ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅު، އުމުރުފުޅުން 80 އަހަރުގައި އިއްޔެ އަވަހާރަވުމުން ރައީސް ސޯލިހާއި މުޅި އާއިލާއަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. ތިރީގައި މި ވަނީ، ރައީސް ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒުނާ އަހުމަދު، މައިދައިތައަށް ތައުރީފު ކުރައްވައި، ހިތާމައިގެ މި ދަނޑިވަޅުގައި ފޭސްބުކްގައި މިއަދު ކުރައްވައިފައިވާ ޕޯސްޓެކެވެ.
"ދީނީ އަދި ދުނިޔެވީ ކަންކަމަށް ލޯހުޅިވިފަވާ، ސޯލިހު، އަޚްލާގު ރަނގަޅު، ޤައުމަށް ޚިދުމަތްތެރި ދަރިންތަކެއް ބަލާ ބޮޑު ކުރުމަށް ވުރެ ވަކިން ބޮޑު ޤައުމީ ޚިދުމަތެއް އޮންނާނެބާއެވެ؟
އިއްޔެ އަޅުގަނޑުމެނާ ވަކިވެލެއްވީ މިފަދަ ޤައުމީ ޙިދުމަތްތެރި އަންހެނެކެވެ. ވަރަށް ޅަ އުމުރުގައި. 13 ކުދިންނާއިގެން ހުވަފަތްވެލެއްވުމުންް އެކަން ކުރަންވަން ޖެހިލެއްވީ ބައްޕައަކާ ނުލައެެވެ.

އެއީ އަޅުގަނޑުގެ އަޚުންނާ އުޚުތުންނާ ފިރިކަލުންގެ މަންމައެވެ. ދަރިންގެ މާމައެވެ. އަޅުގަނޑުގެ މައިން ބަފައިންގެ ވަރަށް ގާތް އެކުވެރިއެކެވެ. އާއިލާ މީހުންގެ ދައިތަ އަދި ދޮންދައިތައެވެ. ޅ. ހިންނަވަރު ނޫރާނީއާގޭ ގަސްދޮށުގެ ހިޔަލުގައި ތިބޭ އެތައް އެތައް ބައެއްގެ މޫމިނާ ދައިތައެވެ.
އެގަސްދޮށަށް އަންނަ ކުދިބޮޑު އެންމެނާ ކޮންމެ މައުލޫއަކަށް ވެސް ވާހަކަދަކަވާނެއެވެ. ރަށަށް އަރާފައިބާ އެންމެންގެހެން ކެއުންބުއިމުގެ އިންތިޒާމް އެގެއިން ހަމަޖައްސަވާނެއެވެ. އިއްޔެ އެމައްޔިތާގެ މޫނު ދެކިލުމަށާއި ޖަނާޒާގައި ބައިވެރިވި ގިނަމީހުންނާއި މީހުންގެ އަދަދުން އެތަން ފެނިގެން ދިޔައެވެ.
އިބޫ މަންމަގެ ފަރާތުން އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ކެއްތެރިކަމާ ޝަކުވާ ނުކުރުމާ ކޮންމެ ހާލެއްގައިވެސް ދަރިން ހިމާޔަތް ކުރުމެވެ.
އާއިލާއަށް މި ލިބުނު ފުންހިތާމައާ ގުޅިގެން ތައުޒިޔާ ވިދާޅުވި ފަރާތްތަކާ، މައްޔިތާގެ މޫނުދެކުމަށް ވަޑައިގެންނެވި ފަރާތްތަކާާ ޖަނާޒާގައި ބައިވެރިވެ ވަޑައިގެން ފަރާތްތަކަށް ނިހާޔަތަށް ޝުކުރުދަންނަވަމެވެ. އަދި ދިވެހި ސަރުކާރަށް ޝުކުރުދަންނަވާ ހާލު، ޖަނާޒާގެ ކަންކަން ވަރަށް ގާތުން ބެއްލެވި މާލޭ ސިޓީގެ މޭޔަރއާއި އިސްލަމިކް މިނިސްޓަރ އާއި އެމަނިކުފާނުގެ އަބިކަބަލުން ޚާއްސަ ގޮތެއްގައި ފާހަގަކުރަމެވެ. އިސްލާމީ މަރުކަޒާއި މާލޭ ސިޓީ ކައުންސިލްގެ މަސައްކަތު މީހުންނަށްވެސް ވަރަށް ވަރަށް ޚާޢްސަ ޝުކުރެއް ދަންނަވަމެވެ.
މާތް ﷲ މަރުޙޫމާގެ ފާފަތައް ފުއްސަވައި، ހެޔޮރަހުމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވާށިއެވެ. އަދި އާއިލާގެ އެންމެނަށް ކެތްތެރިކަންދެއްވާށިއެވެ. އާމީން"
(މެޑަމް ފަޒުނާގެ ޕޯސްޓާއެކު ވާ ފޮޓޯތަކުގެ ތެރެއިން ކަވަރ ފޮޓޯގައި ފަޒުނާއާއެކު އެ ވަނީ ފަޒުނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި ރައީސް ސޯލިހުގެ މަންމާފުޅު، މުއުމިނާއެވެ.)



advertisment
One Response
100% ތެދު އަހަރުމެންވެސް މަހަށްގޮސް އެރަށައް ދެވުނު ދަތުރެއްގާ ދޯނީގެ 30 ހައްވުރެ ގިނަ ފަޅުވެރިންނަށް މެންދުރުގެ ކެއުންދިން.
މަރުޙޫމާގެ ފާފަތައް ފުސްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވަވާށި. އާމީން"