ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތް ކަމުގައި އަންނަ އަހަރުން ފެށިގެން ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބު ކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައިދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކީ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް ސަރުކާރުން ޚާއްޞަ ހޭދައެއް ކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ޙާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.
ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަހުރި ގޮތްކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް މަގުފަހިކޮށްދެއްވުމަށްވެސް މި ސަރުކާރުން ސަމާލުކަންދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް"ގެ ނަމުގައި އިތުރު ދެ ވަޤްފު އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށްގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ކީރިތި ޤުރުއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައި މި ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޔަތާއި ޢަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށް އިލްތިމާސްކުރައްވާފައެވެ.