Support Us

މި އަޑުތައް އިވޭތަ؟

އެއީ ބާރު އަޑެކެވެ. ކަންފަތް ފަޅައިގެންދާހައި ބާރު އަޑެކެވެ. ނަމަވެސް ކަންފަތްތަކަށް އެ އަޑު ނީވޭ ފަދައެވެ. ސަމާލުކަމެއް ދޭތަނެއް، އަޑެއް އަހާތަނެއް، އަޑެއް އިވިގެން އުޅޭކަމުގެ އަލާމާތެއް ނުފެނެއެވެ. ޙަޤީޤަތަކީ އަޑު ނީވެނީއެއް ނޫނެވެ. އަޑު އަހަން ބޭނުން ނުވަނީއެވެ. އަހާނެ ކަންފަތެއް ނެތީއެވެ.

އިވެމުންދަނީ ކޮން އަޑެއް ތޯއެވެ؟ ރޮމުން ގިސްލަމުންދާ އަޑެވެ. ވޭނާއި އަސަރަށް ކެތް ނުވުމުން ނުކުންނަ އާހުގެ އަޑެވެ. ހިތުގެ ދިޔަ ފެލުމުން ނުކުންނަ ވޭނީ އަޑެވެ. ކަރާމާތް ވެއްޔާ މޮޑެވި ހަފުސްވަމުންދާތީ އިވޭ ގިސްލުމުގެ އަޑެވެ. އަސާސީ ބަހާތައް ވިއްސިވިހާލިވާން ދޫކޮށްލުމުން ހާލުގެ ދުލުން ނުކުންނަ ވޭނީ އާހުތަކުގެ އަޑެވެ. ފެއްސާއި ރަތާއި ހުދުން ސަލާމް ކުރަމުން ދަމޭ ބުނާ ޤައުމުގެ ހިތުގެ އެންމެ ފުނުން ނުކުންނަމުންދާ ރިހުމާއި ތަދާއި ކެކުޅުމުގެ އަޑެވެ.

މިނިވަން ވަޔާ އެކު ވިހުރެމުންދާ ފެއްސާއި ރަތާއި ހުދުގެ ދިދަ ވެސް މި ވޭނީ ރިހުމުގެ އަޑުއިވި މޮޅިވެރިކަމާ އެކު ކަރު އެލުވައިލައެވެ. އެ ނިޔަނެތި އުފާވެރި މޫނުމަތީގެ ކުލަ ބަދަލުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ އެންމެ އުސް ކުރި ބޯށިކަމުގެ މަތިވެރި ޝަރަފު ލިބިފައިވީ ނަމަވެސް ޙަޤީޤީ މަޢުނައިގައި އެ ޝަރަފު ނުލިބޭތީއެވެ. ޤައުމުގެ ދަރީންގެ ފަރާތުންނެވެ. މީގެ ބައެއް މިސާލު ބައެއް ޤައުމީ އިޚްތިފާލްތައް ނިމުމުން މާލަމާއި މަގުތަކުން ސާފުކޮށް ފެނެއެވެ. ބިންމަތީގައި ވެއްޔާއި މޮޑެވި، ހިރަފުހާއި ތަތްތެޅިފައި، މީސްމީހުންގެ ފައިދަށުގައި ޤައުމުގެ އެންމެ މަތިވެރި ޝަރަފު އޮންނަން ޖެހެއެވެ. ކުކުރާލަ ކުކުރާލައެވެ. މިނިވަން އަތްތަކާއި ހިތްތަކުން މިނިވަންކަމުގެ ރަމްޒަށް ހިތާއިހިތުން ފެނިފައެވެ. މިކަންކަމަށް ސަމާލުކަންދެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ.

މިނިވަން ދިދައެއްގެ ހިޔަލުގައި ތިބެވުމަކީ މިނިވަން ބައެކޭ ބުނެ ދެއަތް އުރާލެވޭނެ ކަމެއް ނޫނެވެ. އެހެނީ އެ މިނިވަންކަމަށް އަބަދުވެސް ލޮޅުން އަރަމުން ދާތީއެވެ. އެކި ގޮތްގޮތަށް އެކި ސިފަސިފައިގެ ނުފޫޒުން ކެފެމުން ދާތީއެވެ. ހީނުކުރާހެން ބާގަނޑުތަކާއި، ވިދުތައް އަޅާތީއެވެ. ވައްކަޅިތަކުގެ ޝިކާރައަށް ވުން ދާދިގާތުގައި އޮންނާތީއެވެ. މި ސަބަބުތައް މިހެން ހުރިއިރު ވެސް އަޅާނުލައި ތިބޭ ތިބުމުން މިނިވަންކަމުގެ ތަނބުތަކުގައި ދަނީ ރެނދުތައް ލަމުންނެވެ. ހީނަރުވަމުންނެވެ. މިނިވަންކަމުގެ ވަރައިގައި ޤައުމުގެ ދަރީން އުދުހޭ އިރު އެނގިގެންނާއި ނޭނގި މިނިވަންކަމަށް ބުރޫއަރާ އެތައް ކަމެއް ދަނީ ކުރަމުންނެވެ. ފާޅުގައްޔާއި ސިއްރުގައެވެ. ވީ އިރު ޤައުމުގެ ރުއިން މަޑުވާނެތޯއެވެ.

މިނިވަންކަމުގެ ހުދޫދުން ބޭރުވުމުން މިނިވަން ބަޔެކޭ ބުނެވޭނެތޯއެވެ. ދިވެހިންގެ މިނިވަންކަމާއި ޤައުމިއްޔަތުގެ ބިންގާކަމުގައިވާ އިސްލާމްދީނާއި ދިވެހިބަހަށް ހީނަރުކަން އަންނަ ފަދައިން ކުރާ ކަންކަމަކީ މިނިވަންކަމުގެ އަތުން ކުރެވޭ ނަފާހުރި ކަމަކަށް ނުވާނެއެވެ. އިސްލާމީ އުޞޫލުތަކާއި އިސްލާމީ ފަލްޞަފާ ތަކަށް ދިވެހީން ތަބަޢުވީ ހިތުން ރުހުމުންނެވެ. ނަމަވެސް ހިތާމައަކީ އެތައް ހިތެއްގައި އިސްލާމީ ވަޙުދަތު ޤާއިމު ކުރުމަށް ހުރަސް އަޅާ ފިކުރުތަކުގެ އޮށް އިންދާ ހައްދަމުން ދިއުމެވެ. އިސްލާމީ ދީނާއި ދީނުގެ އަޤީދާއާ ފުށުއަރާ ކަންކަން ޢާއްމު ކުރަމުންދިއުމެވެ. އެކިއެކި ސިފަސިފައިގައި އެކިއެކި ނަންނަމުގައެވެ. އިޖުތިމާޢީ ވިއުގައިގެ އެކިއެކި މަންސަތަކުގައެވެ. ކަންމިހެން އޮތް އިރު އަހަރެމެންނަށް މި ތިބެވެނީ ފުރިހަމަ މަޢުނައިގައި މިނިވަން ބައެއްގެ ގޮތުގައި ހެއްޔެވެ؟ މި ސުވާލަށް ޤައުމުގެ ހާލުގެ ދޫ ބާރަށް "ނޫނެކޭ" ގޮވާ އަޑުއިވެނީ ކިތައް ކަންފަތަށް ހެއްޔެވެ؟ އެ އަޑުގައި ޤައުމުގެ ކަރާމާތާއި އިއްޒަތާއި މިނިވަންކަން ގެއްލެމުންދާތީ ހުރި ރިހުމާއި ތަދު އިހްސާސް ކުރަނީ ކިތައް މީހުން ބާވައެވެ؟

ނެތެމުން ގެއްލެމުންދާ ގިނަ ބަސް ނެތެނީ އަޅުވެތިކަމުގެ ހިތި ރަހަ އިހްސާސްކޮށްފައެވެ. އެކި މަރުޙަލާތަކުގައެވެ. މިއީ ފެންނަން ހުރި ހަޤީގަތެވެ. އިސްތިޢުމާރީ އެއްވެސް ބާރަކުން އެއްވެސް ސިފައެއްގައި މި ބިމުގައި ބީހިލައިފިނަމަ އެ ބާރުތަކުގެ ވަކިތައް އަހަރެމެންގެ ބަހުގައި އެބަހުއްޓެވެ. ރަނގަޅު އަސަރުތަކާއި ނުރަނގަޅު އަސަރުތަކުގެ ގޮތުގައެވެ. ލަފުޒުތަކާއި ޤަވަޢިދާ ބަސް ބޭނުންކުރުމުގައެވެ. ދިރާސާކޮށް ބަލައިފިނަމަ ބަވަނައިގެ ދޮރޯށިން މި ބަސް އަޅުވެތިކުރިކަން ވެސް ފެންނާނެއެވެ. މި އަޅުވެތިކަމުގައި ބަހުގެ ހަމަ ތާށިވެފައި އޮތް މިންވަރު ވަޒަންކޮށްލާ ބަލާށެވެ. ލަފުޒުތަކާއި މާނަތަކަށް އަރާ ހިރަފުހާއި ކިލަޔަށް ބަލައިލާށެވެ. އަދުގެ ޖީލުން ބަސް މަސްހުނިގަނޑެއްހެން މޮޑެގެން ބޭނުންކުރަމުންދަނީއެވެ. ކަންމިހެން އޮތް އިރު މޭމަތީގައި އަތްޖަހާލަފައި މިއީ މިނިވަން ޤައުމެކޭ ބުނެވޭނެ ހެއްޔެވެ؟

ޤައުމުގެ ހާލުގެ ދުލުން އާދޭހާ އެކު ބާރަށް ގޮވަމުންދަނީ މި ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށެވެ. ޤައުމިއްޔަތު ހިމާޔަތް ކުރުމަށެވެ. މި ޤައުމުގެ އަމިއްލަ ވަންތަކަން ދިފާޢު ކުރުމަށެވެ. ދީނާއި ބަސް ހިމާޔަތް ކުރުމަށެވެ. ކާބަފައިންގެ މިންނެތް މަސައްކަތުން ހޯއްދަވައިދެއްވި މިނިވަންކަމަށް ބުރޫ އަރާ ފިކުރުތަކުން ދުރުވުމަށެވެ. ޤައުމުގެ މިނިވަންކަމަށް އަޅަމުންދާ ވިގުލު ކަޅިތަކުން ދުރުވުމަށެވެ. ދިވެހި ކޮންމެ ދަރިއެއް ހިތާއި ރޫޙުން އެދެން ވާނީ ދިވެހި ޤައުމުގެ މިނިވަންކަމާ ސަލާމަތަށެވެ. ދިވެހި ކޮންމެ ފިކުރެއް ވާންޖެހޭނީ މިނިވަންކަން ދިފާޢުކުރާ، މިނިވަންކަމުގެ ބަހާތަކަށް ރައްކާތެރިވާ ފިކުރަކަށެވެ. ނޫންނަމަ ހޭވެރިކަން ވާއިރު ޤައުމުގެ މިނިވަންކަން އޮންނާނީ ގާދޫކޮލުން ވެސް ބޭރުވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *