Support Us

ކޮލަމް ކޯދު: ޖުހާއާއި މަނިކުބޭގެ ހާސަރެއް

ޖުހާ: މަނިކުބޭގެން މައްސަލައަކީ އަބަދުވެސް ޝަކުވާކުރާ ކަމެވެ! ކުޑަކޮށް ދަތިކޮށް އުޅެލުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ނޫން ހެއްޔެވެ؟ ސަރުކާރަށް އިތުރު ޓެކުސް ދައްކާފައި، ތިން އިރު ކެއުމުގެ ބަދަލުގައި ދެ އިރު ކެއުން ހަމަ އެންމެ ރަނގަޅު ނޫން ހެއްޔެވެ؟ ނިކަން ސާޅީހުގެ ތެރޭގައި އަހަރުމެންނާ ކުރިމަތިވި ދަތުގެ ދުވަސްވަރާ މެދު ވިސްނާލަ ބަލާށެވެ! އޭރު އަހަރުމެންގެ ކާބަފައިންގެ ވަރަށް ގިނަ ބަޔަކު އުޅުނީ އެންމެ އިރަކު ކައިގެންނެވެ. އަދި، އަނެއް ބަޔަކު އުޅުނީ ނުވެސް ކައެވެ!

މަނިކުބޭ: ދެން އެކަމުގެ ނަތީޖާ ކިހާ ރަނގަޅު ހެއްޔެވެ؟ ރަށްރަށުގެ އާބާދީގެ ތިންބައި ކުޅަ އެއްބައި ނޫނީ ދެބައި ކުޅަ އެއްބައި ނޫނީ ތިންބައި ކުޅަ ދެބައި، ތަދުގެ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވެ ދިޔަވިއްޔާއެވެ! އެހެންވީމާ ކިހާ ރަނގަޅު ހެއްޔެވެ؟

ޖުހާ: މަނިކުބޭމެން އަބަދުވެސް ތިޔަ ބަލަނީ ނުރަނގަޅު ފަރާތަށެވެ. އަބަދުވެސް ރަނގަޅު ފަރާތް ބަލަން އާދަކޮށްބަލާށެވެ!

މަނިކުބޭ: ދެން، އެކަމުގައި އޮތް ރަނގަޅު ފަރާތަކީ ކޮބާ ހެއްޔެވެ؟

ޖުހާ: ވެރިންނަށް އަރާމުގައި އުޅެވުނު ނޫން ހެއްޔެވެ؟ ހަމަގައިމު ވެސް އެމީހުންގެ އެކަކު ވެސް ބަނޑަށް މަރުވި ވާހަކައެއް ނީވެއެވެ. ރައްޔިތުން ބަނޑަށް ޖެހުނު ކަމުގައި ވިޔަސް، ވެރިންނަށް ތަނަވަސް ކަމުގައި އުދުހެވުނެއް ނޫން ހެއްޔެވެ؟ އިރުން އިރަށް އެ މީހުން ބޭނުން އެއްޗެއް ކައި ބޮވުނު ނޫން ހެއްޔެވެ؟

މަނިކުބޭ: ތިޔައީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ދިރި ތިބެން ޖެހެނީ ހަމައެކަނި ވެރިން ހެއްޔެވެ؟ ތިކަން ރަނގަޅު ކުރެވޭނީ ކޮން ހަމައަކުން ހެއްޔެވެ؟

ޖުހާ: މަނިކުބޭމެންގެ ވިސްނުން ހަމަ ކޮށީއެވެ! އަދި ހަނދާން ބަލީވެސް މެއެވެ! ނިކަން އަހަރުމެންގެ ގާނޫނަށް ބަލައިލަ ބަލާށެވެ! ގާނޫނުގައި އޮންނަނީ އަހަރުމެންގެ ވެރިން އުޅެން ޖެހޭނީ އެންމެ ކުރިއަރާފައިވާ އެމެރިކާއާއި ޔޫރަޕު މީހުން އުޅޭ ގޮތަށެވެ. އެހެންވީމާ އެ މީހުންގެ މުސާރަތައް ވެސް ހަމަ އެފަދަ ކުރިއަރާފައިވާ ގައުމުތަކާ އެއްވަރު ވާންޖެހެއެވެ. އަހަރުމެންގެ އާންމުން އެ ދަރަޖަައިގައި އުޅުން ރަނގަޅެއް ނުވާނެއެވެ. ރަސްކަލުންނާއި ކަސްކަލުން އެއްވަރުވެގެންގެ ނުވާނެ ނޫން ހެއްޔެވެ؟ އެއްވަރު ވެއްޖެ ނަމަ، ވެރިންގެ ބޮޑުކަން ފާހަގަ ވެސް ނުކުރެވޭނެ ނޫން ހެއްޔެވެ؟ ވިސްނުމުގެ ހަމައިން ބަލާއިރު ވެރިންނަށް ވެސް މިތިބީ މާ ބޮޑު ތައުލީމެއް ނެތް، ރަނގަޅަށް ލިޔެކިޔަން ވެސް ނޭނގޭ މީހުންނޫން ހެއްޔެވެ؟ އެ މީހުންގެ ބޮޑުކަން އަންނަނީ އެ މީހުންގެ ބޮޑެތި މަގާމުތަކާއި އެ މަގާމުތަކާ ގުޅިފައި އޮންނަ މުސާރައިންނެވެ. ދެން، ބޭރު ދުނިޔެއަށް ވެސް ފެންނާނީ އެ މީހުން މުއްސަނދިކޮށް އުޅޭ ތަނެވެ. އެހެންވީމާ، ވެރިންގެ ޚިޔާލީ ދުނިޔޭގައި ނަމަވެސް، އެ މީހުންނަކީ އެއްވަނަ ދުނިޔޭގެ މީހުންނެވެ. އާންމު ރައްޔިތުން ތަނަވަހުގައި އުޅެފި ނަމަ، މިކަމެއް ނުފެންނާނެ ނޫން ހެއްޔެވެ؟ އެހެންވީމައި އާންމު ރައްޔިތުން އުޅެންވާނީ އިންޑިޔާގެ ސުލަމްގެ ދިރުއުޅުމެވެ. ދެން، ތިން އިރުގެ ބަދަލުގައި އެއް އިރު ކައިފައި، ދިހަ ފޫޓު ދިހަ ފޫޓު ގޮޅިއެއްގައި އެ މީހުން އުޅެން ހަމަ އެންމެ ރަނގަޅެވެ!

މަނިކުބޭ: އާނ! މިހާރު އަހަންނަށް ވިސްނިއްޖެއެވެ. އަހަރުމެންގެ ވެރިން އުޅެން ޖެހޭނީ އެއްވަނަ ދުނިޔޭގެ ދިރިއުޅުމެވެ. އަރަބި މުއްސަނދި ރަސްރަސްކަލުންގެ މުއްސަނދިކަން ފަދަ މުއްސަނދިކަމުގެ ތެރޭގައެވެ. އާންމު ރައްޔިތުން އުޅެން ޖެހޭނީ ނުކައިނުބޮއި ސުލަމްތަކުގައި އުޅޭ ދިރިއުޅުމެވެ. ވެރިން މަރުވީމައި ވެސް، އެ މީހުންގެ ގަބުރުތަކުގައި ވެސް ގުއްބުތަކާއި ބިނާތައް އަޅައި މަޒާރު ހަދައި އެތަނަށް ވެސް ކާންދޭން ޖެހޭނެއެވެ! ވެރިން ވެރިކަމުން ދުރުވީމާ ވެސް އާންމުން އަތުން ފައިސާ ނަގައި އެ މީހުންނަށް ބޮޑެތި މުސާރަދީ ނުހައްގު އިނާޔަތްތައް ދޭން ޖެހޭނެއެވެ. އަދި، މިލިޔަނުން މިލިޔަނުން ޚަރަދުކޮށް ވެރިންގެ ސަފުތަކުގައި ތިބޭ މީހުންނާއި އެ މީހުން ހިމާޔަތް ކުރަން ތިބޭ މީހުންނާއި އެ މީހުންގެ އަނބިދަރިންނާއި މައިންބަފައިންނަށް ވެސް ސިއްހީ ޚިދުމަތްތަކާއި އެ ނޫން ވެސް އިނާޔަތްތައް ދޭން ޖެހޭނެއެވެ. ވަރަށް ވެސް ރަނގަޅު ސިޔާސީ ނިޒާމެކެވެ! ނަމޫނާ ޑިމޮކުރަސީގެ ނިޒާމެކެވެ!