Support Us

ފުދުންތެރިކަން އިތުރުކުރުމުގެ ވަރަށް މުހިންމު އިޞްލާޙީ އެޖެންޑާއެއް ވާނީ ފަށައިފައި: ރައީސް

ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް މުހިންމު އިޞްލާޙީ އެޖެންޑާއެއް ފަށްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަރުދީގޮތުން މިނިވަންކަން އިހުސާސްނުވާނަމަ ޤައުމުގެ މިނިވަންކަން އެ ފަރުދަކަށް އިހުސާސްނުވާނެ ކަމުގައެވެ. އެގޮތުން މި އިޞްލާޙީ އެޖެންޑާގެ ދަށުން ސަރުކާރުގެ އެތެރޭގެ ކަންކަން އެކަށީގެންވާގޮތެއްގައި ބައްޓަންކުރެވި، އަމިއްލަ ފަރުދުންނަށް އެފަރާތްތަކުގެ މަސައްކަތުން ފަރުދީ މިނިވަންކަން އިހުސާސްކޮށްދިނުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް އެ މަނިކުފާނު ތަފުސީލުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ މިނިވަންކަން ޔަޤީންވެގެންދާނީ އިޤުތިޞާދީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަޤީން ވެގެންކަމުގައެވެ. މި ސަރުކާރުން މި ވީ 8 މަސްދުވަހުގެ ތެރޭގައި މި ހުރިހާ ދާއިރާއަކުން ގިނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް މިހާތަނަށް ނިންމަވާފައިވާކަމަށާއި އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވަވައި 176 ނިންމެވުމެއް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވަވައި 48 ނިންމެވުމެއް ނިންމަވައި ތަންފީޒުކުރަން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރައްޔިތުންނާ މުޚާތަބުކޮށް ވިދާޅުވި ފަދައިން ޤައުމުގެ މިނިވަކަން ކަށަވަރު ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާކަމުގައި ދެކެވަޑައިގެންކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *