އިނގިރޭސި ވިލާތުގެ ޕެމްބްރޯކްޝަޔާގައި ދިރިއުޅޭ އޮލީ ބާޑް 16 އަހަރު ވަންދެން ގެންގުޅުނު ކުއްތާ މަރުވުމުގެ ހިތާމައިގައި އުޅެނިކޮށް ލިބުނީ އާދަޔާ ހިލާފު ހަބަރެކެވެ. ގްރީން އޭކާސް ކިޔާ ކުއްތާ ގެންގުޅޭ ހިޔާވައްސެއްގައި ހަ ފައި ހުރި ކުއްތާއެއް އުޅޭ ކަމަށެވެ.
"އާރިއެލް" ނަމަކަށް ކިޔާ މި ކުއްތާ އެ ތަނުން ހޯދީ ކޮންމެވެސް މީހަކު އެ ސޮރު މަގުމަތިކޮށްލުމުން ފިހާރައެއްގެ ދޮށުގައި އުޅެނިކޮށެވެ. އޮލީ އެ ތަނަށް ގުޅުމުން އޭނާއާ އާރިއެލް ހަވާލު ކުރަން އެ ތަނުން ނިންމީއެވެ.
ސާޖަރީ ހެދުމަށް ފަހު އާރިއަލްގެ ހަށިގަނޑުގައި އިތުރަށް ހުރި ދެ ފައި ވަކިކޮށްލިއެވެ.
އާރިއެލްގައި ހުރި އާދަޔާހިލާފު އިތުރު ސިފަތަކަކީ އެ ސޮރުގެ ހުރީ އެއް ކިޑްނީ ކަމެވެ. އޭގެ އިތުރުން އަންހެން ޖިންސީ ގުނަވަނުގެ ދެ ގުނަވަން އިނދެއެވެ.

އޮލީ ބުނީ އާރިއެލްއަށް ފަތަން އެނގޭ ކަމަށާއި އަދި ބޯޑުގައި ރާޅާއަޅާ ކަމަށެވެ؛ އުމުރުން 40 އަހަރުގެ އޮލީއަކީ ރާޅާ އަޅަން ދަސްކޮށްދޭ ސްކޫލެއް ހިންގާ މީހެކެވެ.
ގްރީންއޭކާސްއިން ބުނީ އާރިއެލް އެ ތަނަށް ގެނައީ އެ ސޮރުގެ އުމުރުން 11 ހަފުތާގައި ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
"އަހަރެން ގެންގުޅުނު މަރުވި ކުއްތާ އަހަރެންގެ ގެއަށް ގެނައީ މީގެ 13 އަހަރު ކުރިން. އެއީ ގޮނޑުދޮށުގައި އުޅެނިކޮށް. ވީ ކީއްކަމެއް ނޭނގެ ހަމަ ކުއްލިއަކަށް އެއް ރޭ އެ ސޮރު މަރުވީ،" އޮލީ ބުންޏެވެ.
އޭނާ ބުނީ އޭނާ ދާ ކޮންމެ ތަނަކަށް އާރިއެލް ދާ ކަމަށެވެ.
"އޭނާއަށް ބަރާބަރަށް ހިނގޭ،" އޮލީ ބުންޏެވެ.
އޭނާ ބުނީ އާރިއެލް ކުޑަކުދިންނާ ސަކަރާތްޖަހައިހިތްވާ ކަމަށެވެ.
އާރިއެލްގެ އޮޕަރޭޝަންތަކަށް 15،000 ޕައުންޑް ލިބުނީ އާއްމުންގެ ޗަންދާގެ ގޮތުގައި ކަމަށް އޮލީ ބުންޏެވެ.
"ދުނިޔޭގެ އެތައް މިތަނުން ގާތްގަނޑަކަށް 20،000 ފޯން ކޯލު ލިބުނު އާރިއެލްގެ އޮޕަރޭޝަންތައް ކާމިޔާބުތޯ ބަލަން،" އޮލީ ބުންޏެވެ.



advertisment