މޯލްޑިވިއަނުން އިންޑިއާގެ ޓްރިވެންޑްރަމް ނުވަތަ ތިރުވަނަންތަޕުރަމަށް މިހާރު ހަމަޖައްސައިފައިވާ ފްލައިޓްތަކުގެ އަދަދު އިތުރުކުރަން ނިންމައިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް މިއަދު ބުނެފިއެވެ.
"މިއީ ފަސިންޖަރުންގެ ޑިމާންޑް އިތުރުވުމާ ގުޅިގެން ހަމަޖެއްސި ގޮތެއް،" ގައުމީ އެއާލައިން ހިންގާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ހަފުތާއަކު ހަތަރު ފްލައިޓް ޓްރިވެންޑްރަމާ ދެމެދު މޯލްޑިވިއަނުން މިހާރު ވެސް އޮޕަރޭޓްކުރެއެވެ. އެއީ ކޮންމެ ހޮނިހިރު، އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. ޓްރިވެންޑްރަމަށް ހަމަޖެއްސި އިތުރު ފްލައިޓް އޮންނާނީ ކޮންމެ ހޯމަ ދުވަހަކުއެވެ. މި ފްލައިޓް ފަށަން ހަމަޖައްސައިފައިވަނީ މި މަހު 22 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަނުން މިހާރު ވެސް ހަފުތާއަކު އިތުރު ދެ ފްލައިޓް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ޓްރިވެންޑްރަމަށް އޮޕަރޭޓްކުރެއެވެ. އެއީ ހޯމަ އަދި ހުކުރު ދުވަހަކުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރިވެންޑްރަމަށް އަލަށް ހަމަޖެއްސި ހޯމަ ދުވަހުގެ އިތުރު ފްލައިޓް ރާއްޖެއިން ފުރާ ގަޑިއަކީ އިރުއޮއްސި 6.40 އެވެ. ޓްރިވެންޑްރަމުން އެނބުރި ރާއްޖެ އަންނަން ނައްޓާލާނީ 10.20 ގައެވެ. ދެ ފްލައިޓްގައި ވެސް ބޭނުން ކުރަން ހަމަޖައްސައިފައިވަނީ އިތުބާރު ހިފޭ އަދި އަރާމު ޑޭޝް އަށެއްގެ މަތިންދާބޯޓެވެ.
މޯލްޑިވިއަނުން ބުނީ މި ފްލައިޓްގެ ސަބަބުން ޓްރިވެންޑްރަމާއި ރާއްޖެ މަގުގައި ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަކަމާއި އިތުރު އިހުތިޔާރު ލިބޭނެ ކަމަށެވެ.
"ވިޔަފާރިއަށް ވިޔަސް ނުވަތަ ޗުއްޓީއަށް ވިޔަސް، ރާއްޖެ އާއި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ގިނަ އިހުތިޔާރުތަކެއް ލިބޭނެ،" މޯލްޑިވިއަނުން ބުންޏެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ދަތުރުތަކަށް ފުޅާ ދާއިރާއެއްގައި މޯލްޑިވިއަނުން ފްލައިޓް އޮޕަރޭޓް ކުރަމުންދެއެވެ. އެ ގޮތުން ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓުގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް އަދި ޝްރީ ލަންކާއަށް ދަތުރުކުރެއެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގައި ބިމަށް ޖައްސާ މަތިންދާބޯޓު އެންމެ ގިނަ އަދަދަކަށް އޮޕަރޭޓްކުރާ އެއާލައިނެވެ. އަދި ކަނޑަށް ޖައްސާ މަތިންދާބޯޓު ނުވަތަ ސީޕްލޭން އޮޕަރޭޓްކުރުމުގެ ދާއިރާގައި ވެސް މޯލްޑިވިއަން ހަރަކާތްތެރިވެއެވެ.



advertisment

