Support Us

އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމު އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން: ރައީސުލްޖުމްހޫރިއްޔާ

ހިޖުރީ އައު އަހަރެއްގައި، އައު ކުރަންވީ އެއް ޢަޒުމަކީ އެއްބައިވަންތަވެ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

މި މުނާސަބާގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޖުރައިގެ މަތިވެރި ތާރީޚުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ޤައުމުގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ޢާއިލާތަކުގެ ބަދަހިކަމަށް މަސައްކަތްކޮށް އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިސްރާފު ނުކުރުމާ، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމާ، އައު އަހަރުގެ އަޒުމަކަށް ހަދަންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާ، ފުދުންތެރިކަމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުންކަން ފާހަގަކުރައްވާފައިވެއެވެ.

ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ފަލަޞްޠީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ، ހަނގުރާމައިގެ ނާމާން ޙާލަތަކީ މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅިގެން އެއް އުންމަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ ދިވެހީންގެ އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *