައިގަނޑު ސަހަރަކީ ލޯންގްއިޔަބަޔިންއެވެ. ޕޯލާ ރޭގަނޑުތަކުގައި ސަގާފީ ހަރަކާތްތައް ހިންގަނީ މި މަންޒިލުގައެވެ. އެކަހެރިކޮށް އޮތް ނަމަވެސް ލޯންގްއިޔަބަޔިންގައި ދާރުލްއާސާރާއި ކުރެހުން ދައްކައި މައުރަޒުތަކާއި ކާބޯތަކެތި ފޯރުކޮށްދޭ ކެފޭތައް ހުރެއެވެ. މި ސަރަހައްދުގެ ތާރީހާއި "ޖިއޮލޮޖީ" ނުވަތަ ބިމާ ބެހޭ އިލްމާއި އާކްޓިކް ސަރަހައްދުގެ ކަންތައްތައް ބެލުމުގެ ތަރިކައިގެ މައުލޫމާތު ލޯންގްއިޔަބަޔިންއިން ލިބޭނެއެވެ.
ސުވަލްބާދަށް ޒިޔާރަތްކުރާ ނަމަ ފަރުވާތެރިކަމާއެކު ވަރަށް ބޮޑަށް ތައްޔާރުވާންޖެހެއެވެ. ޖަޒީރާގައި ސުން ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައި ހުންނަ ފިނިކަމުގައި ހަށިގަނޑުގެ ހޫނުކަން ހިފަހައްޓައިދޭ އަންނައުނު ބޭނުންވާނެއެވެ. ސްނޯ އާއި ގަނޑުފެނުގައި ހިނގަން އެކަށީގެންވާ ބޫޓު ހޯދަންޖެހޭނެއެވެ.
ލޯންގްއިޔަބަޔިންގައި ގެސްޓްހައުސް އާއި ޒަމާނީ ހޮޓެލްތައް ވެސް ހުރެއެވެ.