Support Us

އިންޑިއާއާއެކު އޮތް ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނަން: ރައީސުލްޖުމްހޫރިއްޔާ 

އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި 28 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީކަންކަން ކުރިއަރައިދިއުމާއި އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި މުޅި ޤައުމުގެ ފާގަތިކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ އިންޑިއާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އައުކުރައްވަމުން އެ ދަޢުވަތު ދެއްވިކަމަށްޓަކައި އަދި އެ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރާއި ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި “އިންޑިއަން ގްރާންޓް އެސިސްޓެންސް"ގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ތަކަކީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ތަރައްޤީގައި ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސްކީމްގެ ދަށުން މިހާރުވެސް އިންޤިލާބީ ކުރިއެރުންތައް ލިބޭނެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އެބަދާ ކަމަށާއި އުންމީދަކީ، އެ މަޝްރޫޢުތަކުގެ ފައިދާ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަވަހަށް ފޯރުންކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލައިން އޮފް ކްރެޑިޓް ފެސިލިޓީ ރީސްޓްރަކްޗަރ ކުރުމުގައި ދެއްވި ލުއިފަސޭހަކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައި އޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *