ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމުގެ ދިރާސާއެއް ކުރީގެ ދެ ބަންޑާރަނާއިބުން ކަމުގައިވާ ޢާޒިމާ ޝަކޫރާއި ދިޔާނާ ސަޢީދު އިސްވެ ތިއްބަވައިގެން ހައްދަވަން ނިންމަވައިފިއެވެ.
އާޒިމާ އާއި ދިޔާނާ މިއަދު ވިދާޅުވީ މިއީ ޢިލްމީ އަދި ފަންނީ މަސައްކަތެއް ކަމުގައެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަން ނިންމީ ޤައުމީ ޚިދުމަތެއްގެ ގޮތުގައެވެ. އަދި ޤާނޫނުއަސާސީ ތަޞްދީޤުކުރެވިގެން މި ހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނުވާތީ އާއި، އަދި ރާއްޖޭގެ ދުސްތޫރީ މުސްތަޤްބަލުގެ ރާސްތާ ކަނޑައެޅުމުގައި މިފަދަ ދިރާސާއެއް ކުރެވި، ދިވެހިރާއްޖޭގެ ތަޖުރިބާއާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާވެސް ބަލައިލުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީއެވެ. އަދި މިފަދަ ކަންކަމުން ތަޖުރިބާ ލިބިގަނެގެން ދުސްތޫރީ މުސްތަޤްބަލު ކަނޑައެޅުމަކީ ޤައުމަށް އެންމެ ފައިދާވާނޭ ގޮތް ކަމުގައިވެސް ފެނިގެންނެވެ." އެ ދެ ބޭފުޅުންގެ ބަޔާނެއްގައިވެއެވެ. "މީގެ އިތުރުން، ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި، އަދި ޤާނޫނުއަސާސީ ތަންފީޛުކުރުމުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ބައެއްގެ ހައިސިއްޔަތުން، މިފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖްތަމަޢަށާއި، ކިޔަވާކުދިންނަށާއި އަދި މުސްތަޤްބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކޭތީއެވެ. އަޅުގަނޑުމެންގެ މި މަސައްކަތުގައި ޤާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި ދައުލަތް ހިންގުމުގައްޔާއި ޤާނޫނުއަސާސީއަށް ޢަމަލުކުރުމުގައި ކަންކަން ހިނގާފައިވާ ގޮތް ދިރާސާކޮށް މުސްތަޤްބަލް އޮންނަންވާނޭ ގޮތް ކަމަށް އަޅުގަނޑުމެން ދެކޭގޮތުގެ ތަޞައްވުރަށް ވާޞިލުވުމުގައި ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއެޅުވުމަށް ޤަޞްދުކުރަމެވެ."
އެ ބޭފުޅުންގެ މި މަސައްކަތަކީ، ދުސްތޫރީ ޢިލްމަށް ޚާއްޞަ ރާއްޖެއިން ބޭރުގެ ފަސް ތަޖުރިބާކާރުންނާއެކު، ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް ވެސް އާޒިމާ އާއި ދިޔާނާ ވިދާޅުވިއެވެ.
"މި މަސައްކަތުގެ، ދިވެހިރާއްޖޭގެ ޢިލްމީ މަންސަ (ޕްލެޓްފޯމް) އަކީ މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް (PolicyMv) އެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އަދި ޢާންމު ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރޭވިފައިވެއެވެ. މި ދިރާސާގެ މަޢުލޫމާތު ހާމަކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމިފައެވެ."



advertisment