އެއްވެސް ކަހަލަ ވަސީލަތެއް ބޭނުން ނުކޮށް އުސް އިމާރާތްތަކަށް އަރާ ޕޮލެންޑްގެ "ސްޕައިޑަރ-މޭން" އާޖެންޓީނާގައި ހައްޔަރުކޮށްފިއެވެ.
މާޗިން ބޭން ހައްޔަރުކުރީ އާޖެންޓީނާގެ ވެރިރަށް ބުއިނޮސް އައިރިސްގައި ހުރި 30 ބުރީގެ އިމާރާތަކަށް ސަލާމަތީ ފިޔަވަޅުތައް ނާޅާ އެރުމުންނެވެ.
ގްލޮބަންޓް ނަމަކަށް ކިޔާ އިމާރާތުން އޭނާ ހިފެހެއްޓީ 25 ވަނަ ބުރިއަށް އެރިތަނާއެވެ. އޭނާ އެ ތަނުން ބޭލީ އަލިފާން ނިއްވާ އިދާރާގެ މުވައްޒަފުންނެވެ.
އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޖާޒީއެއް ލައިގެން ހުރި މާޗިން، އެ އިމާރާތަށް އަރަމުން ދިޔަ މަންޒަރު ބަލަން އެތައް ބަޔަކު އެއްވިއެވެ.
އިމާރާތުގެ އެތެރޭގައި ހުރި މީހަކު ރަސްމީ އިދާރާއަކަށް ގުޅުމުން މާޗިން ބާލަން އަލިފާން ނިއްވާ 30 މީހުން ފޮނުވިއެވެ. އޭގެ އިތުރުން އެމްބިއުލަންސްތަކާއި ފުލުހުންގެ ކާރުތައް ވެސް އިމާރާތް ދޮށަށް އެއްވިއެވެ.
އިމާރާތުން ބޭލުމަށް ސަލާމަތީ މުވައްޒަފުން ކުރަމުން ދިޔަ މަސައްކަތަށް މާޗިން ހުރަހެއް ނާޅައެވެ.
ބިންމައްޗަށް ބޭލުމަށްފަހު އޭނާ ހައްޔަރުކުރިއެވެ.
"އޭނާ ސަލާމަތްކުރުމުގެ މި އޮޕަރޭޝަނަށް ދިޔަ ހަރަދު އޭނާ ދައްކަން ޖެހިދާނެ،" އާޖެންޓީނާގެ އޮފިޝަލަކު ވިދާޅުވިއެވެ.
އުމުރުން 36 އަހަރުގެ މާޗިން ކުރިން ވެސް ވަނީ އެހެން ގައުމުތަކުގައި އުސް އިމާރާތްކަށް މި ގޮތަށް އަރައިފައެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާއަށް ތާއީދުކުރާ އެތައް ހާސް ފޭނުންވެއެވެ.
މާޗިން ގްލޯބަންޓް އިމާރާތަށް އަރަން މަސައްކަތް ކުރީ ކުރިން އެ އިމާރާތަށް އަރަން އޭނާ ކުރި މަސައްކަތަށް ފުލުހުން ހުރަސްއަޅައިފައިވަނިކޮށެވެ.



advertisment