Support Us

ސައީދުގެ ތުލަ ކޮލަމް

ބަޖެޓު ވެންޓިލޭޓަރުގައި

އަޅުގަނޑުގެ ކޮލަމްގައި އެއްޗެއް ލިޔެނުލެވޭތާ ތަންކޮޅެއް ގިނަދުވަސްވީތީ ނުހަނު ހިތާމައާއެކު މައާފަށް އެދެމެވެ. ކޮލަމްގައި ލިޔެލާނެ އެއްޗަކާ ދޭތެރޭ ވިސްނަންހުއްޓާ، ފައިދަށުން ބިންގަނޑު ގުޑުވާލަނީ ކޮންމެ ދުވަހަކުވެސް ކޯވިޑަށް ފައްސިވާ މަތީ ޢަދަދުތަކުންނެވެ. އެކަމަށް ވިސްނަން ހުއްޓާ ދެން މި ތިލަވަނީ މުޅި މީހާގެ ލޭ ގަނޑުވާ މިންވަރުގެ ޢަދަދުތަކުން މަކަރުހަދައި އޮޅުވާލާފައިވާ ރިޕޯޓުތަކުގެ ވާހަކައެވެ.

ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ތަކަކީ ކޮންމެވެސް މިންވަރަކަށް ރައްޔިތުންނަށް ތިލަވެފައިވާ ވާހަކަ ތަކެކެވެ. އެކަމުގައި ޝާމިލްވާ މީހުންނަށް އެއްދުވަހު އަދަބެއް ދޭއިރު، ޖެހިގެން އަންނަ ދުވަހު، އެ އަދަބެއް މަޢާފްވެ، މީހާއަށް މާބޮޑު މަގާމެއްވެސް ލިބިދާނެއެވެ. މިއީ ދިވެހިރާއްޖެއެވެ. ކޮންމެ ކަމެއްވެސް ކޮންމެ ގޮތަކަށްވެސް ހިނގައިދާނެއެވެ.

އަބަދުވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދިއްކުރާ އިނގިއްޔަކީ ވައްކަމާއި ފަސާދައިގެ އިގިއްޔެވެ. މީގެ ކުރިން، 2013 އިން 2018 އަށް އޮތް ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއަށް ގެނައި އުމްރާނީ ތަރައްގީއަށް ފަސްއަޅައި ފޮރުވާލެވޭ ވަރަށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަމުންގެންދާ އަދި ހިންގާފައިވާ ފަސާދައާއި ކޮރަޕްޝަނުގެ ވާހަކައެވެ. ރިޔާސީ އިންތިޚާބުން އެމަނިކުފާނު ބަލިވާންޖެހުނު މައިގަނޑު ސަބަބަކީވެސް އެއީ ކަމުގައި ދަންނަވަން ޖެހެއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ރައީސް ޔާމީންގެ ދައުރުގައި ދައުލަތުން ގެއްލުނު ފައިސާ ހޯދައިދޭނެ ކަމުގެ ވާހަކައެވެ. އެކަމަށް ރިޔާސީ ކޮމިޝަނެއްވެސް ހަދައިގެން މަސައްކަތްތަކެއް ކުރެވުނެވެ. އެކަމުގެ ނަތީޖާ ވަޒަން ކުރައްވާނީ ތިޔަ ބޭފުޅުންނެވެ.

އެމްޑީޕީއަކީ އަބަދުވެސް ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ވާހަކަ ދައްކާ ޕާޓީއެކެވެ. އެއްވެސް ރައްޔިތަކު ދައުލަތަށް ލިބޭ ފައިސާއަށް ދައުލަތުގެ މުވައްޒަފަކުވިޔަސް އަދި އެހެން މީހަކުވިޔަސް ޚިޔާނާތްތެރި ވުމަކީ ބަލައިގަންނާނެ ކަމެއް ނޫނެވެ. ސޯޝަލް މީޑިޔާގެ ވަސީލަތް މިހާރު ކުރިއަރާފައިވާ މިންވަރުން، މީހަކު އަދި ކަމެއްކުރަން ހިތަށް އަރުވާލިއަސް އެކަމެއް އޮންނަނީ ކޮންމެވެސް މީހަކު ފަޅާއަރުވާލާފައެވެ. އެކަމަކުވެސް، އެފަދަ ކަންކަން ކުރާ މީހުން ހަމަ އެކަމުގައި ބާރަށް ކުރިއަށް ދަނީއެވެ. ބައިތުލްމާލުން މުށްޖަހާފައި ނަގަނީއެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ، ކޮރަޕްޝަނާ ފަސާދައާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދެކެވުނު ވާހަކަތަކަށް ރައްޔިތުން ކުރި އިތުބާރެވެ.

އެހެން ނަމަވެސް، 2018 ނޮވެމްބަރު 17 އިން ފެށިގެން މިވީހާ ތަނަށް ފެނުނު މަންޒަރަށް ބަލާއިރު، އަޖާއިބުވެ އަންތަރީސްވާ މަންޒަރު ފެނިއްޖެއެވެ. މި ސަރުކާރުގެ ތެރެއިން އުސޫލްތަކާ ޚިލާފަށް ހިންގާފައިވާ ފައިސާގެ ބޮޑެތި މުއާމަލާތުތަކުގެ ވާހަކައެވެ. ކާރިސާގައި ބޭނުންކުރަންޖެހޭ ވެންޓިލޭޓަރު ހޯދައިދޭ ނަމުގައި، ބައިތުލްމާލު ވެންޓިލޭޓަރަށް ލައިފިއެވެ. މާލެ ފުރަބަންދުކޮށް، މީހުންނަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، ބައެއް ޚާއްސަ މީހުން މަޖާކުރުމަށް ކާރުކާރުގައި އަންހެންކުދިން ހޮޓަލަކަށް އުފުލިވ ާހަކައެވެ. އެކަމުގެ ތެރެއިން އުފެދުނު އާވީގައި މިނިސްޓަރަކު ވަރަށް ނުރައްކާ ތުހުމަތެއްގައި ވަކިކުރެއްވުމެވެ.

ކޯވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން ގަތުމަށް އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލަ މީގެ ކުރިންވެސް މީޑިއާ ތަކުން ދިޔައީ ފާހަގަ ކުރަމުންނެވެ. ތަކުރާރުކޮށް އެކަމާ ސުވާލުކުރާތީ، ނޫސްވެރިއަކު "ބުލީ"ކުރި ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

ނަމަވެސް، ކަމުގެ ހަގީގަތް މިހާރު މިއޮތީ ހާމަވެފައެވެ. އޮޑިޓަރ ޖެނެރަލް އެއޮތީ ރިޕޯޓު ނެރުއްވާފައެވެ. ކަމާގުޅޭ މުއައްސަސާ ތަކުން އެދަނީ ތަހްގީގު ކުރަމުންނެވެ. ރައްޔިތުންގެ މަޖްލީހުންވެސް އެ ގެންދަވަނީ މައްސަލަ ބައްލަވަމުންނެވެ.

އަޅުގަނޑުގެ ސުވާލަކީ، މި ތަޙްގީގު 10 އަހަރަށް ދެމިގެންގޮސް، ކަމާ ނުގުޅޭ، ދެރަ، ނިކަމެތި މީހަކަށް ޙުކުމް އައުމުން މައްސަލަ ޙައްލުވީތޯއެވެ؟ ހަމަ އަލުންވެސް ހިނގާނީ އެއް ދުޅައަކަށް ނޫންތޯއެވެ؟ އެހެން ދަންނަވަން ޖެހެނީވެސް ސަބަބެއް އޮވެގެނެވެ.

ނުހައްގު މުއްސަނދި ކަމަކީ ކުށަކަށް ހެދުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ބަލައި، ޙުކުމް ކުރެވޭނެ ނިޒާމެއް ގާއިމް ކުރަންޖެހެއެވެ. ބޮޑެއް ކުޑައެއް މޫނެއް ކަނދުރާއެއް ބެލުމެއްނެތިއެވެ. މިފަދަ މައްސަލަތައް ޝަރުއީ މަރްޙަލާގައި ތާށިވެގެން ނުވާނެއެވެ. ޝަރުއީ މަރްޙަލާގައި މައްސަލަތައް ތާށިވެ، ފައިލަށް ކޮފީ އެޅި ފައިލްގައިވާ ލިއުންތައް ހަލާކުވީމާ، މައްސަލަވެސް ނުހިގާނެ ނޫންތޯއެވެ.

އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތަކީ މި ގައުމުގައި ހިންގުނު އެންމެ ބޮޑު ޚިޔާނާތްކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެތަނުން ފައިސާ ލިބުނު ގިނަ މީހުން ހިންގާފައި ހުރީ ޑޮލަރު ގަތުމަށް ހިންގި ސައްޙަ މުއާމަލާތު ކަމަށް ވާހަކަ ދެކެވެއެވެ. އެކަމަކު އެ އެކައުންޓުން ފައިސާ ލިބުނޭ ބުނާ އެކަކު ކުށްވެރި ވެއްޖެއެވެ. މައްސަލަތައް ހިންގުމުގައި ހަމަހަމަކަމެއް ނެތެވެ. އިންސާފުވެސް ގާއިމްކުރެވެނީ ބައިކުޅަ ބައިން އަދި ނަމެއްގައެވެ.

ވެންޓިލޭޓަރުގެ ރިޕޯޓު މިހާރު ތިއޮތީ ކަމާގުޅޭ ފަރާތްތަކުގެ އަތްމަތީގައެވެ. ދެން ތިޔަ ކަހަލަ ކަމަކަށް ހިތްވަރު ނުލިބޭ ގޮތަކަށް ތިޔަ މައްސަލަ އަވަހަށް ބައްލަވާ، ޚިޔާނާތްތެރިންނަށް ފިޔަވަޅު އަޅުއްވާށެވެ. މިއީ ތިޔަ ބޭފުޅުންގެ  ވެސް ގައުމެވެ. މިއަދު އަޅުގަނޑުމެން އަޅާނުލާ ވަރިހަމަ ކޮށްލި ކަމެއްގެ ނަތީޖާ މާދަމާ ބައްދަލުކުރާނީ އަޅުގަނޑުމެންގެ ދަރިންނާއެވެ.

މިހާތަނަށް ތިޔަ ބޭފުޅުން ވަކާލާތު ކުރައްވަމުން ގެންދެވި ހުރިހާ ކަމަކަށް ވަކާލާތު ކުރެއްވީ ހެޔޮ ނިޔަތުގައިކަން ދެއްކުމުގެ ޒިންމާ މިއަދު އޮތީ ތިޔަ ބޭފުޅުންގެ ކޮނޑުފުޅު މަތީގައެވެ.