ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ހިނގަމުންދާ މައްސަލައަށް ރާއްޖެއިން ތަދައްޚުލުވެވޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގެ ތެރެއަށް ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތާއި ޑެންމާކާއި ކެނެޑާ އާއި ފްރާންސާއި ޖަރުމަނާއި ނެދަލެންޑްވެސް ވަންނަން އެދިފައިވާތީ އެ ހަ ގައުމަށް ވެސް ވަނީ ފުރުސަތު ދީފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ބަލައިގަތުމަށް އައި.ސީ.ޖޭ.ގެ ފަނޑިޔާރުންގެ އިއްތިފާޤުން މި މަހު ތިންވަނަ ދުވަހު ނިންމައިފައުވާ ކަމަށެވެ. އެގޮތުން، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުޢާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަވެންޝަންގައި ހުރި ކަންކަމަކީ އެ ކޯޓަށް ބެލެވޭނެ ކަންކަން ކަމަށް އެ ކޯޓުން ނިންމަވާފައިވާ ކަމަށެވެ. އެ ކޯޓުން މިގޮތަށް ނިންމަވާފައި ވަނީ، ރާއްޖޭގެ އިންޓަވެންޝަން ބަލައިގަތުމާމެދު މިޔަންމާއިން އިޢުތިރާޟެއް ހުށަހަޅާފައިވަނިކޮށެވެ.
ރާއްޖެއިން ތަދައްޚުލުވުމުގެ ފުރުޞަތު ލިބުނު މި މައްސަލައަކީ، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް 11 ނޮވެމްބަރ 2019 ގައި، އައި.ސީ.ޖޭ އަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

"ރޮހިންޖާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެއެވެ." ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.



advertisment