ކައިވެންޏެއް ރޫޅިފައިވާ އަންހެނެއްގެ ނަޒަރުން ވަރިވުމާ ކައިރިއަށް ހިނގައިދާނެ ފަސް ސަބަބަކަށް ބަލައިލާނަމެވެ.
1. ފިރިމީހާގެ ޝަހުސިއްޔަތު ބަދަލުކުރަން މަސައްކަތްކުރުން:
މިއީ ވަރިފަށަށް އަރަން އެންމެ ގިނައިން ދިމާވާ އެއް ސަބަބެވެ. ގުދުރަތީ ގޮތުން އަންހެނުންގެ ޝަހުސިއްޔަތު ހުންނަ ގޮތުން މި ކަމާ ދިމާއަށް ވަރަށް ފަސޭހައިން ދެވެއެވެ.
މި ކަމާ އެއްގޮތަކަށް ވެސް ކައިރިނުވާށެވެ. މިއީ ކޮންމެހެން ވެސް މި ކަމަށް "ނޫން" ބުނަންޖެހޭ ކަމެކެވެ. ކޮންމެ ކަމެއް ވެފައިވާ ނަމަވެސް ތިބާގެ ފިރިމީހާއާ ކައިވެނިކުރީ އޭނާ ދެކެ ލޯބިވާތީއެވެ. ފަހަރެއްގައި މިއީ ލޯބީގެ ގޮތުން ގުޅުމުގެ ފުރަތަމަ މަރުހަލާގައި އެރި "ފޯރިއެއް" ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ އޭނާއާ ގުޅުނީ އޭނާ އޭނާގެ ގޮތުގައި ބަލައިގަންނާށެވެ.
އޭނާގެ ޝަހުސިއްޔަތު ކޮންމެހެން ބަދަލުކުރާކަށް ނުޖެހެއެވެ. ނަމަވެސް ތިބާއަށްޓަކައި އެކަން ކުރަންޖެހޭ ކަމަށް ތިބާއަށް ފެންނަނީ ނަމަ، އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ކައިވެނީގައި ދުވަސްތައް ގުނަމުންދާއިރު އެ ގުޅުން ފޯދެމުންދާ ވަރަކަށް ބައެއް ކަހަލަ ބަދަލުތަކަކަށް ޖާގަދެވިދާނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ޒަވާޖީ ހަޔާތަކީ ދެކޮޅަށް ދުއްވާ މަގެއް ކަމެވެ. ބަދަލުވަންޏާ ދެ މީހުން އެކުގައި ދެ މީހުން އެއްބަސްވާ ގޮތަކަށް ދެ މީހުންގެ ޝަހުސިއްޔަތަށް ބަދަލު ގެނެވިދާނެއެވެ.
ފިރިމީހާއާ ދިމާއަށް އޭނާ މާބޮޑަށް ކުޅިވަރަށް ޝައުގު ހުންނަ ކަމަށް ނުބުނާށެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރަން ނުބުނާށެވެ. އޭނާ ލާހިތްވާ ހެދުން ނުލުމަށް ނުބުނާށެވެ. ހަގީގަތަކީ ކައިވެނި ކުރުމުގެ ކުރިން ވެސް ތިބާއަށް އޭނާގެ މި ސިފަތައް ފެނިފައި ހުރުން އެކަށީގެންވާ ކަމެވެ. އަދި ތިބާ އޭނާއާ ކައިވެނި ކުރީ މި ހުރިހާ ކަމެއް ތިބާއަށް "އޯކޭ ވެގެން"ނެވެ. ހަގީގަތުގައި ވަރަށް ކަމުގޮސްގެން ކަމަށް ވެސް ވެދާނެއެވެ.
ކައިވެނި ކުރުމުން އޭނާއަކީ ތިބާއަށް ލިބުނު "މުދާގަނޑެއް" ކަމަށް ނުދެކޭށެވެ. އޭނާއަކީ ތިބާ ބޭނުންވާ ގޮތަށް "މޮޑޭނެ ފުށްގަނޑެއް" ކަމަށް ނުބަލާށެވެ. އެ ގޮތުން އޭނާއަކީ ކުރިއަށްވުރެ "ފުރިހަމަ" މީހަކަށް މިހާރު ހަދަން ނޫޅޭށެވެ. ތިބާއާމެދު އޭނާ ކަންތައްތައް ކުރަނީ ރަނގަޅަށް ކަމުގައި ވަނީ ނަމަ އޭނާއަށް ތައުރީފު ކުރާށެވެ. ތިބާއަށް އޭނާގެ ކަމުދާ ސިފަތައް އޭނާ ގާތުގައި ބުނެދީ، އޭނާ އޭނާއާމެދު އަމިއްލައަށް ހިތްހަމަޖެހޭނެ ސިފަތައް ކިޔައިދޭށެވެ. އިތުރަށް ރަނގަޅު ކުރަން ވީ ކަންތައްތައް ކިޔައިދިނުމުގެ ބޭނުމެއް ނެތެވެ.
2. ފިރިމީހާގެ ކަންތައްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުން:
ތިބާ ބުނާ ކަންތައްތައް ކުރި ނަމަ ހުރިހާ ކަމެއް ރަނގަޅުވީހޭ މި ފަދަ އެއްޗެއް އޭނާއާ ދިމާއަށް ނުބުނާށެވެ. މިއީ ތިބާއާމެދު އޭނާގެ ހިތުގައި ނަފުރަތު އުފެދޭނެ ކަމެކެވެ.
އޭނާ ކޮންޓްރޯލް ކުރަން އުޅޭ ނަމަ ވަރަށް އާދައިގެ، ކުށެއް ނެތް ނުވަތަ މައްސަލައެއް ނެތް ކަންތައްތައް ވެސް އޭނާ ސިއްރިޔާތުގައި ކުރަން ފަށައިފާނެއެވެ.
އޭނާގެ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަ ނުކުރަން އަންގާ، ތިބާއާ ނުލައި ކަންތައްތައް ނުކުރުމަށް ބުނެ، ނުވަތަ ތިބާގެ ހުއްދަ ނެތި ކަންތައްތައް ނުކުރަން އެދެން ފެށުމުން، މިއީ ކައިވެންޏަށް ކުރިމަތިވާނެ ސީރިއަސް މައްސަލައެކެވެ. ތިބާއަކީ އޭނާގެ މަންމައެއް ނޫނެވެ. ބަލަދުވެރިއެއް ވެސް ނޫނެވެ. ތިބާއަކީ އޭނާއާ އެކުގައި އުޅޭ އޭނާގެ "ޕާޓްނަރެ"ވެ.
ތިޔަ ދެމަފިރިންނަކީ މިހާރު އުމުރުން 18 އަހަރުގެ ދެ މީހުންނެއް ނޫނެވެ. އެހެންކަމުން ރޭގަނޑު އޭނާ ކްލަބިންނަށް ދިއުމަކުން އެ ކަމާ ހާސްވާކަށް ނުޖެހެއެވެ.
ޒަވާޖީ ހަޔާތުގައި އުޅުމުގެ މާނައަކީ އޭނާ ކުރާ ކޮންމެ ކަމެއް ތިބާ ކޮންޓްރޯލް ކުރަން ޖެހުމެއް ނޫނެވެ. ތިބާ އޭނާ ކޮންޓްރޯލް ކުރަން ބޭނުން ނަމަ، އޭގެ މާނައަކީ ހަގީގަތުގައި ތިބާއަށް ތިބާގެ ނަފުސާމެމެދު އޮތް ޔަގީންކަން ނުވަތަ "ސެލްފް-ކޮންފިޑެންސް" ކުޑަވުމެވެ. މި ފަދަ ސިފަތަކަކީ އޭނާއަށް ކަމުދާނެ ސިފަތަކެއް ނޫނެވެ.
3. ޖިންސީ ގުޅުމާ ދުރުވުން:
ފިރިހެނުން ވާނީ ފިރިހެނުންނަށެވެ. ފިރިހެނުންނަކީ ޖިންސީ އެދުން ގިނަގިނައިން ބޭނުންވާ ބައެކެވެ. އަންހެނުންނާ ހިލާފަށެވެ. އަދި ޖިންސީ އެދުން ފުއްދުމުގައި ފިރިހެނުންނަކީ ކޮންމެހެން އެއަށް ޖަޒުބާތީ ސިފައެއް ޖައްސާ ބައެއް ވެސް ނޫނެވެ.
މިއާ ހިލާފަށް ޖިންސީ އެދުން ނުފުއްދައިދީ ހިފަހައްޓައިލުމަށް އަންހެނުންނަށް ފަސޭހައެވެ. އެ ގޮތުން ފިރިމީހާގެ ފަރާތުން ޖަޒުބާތީ އުފަލެއް ނުލިބޭ ވަގުތުތަކުގައި އޭނާއާ ގައިގޯޅިވުމަށް އަންހެނުން ހިތް ނޭދޭނެއެވެ. އަދި އޭނާ ދެކެ ކަމަކާ ރުޅި އައިސް ނުވަތަ ހިތްހަމަނުޖެހެން ދިމާވާއިރަށް އޭނާއެކު ޖިންސީ އެދުން ފުއްދުމަށް ނުރުހެވެއެވެ.
ނަމަވެސް މި ތަނުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުގުތާއެއްވެއެވެ؛ އެއްދާންކޮށް އޭނާއަށް ޖިސްމާނީ ހިދުމަތް ދިނުމުން އޭނާގެ ސަމާލުކަން ތިބާއަށް ލިބޭ މިންވަރު ބޮޑުވާނެއެވެ. އަދި ހަމަ މިއާއެކު އޭނާގެ ފަރާތުން ލިބޭ ޖަޒުބާތީ އުފާވެރިކަން ވެސް އިތުރުވާނެއެވެ. ނަމަވެސް މި ކަން ވާން ޖެހޭނީ އޭނާގެ ހަނދާނުގައި މުޅި ދުވަހު ހަރުލާފައި ހުންނަ ވަރުގެ ތަޖުރިބާއަކަށެވެ. ހަގީގަތުގައި އަންހެނުންނަކީ ޖިންސީ ކަންތައްތަކުގައި ކުޅަދާނެ، މޮޅު އަދި އާދަޔާހިލާފު އުކުޅުތައް ދަންނަ ބައެކެވެ. އެހެންކަމުން ދެވޭނެ ނަސޭހަތަކީ ވީ އެންމެ ބޮޑަކަށް އެ ކަމުގެ ފައިދާ ނެގުމެވެ. ދެން ކަންތައް ވާ ގޮތް ބަލަން ހުންނާށެވެ. ބޮޑެތި ހެޔޮ ބަދަލުތަކެއް ދެމަފިރިންގެ ގުޅުމަށް އަންނާނެއެވެ. ހަމަޖެހިލައިގެން ހިތްހަމަޖެހިލައިގެން އުޅޭށެވެ.
4. ކަންތައްތައް އޭގެ ޒާތުގައި ވާން ދޫކޮށްލުން:
ތިބާއަކީ އަނތްބެއް ކަމަށް ވިޔަސް ނުވަތަ މަންމައަކު ކަމަށް ވިޔަސް، ގޭތެރޭގެ ބިޒީ ކަމަކީ ސަމާސާއެއް ނޫނެވެ. ގިނަ ފަހަރަށް ތިބާއަށް މުހިންމު ކަންތައްތައް އޮންނަނީ އެންމެ ފަހަށް ދޫކޮށްލެވިފައެވެ.
މާބޮޑަށް ވަރުބަލިވުމުން ތިބާއަށް މުހިންމު ކަންތައްތައް އަތުން ދޫކޮށްލެވެއެވެ. އެ ގޮތުން ރީތި ހެދުން ލުމާއި އިސްތަށިގަނޑު ސްޓައިލް ކޮށްލުމާއި ޖިމްއަށް ދިއުން ފަދަ ކަންތައްތަކުން ދުރުވެވެއެވެ.
ނަމަވެސް ހަގީގަތަކީ ތިބާ ސިއްހީ ގޮތުންނާއި ޖިސްމާނީ ގޮތުން ރީތިކޮށް ހުރުމަކީ ހަމައެކަނި ފިރިމީހާއަށް ކޮށްދޭ ކަމެއް ނޫނެވެ. އެއީ ތިބާގެ ހިތްހަމަޖެހުމަށް ވެސް ކުރެވޭނެ މުހިންމު ކަންތައްތަކެވެ. ތިބާ ނަލަ ވެގެން ހުންނައިރު އެ ލިބޭ ތައުރީފުގެ ސަބަބުން ތިބާގެ މޫޑު ރަނގަޅުވާނެއެވެ. ދުވަހަކީ ކިތައްމެ ހަރާބު ދުވަހެއް ކަމަށް ވިޔަސްމެއެވެ.
ތިބާގެ ހަށިގަނޑުގެ ބަރުދަން ލުއިވެއްޖެހެން ފެންނަ ކަމަށް ނުވަތަ ތިބާގެ ހެއާސްޓައިލް ރީތި ކަމަށް މީހަކު ބުނުމުން އެ ލިބޭ ހިތްހަމަޖެހުން ފާހަގަކޮށްލެވޭ ހެއްޔެވެ؟ ޖަވާބަކީ ވަރަށް ރަނގަޅު އިހުސާސެއް ކޮށްލެވުނުކަން ދޯއެވެ.
ތިބާ ބޭރުފުށުންނާއި އެތެރެފުށުން ރީތިކޮށް ހުރެ އެ ކަމުގެ ފޮނިކަން އިހުސާސް ކުރެވެން ފެށުމުން ފިރިމީހާއަށް ވެސް ތިބާއާ ގަޔާވެވޭނެއެވެ. އަދި ތިބާ އެ ގޮތަށް ހުރުމަށް ވެސް އޭނާއަށް އެދެވޭނެއެވެ. އަދި މިހެންވެ ތިބާއަށް ވެސް ތިބާގެ އެތެރެފުށާއި ބޭރުފުށް ރީތިކޮށް ބަހައްޓަން އެދެވޭނެއެވެ. މިހެންވެ ދެ މީހުންގެ ގުޅުން ވެސް އިތުރަށް ދާނީ ބަދަހިވަމުންނެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ވެސް "ޕިންޓަރެސްޓް" ޗެކުކޮށްލާށެވެ. އެއީ ހަމަ އެހާ ވެސް ފަސޭހަ ކަމެކެވެ. އެންމެ ފަހުގެ ހެއާސްޓައިލްތަކާއި ހެދުން ތުރުކުރުމުގެ ފެޝަންތައް ޗެކުކޮށްލާށެވެ. އެ ކަމުން ފިރިމީހާއަށާއި ތިބާއަށް ވެސް ފައިދާ ކުރާނެއެވެ.
5. ފިރިމީހާގެ އާއިލާގެ ދެމެދަށް ނުވަނުން:
އޮޅިގެން ނަމަވެސް އޭނާގެ އާއިލާގެ މެންބަރުންނަކީ ކަމުނުދާ ބައެއް ކަމަށް ނުބުނައްޗެވެ.
އޭނާގެ އާއިލާއަކީ ތިބާއާ އޭނާއާ ދިމާވުމުގެ ކުރިން އޭނާގެ ގާތުގައިވީ މީހުންނެވެ. އެ މީހުންނަކީ އޭނާއާ ލޭގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އޭނާގެ ހަޔާތުގައި ދާއިމަށް ގުޅިފައިވާ މީހުންނެވެ.
ތެދެކެވެ. ބައެއް ހާލަތްތަކުގައި އޭނާގެ އާއިލާ މީހުން އެއީ ކަމުނުދާ ބަޔަކަށް ވެދާނެއެވެ. ނަމަވެސް އެ ކަމަކީ ތިބާ ފާހަގަ ކުރަން ޖެހޭ ކަމެއް ނޫނެވެ. އޭނާއާ އެކަން ކިތައްމެ ރަނގަޅަކަށް ވެސް އެނގޭނެއެވެ.
އޭނާގެ އާއިލާއާ ތިބާއާ މައްސަލައެއް ޖެހިއްޖެ ނަމަ، އެ ކަން ހައްލު ކުރަން އޭނާއަށް ދޫކޮށްލާށެވެ. އޭނާގެ އާއިލާގެ ހަތުރަކަށް ތިބާވެއްޖެ ނަމަ ތިބާ އޭނާގެ ދުޝްމިނަކަށްވުން އޮންނާނީ ދާދި ކައިރީގައެވެ. ތިބާ އޭނާ ދެކެ ލޯބިވުމުގައާއި އިހުތިރާމު ކުރުމުގައި ދެމިހުންނާށެވެ. އޭނާގެ އާއިލާއާ ތިބާއާ ދެމެދު އަލިފާން ރޯނުކުރާށެވެ.
އިންސާނަކަށް ވީތީ އޭނާއަށް ވެސް ކުށް ކުރެވޭނެއެވެ. މުހިންމު ކަމަކީ އޭނާއާ މެދު ތިބާގެ ހިތާއި ސިކުނޑި ސާފުކޮށް ބޭއްވުމެވެ. މި ކަމުގެ ސަބަބުން އޭނާ ހަމަ މަގަށް އަޅުވަން ވެސް ފަސޭހަވާނެއެވެ.
އެންމެ މުހިންމު ކަމަކީ ތިބާގެ ގާތުގައި ތިބާ ދެކެ ލޯބިވާ މީހަކު ހުރިކަން ބަލައިގަތުމާއި އެ ކަމާ އުފާކޮށް، ޝުކުރުވެރިވުމެވެ. އެ ކަން އެ ގޮތަށް ކުރިއަށް ގެންދިއުމަށް ތިބާއަށް ކުރެވޭނެ ކަންތައްތައް ކުރާށެވެ. ހަމަ ގައިމު ވެސް ތިބާ ކުރަން ޖެހޭ މަސައްކަތް ނުކުރިއެކޭ ނުބުނެވޭނެއެވެ.
