ކުޅަދާނަކަން ލިބިފައިވާ ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނަކު ކައިވެންޏެއްގެ މަތީގައި ތިބުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައި އޮތް ކަމެކެވެ. އަދިކިއެއް، ބައެއް ނަޞާރާއިންނާ އެއްގޮތަށް ކައިވެންޏެއް ނުކޮށް ޢުމުރު ދުއްވާލުމަކީ ނަބަވީ އިރުޝާދާ އިދިކީލަ ޢަމަލެކެވެ. އިސްލާމީ ރިސާލަތު އައިސްފައި އޮތީ ޔަޙޫދީންނާއި ނަޞާރާއިންގެ އެފަދަ ޢަމަލުތަކާ ޚިލާފުވާ ގޮތެއްގެ މައްޗަށެވެ. އިންސާނިއްޔަތަށް އަބުރުވެރި، ރަނގަޅު މަގު ބަޔާންކުރާ ހާލުގައެވެ.
އެހެނަސް މިކަން ކުރުމުގައި މިއަދު ބައެއް މުސްލިމުން ވަނީ ހަރުކަށި އުޞޫލުތަކެއް އިޚްތިޔާރު ކޮށްފައެވެ. އަމިއްލަ ސަޤާފަތުގެ ނަމުގައެވެ. އެގޮތުން އަންހެން ދަރި ނުވަތަ ފިރިހެން ދަރި ވަކި ޢާއިލާއެއްގެ ނުވަތަ ގާތްތިމާގެ ވަކި މީހަކާ ކައިވެނި ކުރުމަށް އެބަ މަޖުބޫރުކުރުވައެވެ. މިއީ އިސްލާމްދީނުގެ އަސާސްތަކާއި އަދި ޙިކުމަތުގެ މަގުން ޚިލާފު ޢަމަލެކެވެ. ކައިވެނި ކުރުމުގައި އިސްލާމްދީން ދައްކާފައި އޮތީ ވަރަށް ތަނަވަސް މަގެކެވެ. ޖާހިލިއްޔަ ޒަމާނުގައި ކައިވެނީގެ ކަންކަން އޮތް ގޮތާއި މުޅިން ތަފާތު ގޮތަކަށެވެ. އިސްލާމީ ރިސާލަތު އައިސްފައި އޮތީ އަސަބިއްޔަތާއި މުޅިން ތަފާތު ކޮށެވެ.
ނަބިއްޔާގެ ﷺ ޒަމާނުގައި އިސްލާމީ ރިސާލަތަށް ފުރަތަމަކޮޅުގައި އީމާންވެގެން ތިބީ މަދު ބައެކެވެ. އަދި ﷲގެ ވަޙީ ބަސްފުޅާއިއެކު މުޢުމިނުންނާއި ކާފަރުން ކައިވެނި ކުރުން މަނާކުރެވިފައިވެއެވެ. އެހެންކަމުން ކައިވެނީގެ ކަންކަން އޭރު ބިނާވެފައި އޮތީ އެވަޤުތު އީމާންވެގެން ތިބި މަދު މީހުންގެ ތެރޭގައެވެ. އެއީ ޙިޖާޒުކަރައިގެ ތެރޭގައި ދިރިއުޅުނު ދެކެފަރިތަ ޢާއިލީ މުޢުމިނުންގެ މެދުގައެވެ. އެމަގުން ފާތިމާ (ރަޟިﷲ ޢަންހާ) އަދި ޢަލީގެފާނުގެ ކައިވެނިވެސް ކުރެވިގެން ދިޔައެވެ. އެހެނީ އެވަޤުތު އީމާންވެގެން ތިބި މަދު މުޢުމިނުންގެ ތެރެއިން ނަބިއްޔާ ﷺ އެންމެ އިތުބާރު ކުރައްވާ ފަރުދަކަށްވެފައި އޮތީ ޢަލީގެފާނެއެވެ. އާދަމް (އަލައިޙިއް ސަލާމް) ވެސް ތަންފީޒުކުރީ މިފަދަ އުޞޫލެކެވެ.
އެހެނަސް ޙައްޖަތުލް ވަދާޢުގައި އިސްލާމްދީން ފުރިހަމަ ވުމަށްފަހު، ކައިވެނީގެ ކަންކަމަކީ އަސަބިއްޔަތާއި ޚިލާފަށް ތަނަވެސްވެފައި އޮތް ކަމެކެވެ. ދީން ޙުއްދަ ކުރައްވާފައިވާ ދިމާލުން އެމީހަކު ހިތް ރުހޭ ފަރުދަކާ ކައިވެނި ކުރުމަކީ މަޖުބޫރު ކުރުވުމެއް ނެތި ލިބިފައި އޮތް ޙައްޤެކެވެ. ޙަޔާތުގެ ބައިވެރިޔާއަކީ ކޮންމެހެން ތިމާގެ ޤަބީލާ ނުވަތަ ރަށުގެ މީހަކަށް ވާކަށް ނުޖެހެއެވެ. އެހެނަސް ހިތާމައަކީތޯއެވެ؟ ނަބިއްޔާގެ އިރުޝާދާ ޚިލާފަށް ބައެއް އިސްލާމީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ ކަމެވެ. ޚާއްޞަކޮށް އުންމަތުގެ އަންހެންވެރިންނާ މެދުގައެވެ. އަންހެން ދަރިންނާ މެދުގައެވެ. ގާތްތިމާގެ މީހަކާ ކައިވެނި ކުރުމަށް މަޖުބޫރު ކުރުވަނީއެވެ. ތިމާ ނިސްބަތްވާ އަސަބިއްޔަތުގެ މައްޗަށެވެ. އަދިކިއެއް، އެމީހުން ދައްކާ މީހަކާ ކައިވެނި ނުކޮށްފިނަމަ އެ އަންހެން ކުއްޖާއަށް ކައިވެނި ކުރުމަށް މަންމަ އާއި ބައްޕަ އިތުރު މަގެއް ހޯދައި ދިނުމަށް މަސައްކަތް ކުރަނީއަކީވެސް ނޫނެވެ. މިގޮތުގައި އެތައް ބަޔަކު އިސްލާމީ މުޖުތަމަޢުގައި ކައިވެނި ނުކުރެވިފައި އެބަތިއްބެވެ. މިއީ ކަނޑައެޅިގެން ނަބިއްޔާގެ އިރުޝާދާ ޚިލާފު ޢަމަލެކެވެ. އަދި މިއީ ދެވޭ އަނިޔާއެކެވެ.
* އަޠްހަރު އަޙްމަދުގެ ލިޔުއްވުމެއް