ދިރިއުޅުމުގެ ހަޔާތަކީ އުފަލާއި ހިތާމައިގެ ދަތުރެކެވެ. މި ސާދާ ހަތް ގަވާއިދު ނުވަތަ އުސޫލުގައި ހިފަހައްޓައިގެން ދުނިޔޭގެ ހަޔާތުގައި ކާމިޔާބު އަދި އަމާން ދަތުރެއް ކުރެވިދާނެއެވެ. މިއީ، ސްޓީވަން އާރު. ކޯވީގެ "ސެވަން ރޫލް އޮފް ލައިފް" ގައިވާ ހަތް އަސާސް އަސްލަކަށް ބަލައިގެ އޭގެ މައްޗަށް ކޮށްލައިފައިވާ އުނިއިތުރުކޮށްލުމެކެވެ. އިސްލާމީ ދިވެހި ވެށްޓަށް އެ ފިކުރުތައް ބައްޓަންކޮށްލެއްވޭތޯ ބެލީއެވެ.
1. މާޒީ ފަހާ ނުދުވާށެވެ؛
މާޒީއަށް ނުބަލައި ކުރިއަށް ދާށެވެ. މާޒީން ހޯދަން ޖެހޭނީ ޢިބުރަތެވެ. ނުރަނގަޅު މާޒީއަކުން މިއަދާއި މުސްތަގުބަލު ހަލާކުގެ ތެރެއަށް ވައްޓާނުލާށެވެ. ކުށެއް ކުރެވިފައިވާނަމަ ތައުބާވެ، ހަޔާތައިގެން ކުރިއަށްދާށެވެ.
2. އަޅާނުލާށެވެ؛
އެހެން މީހުން ތިބާއާ މެދު ކޮންމެ ގޮތަކަށް ދެކުނަސް ތިބާ ކުރާނީ ކީއްހެއްޔެވެ؟ އެކަމާ އަޅާނުލާށެވެ. ނަމަވެސް ހެޔޮލަފާ މީހުންގެ ހެޔޮ ނަސޭހަތް އަޑުއަހަންވާނެއެވެ. ކާމިޔާބުގެ އައްސޭރިއަކަށް ވާސިލުވާން އެދޭނަމަ ހިތްމަރާލައި މާޔޫސްކޮށްލާ ފަދަ ބޭކާރު އަޑުތައް ނާހާށެވެ. ތިބާއަށް އޮތީ އެފަދަ އަޑުތައްނާހާ އިޚުލާޞްތެރިކަމާއެކު ކުރާ ކަމެއްގައި ގަދައަޅާ މަސައްކަތްކުރުމެވެ.
3. ވަގުތު ދޭށެވެ؛
ވަގުތަކީ ގާތްގަނޑަކަށް ހުރިހާ ކަމެއްގެ ހައްލެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެކަން ދަންނާށެވެ. ގިނަ ކަންކަމުގައި ހެޔޮ ނަތީޖާ ނެރެވެނީ އެ ކަންކަމަށް ގިނަ ވަގުތު ދީގެންނެވެ. ދިރިއުޅުމުގެ ދަތުރު ކުރާ ކަނޑު ބައެއް ދުވަސްދުވަހު ފެންނާނީ ހިމޭންވެ، ފާނޯވެފައި އޮއްވައެވެ. އަނެއްބައި ދުވަސްދުވަހު އޮންނާނީ ބިޔަ ރާޅުތަކުގެ ހުދު ފޮނުން ފުރާލައިފައެވެ.
4. އަޅާނުކިޔާށެވެ؛
އަމިއްލަ ނަފުސާއި އެހެން މީހުންނާ އަޅާ ނުކިޔާށެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއާ އެހެން މީހުންނާ އަޅާ ނުކިޔާށެވެ. ތިމާގެ ދަރިންނާ އެހެން މީހުންގެ ދަރިންނާ އަޅާނުކިޔާށެވެ. ތިބާގެ ހަޔާތުގެ ދަތުރުގެ މާލިމީއަކީ ތިޔައީއެވެ. ހަސަދަވެރިކަމުގެ ނިރެއް ހިތުގައި ފެޅިޔަނުދޭށެވެ.
5. ހަމަޖެހޭށެވެ؛
ތިބާގެ ހަޔާތް އުފާވެރި ހަޔާތަކަށް ހެދޭނީ ތިބާއަށެވެ. ރުޅިމަޑުކޮށް، ކެތްތެރިކަމާއި އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރާށެވެ. ލިބޭ މިންވަރަށް ރުހޭށެވެ. ލިބޭވަރުން ޚަރަދުކުރާށެވެ. ތިބާ އެދޭ ކަންކަން ހާސިލުނުވެ ހިނގާ ވަގުތުތަކުގައި އެހެން މީހުން ކުށްވެރި ނުކުރާށެވެ. އަދި އެހެން މީހުންނާމެދު ކުށްހީ ނުކުރާށެވެ. އެހެން މީހުންގެ ކަންކަމާ ބެހި ގޮތްފާޑު ވެސް ނުކިޔާށެވެ. ކަންކަމުގައި އަވަސް އަރުވާލައިގެން ނޫޅެވެ.
6. ފިކުރު ބޮޑުނުވާށެވެ؛
ފިކުރުކުރުމުގައި ވެސް ހައްދެއްވެއެވެ. ބޭކާރު ވިސްނުންތަކުން ނަފުސާނީ ދުޅަހެޔޮކަން ގެއްލިދާނެއެވެ. ނަފުސާނީ ދުޅަހެޔޮކަމާއެކު ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރުކުރާނެއެވެ. ދުނިޔެ މަތީގައި ޖަވާބު ނުލިބޭ އެތައް ސުވާލަކާއި އިންސާފު ނުލިބޭ އެތައް މައްސަލައެއް ފެންނާނެއެވެ. ހާސިލުނުވާ އެތައް ލަނޑުދަނޑިއެއް ހުންނާނެއެވެ. ތިބާއާ އެކަށީގެންނުވާ ވަރުގެ ނުވަތަ މާ މަތީ އުންމީދުތައް ކުރާނަމަ ފިކުރު ބޮޑުވެ ނުތަނަވަސްކަން ބޮޑުވެ އުފާވެރިކަން ގެއްލޭނެއެވެ.
7. ހިނިތުންވެލާށެވެ؛
ހިނިތުންވުމަކީ ވަރަށް ގިނަ ގުޅުންތަކެއްގެ ބަދަހިކޮށްދޭ ބާރެކެވެ. ހުރިހާ މައްސަލަތަކެއް ހައްލުވެގެން ހީލަން ހުންނަ މީހާ ހީލާނެ ދުވަހެއް ނާންނާނެއެވެ. އެހެން މީހުންނަށް މަޢާފުކޮށް، ކަންކަމުގައި ދޫދީ، ބޭކާރު އަނގަތެޅުމުން ދުރުވާށެވެ. އުފާވެރި މޫނެއްގެ އަހުލުވެރިއަކަށް ވާށެވެ.
ފޮޓޯ: ކޮންރެޑް މޯލްޑިވްސް ރަންގަލި.
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment