Support Us

ބޮނޑިބަތް އާއިލާ މަނަދުއަށާއި މަލިކަށް ދިޔަގޮތް

ބޮނޑިބަތް އާއިލާއަކީ މާލޭގައި އޮތް ބޮޑު އާއިލާއެކެވެ. މި އާއިލާ މިލަދުންމަޑުލު ދެކުނު ބުރީ މަނަދުއަށާއި މަލިކަށް ދިޔައީ ލޯބީގެ ދެ ކައިވެންޏެއްގެ ތެރެއިންކަމަށް ކިޔާ ފޯކުލޯރެއް އޮވެއެވެ. 

ބުނެވޭގޮތުގައި މާލޭގައި އޮތް ބޮނޑިބަތް އާއިލާގައި އެއްބަނޑު އެއްބަފާ ވަރަށް ރީތި ފަސް އަންހެންކުދިން ތިއްބެވެ. އޭގެ ތެރޭގައި ހަގަށް ތިބީ ބޮނޑިބަތް މަރިޔަމް ފުޅާއި ބޮނޑިބަތް ފާތުމާފުޅެވެ. މި ފަސް ކުދިން ފިރިފުރާވަރަށް އެރުމުން ކައިވެނި ކުރަމުން އައީ މާލޭގެ ރަނގަޅު އާއިލާތަކުގެ މީހުންނާއެވެ. ދޮށްޓަށް ތިބި ތިން ކުދިން ކައިވެނިކުރީ މާލޭ މީހުންނާއެވެ. ކައިވެނި ނުކޮށް ތިބީ އެންމެ ހަނގު ދެ ކުދީންނެވެ.

އެހެން މި ކުދީން އުޅެމުން ދަނިކޮށް އެއްފަހަރަކު ކަރަމަތީން އައި ވިޔަފާރި އޮޑިތަކުގެ ތެރޭގައި އައި މަލިކު އޮޑިއަކުން މަލިކުގެ ވިޔަފާރިވެރިޔަކު އައެވެ. މި ޒުވާން ވިޔަފާރިވެރިޔާއަށް މާލެއިން ވަރަށް ރީތި އަންހެން ކުއްޖެއް ފެނުނެވެ. އެކިގޮތްގޮތުން މަސައްކަތްކޮށްގެން އެންމެފަހުން އެ ކުއްޖާއާ ލޯބީގެ ގޮތުން ގުޅިއްޖެއެވެ. މިކަން އެންމެންފަހުން އަންހެން ކުއްޖާގެ އާއިލާ މީހުންނަށް އެނގިއްޖެއެވެ. އެ ހިސާބުން ކައިވެނި ކުރާން ޖެހިއްޖެއެވެ. އޭރު އަންހެން ކުއްޖާ ހުރީ ވިޔަފާރިވެރިޔާއާ އިނދެގެން މަލިކަށް ދާން ވެސް ތައްޔާރަށެވެ. މި ކައިވެނި މާލޭގައި ކޮށްފިއެވެ. މަލިކުގެ މި ވިޔާފާރިވެރިޔާއާ ކައިވެނިކުރި އަންހެން ކުއްޖަކީ ބޮނޑިބަތްގޭ ފަސް އަންހެން ކުދީންގެ ތެރެއިން ހަތަރުވަނައަށް ހުރި ބޮނޑިބަތް މަރިޔަމްފުޅެވެ. މަލިކުގެ ވިޔާފާރިވެރިޔާއާއެކު ބޮޑިބަތް މަރިޔަމްފުޅު މަލިކަން ދާން ނިންމުމުން އެންމެ ހަނގަށްހުރި ބޮނޑިބަތް ފާތުމާފުޅު ނިންމީ ދައްތައާއެކު މަލިކަށް ދާށެވެ. އޭރު މި ދެބެންނަކީ ވަރަށް އެކުގައި އުޅުނު އުމުރުގައި ވެސް މާ ބޮޑު ތަފާތެއްނެތް ފަނަރަ ސޯޅަ ވަރަކަށް އަހަރުގެ ދެ ކުދީންނެވެ.

މަލިކު ވިޔަފާރި އޮޑީގައި މާލެއިން މަލިކަށް ދިއުމަށް މަލިކުގެ ވިޔަފާރިވެރިޔާއާއެކު އޭނާގެ އަންހެނުން ބޮނޑިބަތް މަރިޔަމްފުޅާއި، އޭނާގެ ކޮއްކޮ ބޮނޑިބަތް ފާތުމާފުޅު ދަތުރަށް އެރިއެވެ. މޫސުން އެހާ ރަނގަޅެއް ނޫނެވެ. އެ ކަމަކު ދަތުރު ނުކުރެވޭ ވަރެއް ވެސް ނޫނެވެ. ދަތުރަށް ފުރިތަނާ ފާތުމާފުޅު ހޮނޑުލާން ފެށިއެވެ. ހޮޑުލަމުންލަމުން ގޮސް ވަރުދެރަވެ ތަންދޮރު ނޭނގޭ ހިސާބަށް ހިނގައްޖެއެވެ. އެންމެ ފަހުން އެހެން ގޮތެއް ނެތިގެން ކޮންމެ ވެސް ރަށަކަށް ލަފައިދޭށޭ މަރިޔަމްފުޅު ކިޔަން ފެށުމުން މަލިކު އޮޑި ގޮސް ވަނީ މިލަދުންމަޑުލު މަނަދޫ ފަޅަށެވެ. އޭރު ވެސް މިލަދުންމަޑުލުގައި ވާރު ކުރަނީ މަނަދޫގައެވެ.

މަނަދޫ ފަޅަށް އޮޑިވަނުމާއެކު ރަށު މީހުން އައިސް ވާހަކަ ގޮވާ ބެލިއިރު މިއީ މަލިކު ވިޔަފާރި އޮޑިއެއްކަމާއި، މި އޮޑީގައި ބަލި ކުއްޖަކު އޮތްކަން އެނގުނެވެ. އެ ވަގުތު މަނަދޫގައި ރައްޓެއްސަކު ހުރި މީހަކު އޮޑީގައި ހުރިތޯ ރަށުން ގޮވާލުމުން އޮޑީންގެ ހިޔާގަނޑުގެ ދޮށުން ނިކުމެފައި މަލިކު ވިޔަފާރިވެރިޔާ ގޮވާލިއެވެ. މަނަދޫ ހާޖީކޮއި ރަށުގައި އެބަ ހުންނެވި ހެއްޔެވެ. ރަށުން ގޮވާލިއެވެ. އާއެކެވެ. އެ ވަގުތު އަތިރީގައި ތިބި ކުދީންގެ ތެރެއިން ކުދިބަޔަކު އެއްގަމަށް ދުވެފައި ދިޔަތާ މާގިނައިރެއް ނުވަނީސް މަނަދޫ ހާޖީކޮޔާއި އޭނާގެ ދަރި ދޮން ޢަލީއާ ދެ ބަފައިން ގޮނޑުދޮށަށް ނުކުމެ އޮޑީގައި އޮތް ބަލި ކުއްޖާއާއި އެހެން މީހުން ބާލައިގެން އެ ގެއަށް ގެންގޮސްފިއެވެ.

މޫސުމް ކުޑަކޮށް ރަނގަޅުވެލަންދެން މަލިކު އޮޑި މަނަދޫ ފަޅުގައި އޮތީއެވެ. މަލިކު ވިޔަފާރިވެރިޔާގެ ދެމަފިރިންނާއި ފާތުމާފުޅު ހާޖީކޮއިގެ ގޭގައި ހާޖީކޮއިގެ މެހުމާނުންގެ ގޮތުގައި ތިބީއެވެ. ހާޖީކޮއިގެ އަންހެނުންނަކީ ވެސް މީހުންނަށް ވަރަށް ހެޔޮ ރަނގަޅު މީހެކެވެ. ރަށަށް ބޭލި ފަހުން ފާތުމާފުޅުގެ ހާލު ކުޑަކޮށް ރަނގަޅުވެ ތެދުވެ އުޅެލެވޭވަރު ވިއެވެ. ހާޖީކޮއިގެ އަންހެނުން، ދަރިއަކު ގެންގުޅޭހެން ފާތުމާފުޅަށް އަޅާލައި ގެންގުޅެއެވެ. އެ ތިބި ތިބުމުގައި މަލިކު އޮޑީން މުދާ ބާލައިގެން މަނަދޫގައި ކުޑަކޮށް ވިޔަފާރިކޮށް ހަދަމުން ވެސް ދިޔައެވެ. ހަފުތާއެއްހާ ދުވަސް ބަލާފައި މޫސުމް ކުޑަކޮށް ރަނގަޅުވުމުން މަލިކު އޮޑި ދަތުރަށް ހެދިއެވެ. އެކަމަކު ހަމަ އެއްގޮތަކަށް ވެސް ފާތުމާފުޅު ދާކަށް ބޭނުމެއް ނުވިއެވެ. ގޮނޑުދޮށަށް ނިކުތަސް ބޯއަނބުރާ ހޮޑުލަވަނީއެވެ. ފާތުމާފުޅު ރޮއިރޮއިފައި ދައްތަކައިރި ކިޔައެވެ. ދައިތާއެވެ. މިހެން މޫސުމް އޮއްވައި ކަނޑުމައްޗަށް އަރާކަށް ލާހިކެއް ނޫނެވެ. އެންމެފަހުން މަލިކު ވިޔަފާރިވެރިޔާ ނިންމީ ފާތުމާފުޅު ހާޖީކޮއި ގޭގައި ބައިންދާފައި ފުރާށެވެ. މޫސުމް ރަނގަޅު ވީމާ ދެން އަންނަ ވިޔަފާރި ދަތުރެެއްގައި ގެންދާ ގޮތަށެވެ. މިގޮތަށް އެއްބަސްވެގެން މަނަދޫގައި ފާތުމާފުޅު ބައިންދާފައި މަލިކު އޮޑި މަލިކަށް ފުރިއެވެ.

ޖެހިގެން އައި އަހަރު މަލިކު ވިޔާފާރިވެރިޔާ މަނަދުއަށް އައިއިރު ބޮނޑިބަތް ފާތުމާފުޅާއި ހާޖީކޮއި ދޮން ޢަލީ އުޅެނީ ކައިވެނިކޮށްގެންނެވެ. އެ ދެމަފިރިން ދެން އެހެން ރަށަކަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ މަލިކު ވިޔާފާރި ވެރިޔާ އެނބުރި ދިޔައީއެވެ. ދެން އެ ދެމަފިރިންގެ ފަރާތުން މަނަދޫގައި ބޮނޑިބަތް އާއިލާ ދެމިގެން އައީއެވެ.

މަނަދޫގައި ބޮނޑިބަތްގެ ހުރީ ސޯސަންމަގުގެ އިރުމަތީ ކޮޅުން ދެކުނު ފަރާތުގައި އެންމެ އިރުމަތީކޮޅުގައެވެ. އެތަނުގައި ފަހުން ހުރީ އިރުމަތީ އަވަށު އަންހެނުންގެ ނަމާދުއެވެ.

ބޮނޑިބަތް ފާތުމާފުޅާއި މަނަދޫ ހާޖީކޮއިގެ ދޮން ޢަލީއާ ކުރި ކައިވެނިން ބޮޑިބަތްގެ ދަރިކޮޅު ދެމިގެން އައީއެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *