މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ދިއުމުގައި ބައެއް ފަހަރު އެ މައްސަލައެއްގެ ބާވަތުން ގިނަ ވަޤުތު އެބަ ނަގައެވެ. އެއީ އެ މައްސަލައެއް ތެދުގެ މައްޗަށް ސާބިތުކުރުމަށެވެ. ހިތާމައަކީ، މި ހިނގައިދާ ވަޤުތުގައި އެ މައްސަލައެއްގެ ފުރިހަމަ މަޢުލޫމާތު ނޭނގި ތިބެ ނުވަތަ ހޯދުމުގެ މައްޗަށް ދީނުގައި ކަނޑައަޅުއްވައިފައި އޮންނަ ޢަދުލުވެރި މަންޙަޖުން ވަރަށް ގިނަ މީސްތަކުން އެބަ ދުރަށްޖެހެއެވެ.
ގިނަ މީހުންނަކީ މައްސަލަތަކުގެ ޙަޤީޤަތް ނޭނގި ތިބެ، ޝައްކާއި ވަހުމުގެ މައްޗަށް ގޮތް ނިންމާ މީހުންނެވެ. އަނެއްބައި މީހުންނަކީ އެ އުފެދިފައި ހުރި ޝައްކާއި ވަހުމުގެ މައްޗަށް އެބައިމީހުންގެ އަތްފައި ހަރަކާތްކޮށް، ކުށެއް ނެތް މީހުންނަށް އަނިޔާދިނުމުގައި ޝާމިލުވާ މީހުންނެވެ. މިއާ އެކު، މިފަދަ ފުރުޞަތެއްގައި އަނެކާގެ މައްޗަށް ތިމާގެ ހިތުގައި އޮތް ޙަސަދަވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު ބާލަނީވެސް މަދެއް ކޮށެއް ނޫނެވެ. މިހުރިހާ ކަމެއްވެސް މިކުރަނީ އެ އިންސާނާއަށް ލިބިފައި އޮތް ސައްޙަ ނޫން މަޢުލޫމާތެއްގެ މައްޗަށް ޝައްކާއި ވަހުމާ އެކުވެގެންނެވެ. ނުވަތަ ފުރިހަމަ މަޢުލޫމާތު ނެތިއެވެ. މިއާ އެކު، އެމަގުން އަނެކުންގެ މައްޗަށް އެމީހެއްގެ ތޮބީޢަތް ބައްޓަންކޮށްފައި ހުރި ގޮތް އެބަ ފާޅުކުރެތެވެ.
ހިތާމައަކީ، އެ މައްސަލައިގެ ޙަޤީޤަތަށް ފޯރާ ހިނދުގައި މުހިންމު ގިނަ ގުޅުންތަކެއް އޮންނަނީ ކެނޑިފައެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަނީ މައްސަލަޖެހިފައެވެ. އެހެނީ ތިމާގެ ފުށުން ކުރަން ނުޖެހޭ އެތައް ކަމެއް މި މުއްދަތުގައި އޮންނަނީ އަނެކާއާ މެދު ކުރެވިފައެވެ. ބުނަން ނުޖެހޭ އެތައް ބަހެއް އޮންނަނީ އަނެކާއާމެދު ތިމާއަށް ބުނެވިފައެވެ. އަދި ކިއެއް، ޝައްކާއި ވަހުމުގައި އެތަކެއް ދުވަހެއް ތިމާގެ ޢުމުރުގައި އެ ފަރާތަކާމެދު ކަޑައްތުކުރެވިއްޖެއެވެ. ހިތާމައަކީ، މައްސަލަތަކުގެ ތެރެއަށް ވަންނަން ނުޖެހޭ މީހުންވެސް އޭގެ ތެރޭގައި ޝާމިލުވާތީއެވެ. އެއީ އެމީހަކާ ނުބެހޭ ކަމެއް ކަމުގައި ވީނަމަވެސްމެއެވެ. ކޮންމެ މީހަކުވެސް އުޅެނީ ކަންކަން މާ ބޮޑަށް އެނގޭކަމަށް ހެދިގެންނެވެ. މިފަދަ ބައެއް މީހުން ތިބެނީ، ކޮންމެ ފަދަ އަނިޔާއެއް ދޭންވެސް ތައްޔާރަށެވެ.
މިއީ ހިތާމަ ހުރި ކަމެކެވެ. މިއާ އެކު، މައްސަލައިގެ ފުނަށް ފޯރުނު ހިނދު ތިބެނީ ކޮންމެވެސް މީހަކު ކުށްވެރިކޮށްގެންނެވެ. އެހެނަސް ކުށްވެރިކުރުން އޮތީ އަމިއްލަ ނަފުސެވެ. އެހެނީ ކޮންމެ އިންސާނަކީވެސް އަމިއްލަ އިޚްތިޔާރު ލިބިދީފައިވާ ބައެކެވެ. އަދި ދީން އޮތީ ރަނގަޅު މަގު ބަޔާންކޮށްދީފައެވެ. މިއާއެކު، ތަންދޮރު ފިލާފައި ތިބި ކަމަށް ބުނާ ބައެއް ޢިލްމީ ފަރުދުންވެސް މުޖުތަމަޢުގެ ޢާނމު ފަރުދުންނެކޭ އެއްގޮތަށް މިމަގުން ޢަމަލުތައް ބައްޓަންކުރާ ކުރުމެވެ. އޭގެ މާނައަކީ: އޭނާއަށް ލިބިފައި އޮތް ޢިލްމަށް އަމާނާތްތެރި ނުވެވުމެވެ. ނުވަތަ ޢަމަލު ނުކުރެވުމެވެ. އެއާއެކު، ލިބިފައި އޮތް ޢިލްމުގެ މައްޗަށް ތޮބީޢަތް ފާޅުވުމެވެ.
އިސްލާމްދީނުގައި މައްސަލަތައް ހޯދައި ސާބިތުކުރުމުގައި އޮތީ ވަރަށް ރީތި ގޮތްތަކެކެވެ. އެ މަންޙަޖަށް ތިމާގެ ނަފުސު އަދި ބުއްދި ޙާޟިރުކޮށްފި ކަމުގައި ވާނަމަ، ކުށެއް ނެތް މީހުންނަށް އަނިޔާދިނުމުން ތިމާ ދުރުހެލިވެގެންދާނެތެވެ. ކުރު މިސާލެއް މިމަގުން ގެންނާނަމެވެ. ޢައިޝާ (ރަޟިއަﷲ ޢަންހާ) އާމެދު ކުރެވުނު އިފްކުގެ ޙާދިޞާއެވެ. އެކަމަނާ ޒިނޭ ކުރެއްވިކަމުގައި މުޖުތަމަޢުގައި ފެތުރުނު ހިނދު ކަން ހިނގައިދިޔަ ގޮތެވެ. އެއާއެކު، ﷲ (ސ.ވ)ގެ ވަޙީ އައިސްފައި އޮތް އުޞްލޫބެވެ. އެއީ: މީސްތަކުންނާ މެދު ޝައްކާއި ވަހުމުން ދުރުވުމާއި، ތިމާއަށް ނޭނގޭ ވާހަކަ ނުދެއްކުމާއި، އަދި މީސްތަކުންނާ މެދު ރަނގަޅަށް ދެކުމެވެ. (އެބަހީ): ކަށަވަރުނުވާ ކަންކަމުގައި ހިތުގައި ކިލަނބުކަމެއް އަނެކުންނާ މެދު ނުބޭއްވުމެވެ. ﷲ (ސ.ވ) އަންގަވަނީ އެ މައްސަލައިގައި އެއްބަޔަކަށް ޢަފޫކުރެއްވި ކަމުގައިވިއަސް އަނެއް ބަޔަކަށް އެކަމުގެ އުޤޫބާތް ދެއްވާހުށީމެވެ. އެއީ އެބަޔަކު އެކަމުގައި (ފާފައިގައި) ޝާމިލުވި މިންވަރެއްގެ މައްޗަށެވެ.
إِنَّ ٱلَّذِينَ جَآءُو بِٱلْإِفْكِ عُصْبَةٌۭ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّۭا لَّكُم ۖ بَلْ هُوَ خَيْرٌۭ لَّكُمْ ۚ لِكُلِّ ٱمْرِئٍۢ مِّنْهُم مَّا ٱكْتَسَبَ مِنَ ٱلْإِثْمِ ۚ وَٱلَّذِى تَوَلَّىٰ كِبْرَهُۥ مِنْهُمْ لَهُۥ عَذَابٌ عَظِيمٌۭ ١١ لَّوْلَآ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بِأَنفُسِهِمْ خَيْرًۭا وَقَالُوا۟ هَـٰذَآ إِفْكٌۭ مُّبِينٌۭ ١٢ (Surah24-V11,12)
Verily Those Who Brought Forth The Slander (Against ‘Âishah) Are A Group Among You. Consider it Not A Bad Thing For You. Nay, it is Good For You. Unto Every Man Among Them Will Be Paid That Which He Had Earned Of The Sin, And As For Him Among Them Who Had The Greater Share Therein, His Will Be A Great Torment. Why Then, Did Not The Believers, Men And Women, When You Heard it (The Slander), Think Good Of Their Own People And Say: "This (Charge) is An Obvious Lie?
އިތުރު މިސާލެއްގެ ގޮތުން ޔޫސުފް (ޢަލައިހިއް ސަލާމް)ގެ ޙާދިޞާއެވެ. އެކަލޭގެފާނުގެ މައްޗަށް ކޮށްފައި އޮތް ބޮޑު ތުހުމަތެއްގެ ސަބަބުން އެންމެފަހުން ރަސްގެފާނު އެ މައްސަލައިގެ ތެރެއަށް ތަދައްޙުލުވެ، ކަން ހިނގައިދިޔަގޮތުގެ ތަފްޞީލު ބެއްލެވުމެވެ. އެޒަމާނުގައި އެއީ ވަރަށް ބޮޑު ކުށްތަކެކެވެ. ނަތީޖާއަކީ ރަސްގެފާނަށް އެނގިގެން ދިޔައީ ޔޫސުފު (ޢަލައިހިއް ސަލާމް) ޖަލުގައި އޮންނަންޖެހިވަޑައިގަތީ ކުށް ކުރައްވައިގެނެއް ނޫންކަމެވެ. އެނގިގެންދިޔައީ އެކަލޭގެފާނުގެ މަޢުސޫމުކަމާއި ތެދުވެރިކަމެވެ. (އެބަހީ): ޒިނޭކުރުމެއް ނުވަތަ ރޭޕްކުރުން ފަދަ ކަމެއް ހިނގައިފައި ނެތްކަމެވެ. އެކަލޭގެފާނު އޮތީ ބަޔަކު ފްރޭމްކޮށްފައެވެ. އެއާއެކު، ޔޫސުފު (ޢަލައިހިއް ސަލާމް)އަކީ ރަސްގެފާނާއި ރަސްގެފާނުގެ އަރިހުގައި ތިބި މީހުންގެ ޚާއްޞަ ޚާދިމެއް ގޮތުގައި ކަނޑައެޅިގެންދިޔައެވެ. ހިމާޔަތާއި ރައްކާތެރިކަމާއެކުއެވެ.
މިއީ އަޅުގަނޑުމެންގެވެސް ހާލަތެވެ. މައްސަލައިގެ ފުރަތަމަކޮޅުގައި އެ ފޯރުނު ޚަބަރެއްގެ ތެދުދޮގު ނޭނގި ތިބެ މީހުންނާމެދު ރަނގަޅަށް ދެކުމުން އަޅުގަނޑުމެން ދުރުކުރީ ކޮން ސަބަބެއް ހެއްޔެވެ؟ އެއީ ހިތުގައި އޮތް ނަފުރަތާއި، ރުޅިވެރިކަމާއި، ޒާތީވުމާއި، ޙަސަދަވެރިކަން ހެއްޔެވެ؟ މިއީ ނަފުސާ ސުވާލުކުރަންޖެހޭނެ ގޮތްތަކެކެވެ.
ކުރުކޮށްލަމުން އަޅުގަނޑު ދޭން އޮތް ނަޞޭޙަތަކީ، ދޫ ރައްކާތެރިކުރުމަށް މަސައްކަތްކުރާށެވެ. އެހެނީ އެއީ ތިމާއަށް ފައިދާ އަދި ގެއްލުންވެސް ދޭ ގުނަވަނެކެވެ. އަދި އެ ގުނަވަނެއްގެ ސަބަބުން ތިމާ ނަރަކައަށްވެސް އެއްލާލެވޭނެ ނުރައްކާތެރި ގުނަވަނެކެވެ. ނަބިއްޔާގެ ޙަދީޘްބަސްފުޅު އޮތީވެސް މިފަދައިންނެވެ. ދަންނަންޖެހޭނެ ކަމަކީ ކޮންމެ މީހަކީވެސް އެމީހެއްގެ ޢަމަލުތަކާމެދު މަސްޢޫލުވާންޖެހޭނެ މީހެކެވެ. ބައެއްފަހަރު ދުނިޔޭގައިވެސް އެކަން ފެނިދެއެވެ. އަނެއް ބަޔަކަށް އާޚިރަތުގައެވެ.
ﷲ (ސ.ވ) އަޅަމެންގެ ދޫ ރައްކާތެރި ކުރައްވާށިއެވެ. އަދި ފައިދާ ލިބެނިވި ކަންކަމުގައި އެ ދޫ ބޭނުންކުރުމުގެ ތަޢުފީޤު ދެއްވާށިއެވެ. އެއާއެކު، ބަޔާންވެދިޔަ އެންމެހާ ނުރަނގަޅު ފާފަތަކުންނާއި ނުރައްކާތަކުން އަޅަމެންނަށް ސަލާމަތުގެ މަގެއް މިންވަރު ކުރައްވާށިއެވެ!
* އަޠްހަރު އަޙްމަދުގެ ލިޔުއްވުމެއް