Support Us

ހަމަލާ ދިނުމުން ޓްރަމްޕު ހިމާޔަތްކޮށް، ސްޓޭޖުން ބާލައިގެން ގެންދަނީ

ޓްރަމްޕް އަވަހަރާކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެވަޑައިގެންފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހަރާކޮށްލަން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސް ކަމަށް އަލުން ވަޑައިގަތުމަށް ޕެންސިލްވީނިޔާގައި ހޮނިހިރު ދުވަހު ހަވީރު ކުރިއަށްގެންދެވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ދިން މި ހަމަލާ އަމާޒުވެފައި ވަނީ ޓްރަމްޕުގެ ކަނާތު ކަންފަތްޕުޅަށެވެ. އެއާއެކު ސީކްރެޓް ސާވިސް އެޖެންޓުން ވަނީ ވަގުތުން ޓްރަމްޕް ހިމާޔަތްކޮށް، ސްޓޭޖުން ބާލައިގެން ގެންގޮސްފައެވެ. އޭރު ޓްރަމްޕްގެ ކަންފަތްޕުޅާއި މޫނުފުޅުގައި ލޭތައް ހުއްޓެވެ.

އެއްވެފައި ތިބި މީހުންގަނޑުތެރެއަށް ބަޑި ޖެހި މީހަކު ސީކްރެޓް ސާވިސް އެޖެންޓުން ވަނީ ބަޑި ޖަހައި މަރާލައިފައެވެ.

ބަޑިޖެހުމުގެ މި ހަމަލާގައި ދެ މީހަކު ވަނީ ޒަހަމްވެފައެވެ.

ޓްރަމްޕް ދެން ވަނީ އެ ތަނުން ދުރަށް ގެންގޮސް އޭނާގެ ކާރުކޮޅަށް އަރުވައިފައެވެ.

ހަމަލާ ދިނުމުން ޓްރަމްޕު ހިމާޔަތްކޮށް، ސްޓޭޖުން ބާލައިގެން ގެންދަނީ

ރެލީ ބޭއްވި ސަރަހައްދު މިހާރު ވަނީ ޖިނާއީ ކުށެއް ހިންގި ސަރަހައްދެއް ގޮތަށް ބަންދުކޮށްފައެވެ. އަދި ތަހުގީގާ ވަނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި.)އިން ހަވާލުވެފައެވެ.

ޓްރަމްޕްގެ ކެމްޕޭން ޓީމާއި ސީކްރެޓް ސާވިސްއިން ބުނީ ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ރެލީ ބޭއްވި ތަނާ ކައިރީގައި ހުރި ސިއްހީ މަރުކަޒަކަށް ޓްރަމްޕް ދެއްކި ކަމަށެވެ.

ޓްރަމްޕް ފަހުން ވަނީ ޓްރުތު ސޯޝަލް ވެބްސައިޓުގައި މި ހަމަލާއާ ބެހޭ ގޮތުން ބަޔާނެއް ދެއްވައިފައެވެ.

"ވަޒަން އެރީ އަހަރެންގެ ކަނާތު ކަންފަތުގެ މަތީ ބަޔަށް،" ޓްރަމްޕް ލިޔުއްވިއެވެ.

އިތުރު މީޑިއާ ރިޕޯޓްތަކުން ބުނީ ކުދިކުދިވެފައިވާ ބިއްލޫރިކޮޅުތަކެއް ވެސް ޓްރަމްޕްގެ ހަށިކޮޅުގައި ޖެހިފައިވާ ކަމަށެވެ.

ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ރިޗަޑް ގޯލްޑިންގަރ ވިދާޅުވީ ޓްރަމްޕާ ދިމާއަށް ބަޑި ޖެހި މީހާ ކަމަށް ޝައްކު ކުރެވޭ މީހާ މަރައިލި ކަމަށް ބެލެވޭ ކަމަށެވެ. އަދި ރެލީގައި ބައިވެރިވި އާއްމު މީހަކު ވެސް ސީރިއަސް ހާލަތެއްގައި ޒަހަމްވެފައިވާ ކަމަށެވެ. 

"މި ތަހުގީގު ކުރިއަށް ގެންދަނީ މިއީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައި ބަލައިގެން،" ރިޗަޑް ވިދާޅުވިއެވެ.

ބަޑިޖެހި މީހާ ވަނީ މަރައިލައިފައި ކަމަށް ސީކްރެޓް ސާވިސްއިން ޔަގީންކޮށްދިނެވެ.

އެ މީހާ ހުރީ އިމާރާތެއްގެ ޓެރެސްގައި ކަމަށާއި ޓްރަމްޕާ ދިމާއަށް ބަޑިޖެހީ އޭ.އާރް ރައިފަލް ބަޑިއަކުން ކަމަށް އޭ.ބީ.ސީ ނިއުސްއިން ރިޕޯޓުކުރިއެވެ.

ޓްރަމްޕަށް ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ފަހުން ރައީސް ޖޯ ބައިޑަން ދެއްވި ތަގުރީރެއްގައި ވިދާޅުވީ ސިޔާސީ އަނިޔާވެރިކަމާ އެންމެން ވެސް ދެކޮޅުހަދަންޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސުން ބުނީ ހަމަލާއަށް ފަހު ބައިޑަން ޓްރަމްޕާ ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް