ޒުވާންފުރައިގެ އަންހެން ކުއްޖަކު އޭނާގެ ބައްޕަގެ ގާތުން އެއްސެވެ: "ބައްޕާއެވެ. ހަޔާތުގެ މުހިންމު ފިލާވަޅެއް އަހަރެންނަށް ދަސްކޮށްދީބަލާށެވެ. އަހަރެންނަކީ އަދި ޒުވާނެއް ކަމަށްވާތީ އަހަރެންގެ ނަފުސު ރަނގަޅަށް ދެނެގަންނަން އަހަރެން ބޭނުމެވެ. ސަބަބަކީ އަހަރެންނަށް ކުރިމަތިވާނެ ގޮންޖެހުންތަކުގައި ހަޔާތް ރަނގަޅު މިސްރާބެއްގައި ދަމަހައްޓާށެވެ."
އަންހެން ކުއްޖާގެ ބައްޕަ އިރުކޮޅަކު ވިސްނަން އިނެވެ. ދެން ކަރުކެހިލައިފައި ދަރިފުޅަށް އިބުރަތްތެރި ފިލާވަޅެއް ކިޔައިދޭން ފެށިއެވެ. އެ ވާހަކައަކީ މިއެވެ:-
ހިތާމައިން ފުރިފައިވާ ޝެހެޒާދާއެއްގެ ވާހަކަ ކިޔައިދޭނަމެވެ. މި ވާހަކަ ރަނގަޅަށް އަޑުއަހާށެވެ.
އެއް ސަހަރެއްގައި މާޔާ ނަމަކަށް ކިޔާ ޝެހެޒާދާއެއް އުޅުނެވެ. އޭނާ ޒުވާނެވެ. އަދި ރީއްޗެވެ. އޭނާގެ ވަށައިގެންވާ ހުރިހާ ކަމަކާމެދު ވެސް އޭނާ ހުންނަނީ އުފާވެފައެވެ.
ދުރު ސަހަރެއްގެ މުއްސަނދި ޝެހެޒާދަކާ އުމުރުން 21 އަހަރުގައި މާޔާ ކައިވެނިކުރިއެވެ. ނަމަވެސް އިސާހިތަކު އޭނާއަށް ލިބުނީ ފުން ހިތާމައެކެވެ. ސަބަބަކީ އޭނާގެ ފިރިމީހާ އޭނާއަށް ޖިސްމާނީ ގޮތުން އަނިޔާކުރާތީއެވެ. މާޔާއަށް ދެން އިހުސާސް ކުރެވެން ފެށީ އެކަނިވެރިކަމެވެ. ލޯބި ނުލިބޭ ކަމެވެ. އަދި އޭނާގެ ޝަހުސު އެހެން މީހުންނަށް ނޭނގޭކަން ވެސް މާޔާއަށް ވިސްނުނެވެ.
އެއް ދުވަހަކު މާޔާ އޭނާގެ ބައްޕަގެ ގާތަށް ޒިޔާރަތްކުރިއެވެ. އޭނާގެ ފިރިމީހާގެ އަނިޔާވެރިކަން ބައްޕައަށް ކިޔައިދިނެވެ. އަދި ރޯން ފަށައިފައި ބައްޕަގެ ގާތުގައި ބުންޏެވެ: "އަހަރެން ދެން މި ކައިވެނީގައި ދެމިހުންނާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ ބައްޕަގެ ގާތަށް އަނބުރާ މި ގެއަށް އަންނާށެވެ. އަހަރެން މިހެން މި ބުނަނީ ބައްޕަގެ ގާތުގައި އާދޭސްކުރާ ހާލުގައެވެ."
ނަމަވެސް ބައްޕަ ދެކޮޅަށް ބޯހޫރައިލައިފައި ޖަވާބުދިނެވެ: "އެއީ ދަރިފުޅުގެ ފިރިމީހާއެވެ. އޭނާ ދޫކޮށްލައިގެން ނުވާނެއެވެ. ދަރިފުޅަށް އަނބުރާ މި ގެއަކަށް ނާދެވޭނެއެވެ."
ކަރުނައިން ފުރިފައިވާ މާޔާ ދެން ދިޔައީ އޭނާގެ މަންމަގެ ގާތަށެވެ. އަދި ބުންޏެވެ: "އަހަރެންގެ ކައިވެނީގައި އަހަރެންނަށް ދެން އެންމެ ހިނދުކޮޅަކަށް ވެސް ކެތެއް ނުކުރެވޭނެއެވެ. އަހަރެން އަނބުރާ މި ގެއަށް އައުމަށް ހުއްދަ ދޭށެވެ."
މަންމަ ވަރަށް ހިތްހަމަނުޖެހިފައި މާޔާއާ ދިމާއަށް ބުންޏެވެ: "ދަރިފުޅު އޭނާއާ ކައިވެނި ކުރީ ކޮންމެ ގޮތެއް ވެސް ވަރިހަމަވެގެންނެވެ. އެއީ ރަނގަޅު އަދި ނުބައި ކަމަކާ ވެސް ކުރިމަތިލާން ކަމަށެވެ. ދަރިފުޅުގެ ފިރިމީހާ ހަމަ ކަށަވަރުން ވެސް އަދި ރަނގަޅުވާނެއެވެ."
މާޔާ ދެން ދިޔައީ އޭނާގެ ރަހްމަތްތެރިންގެ ގާތަށެވެ. ހިތަށް ތަސައްލީއެއް ލިބިދާނެ ފަދަ ޖަވާބެއް ލިބޭތޯއެވެ. މާޔާ ބުންޏެވެ: "އަހަރެންގެ ފިރިމީހާ އަބަދުމެ އަހަރެންނަށް އަތްއިސްކުރަނީއެވެ. އަހަރެން ބޭނުމީ އޭނާ ދޫކޮށްލައިފައި އަހަރެންގެ ގެއަށް އެނބުރި ދާށެވެ."
މާޔާއަށް އޭނާގެ ރަހްމަތްތެރިން ހަމްދަރުދީ ފާޅުކުރިއެވެ. ނަމަވެސް ބުންޏެވެ: "ޒަވާޖީ ހަޔާތަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަންނާނީ ރަނގަޅުވަމުންނެވެ. މާޔާއެވެ، ތިބާގެ ފިރިމީހާގެ ގާތުގައި މަޑުކުރާށެވެ."
މާޔާއަށް ލިބުނީ ފުން ހިތާމައެކެވެ. އޭގެ މައްޗަށް އޭނާގެ މާޔޫސްކަން ވެސް ވީ އިތުރެވެ. ސަބަބަކީ އޭނާގެ ފިރިމީހާ ދޫކޮށްލުމަށް އޭނާ ނިންމި ނިންމުމަށް އޭނާގެ ގާތް އެއްވެސް މީހަކު އެއްބަސްނުވީމައެވެ. މިހެންވެ، ގެވެށި އަނިޔާއިން ސަލާމާތްވެވިދާނެ ހައްލެއް ލިބޭތޯ މާޔާ ދުއާކުރަން ފެށިއެވެ.
އޭގެ މަސްތަކެއް ފަހުން މާޔާ އެންމެ ފަހުން އޭނާގެ ކައިވެނިން ބޭރުވިއެވެ. އަދި އޭނާގެ މައިންބަފައިންގެ ގާތަށް އެނބުރި އައެވެ.
މިއީ އަހަރެން މި ކިޔައިދިން މާޔާގެ ވާހަކައިގެ ނިމުން ކަމަށް ޒުވާން އަންހެން ކުއްޖާގެ ގާތުގައި އޭނާގެ ބައްޕަ ބުންޏެވެ.
މި ވާހަކަ އަޑުއަހައިފައި ކަންބަލާހިތްވާ ގޮތަކަށް ޒުވާން އަންހެން ކުއްޖާ އޭނާގެ ބައްޕަގެ ގާތުގައި އެއްސެވެ: "ތިޔަ ކިޔައިދިން ވާހަކައިގެ ހަޔާތުގެ އިބުރަތަކީ ކޮބައިހެއްޔެވެ؟"
ޖަވާބު ނުދީ ބައްޕަ އިރުކޮޅަކު މަޑުކޮށްލިއެވެ. ދެން ފުން ނޭވާއެއް ލިއެވެ. އަދި ޖަވާބު ދިނެވެ:-
އާނއެކެވެ. އެންމެ ފަހުން މާޔާ އެނބުރި އޭނާގެ ގެއަށް އައެވެ. ނަމަވެސް އެއީ ސަންދޯކެއްގެ ތެރޭގައެވެ. ސަބަބަކީ އޭނާގެ ފިރިމީހާ ވަޅިއަކުން ހަމަލާ ދީ އޭނާ މަރައިލުމުންނެވެ. ހަގީގަތުގައި މާޔާގެ ގެއަށް އަނބުރާ އައީ އޭނާގެ ފުރާނަ ނެތް މަސްގަނޑެވެ.
މިހެން ބުނުމަށް ފަހު އެ ވަގުތު ޒުވާން އަންހެން ކުއްޖާގެ ބައްޕަ އޭނާގެ ދަރިފުޅުގެ ކޮނޑުގައި ހިފައިލިއެވެ. އަދި މަޑުމަޑުން ބުންޏެވެ:-
ޒުވާން ދަރިފުޅާއެވެ. އަޑުއަހާށެވެ. ތިބާގެ ހަޔާތް ބާއްޖަވެރި ކުރުމަށާއި ރަނގަޅު ނިންމުންތައް ނިންމުމަށްޓަކައި މި އިބުރަތްތެރި ވާހަކަ ކިޔައިދިނީއެވެ. ނާކާމިޔާބު ވެފައިވާ ޒަވާޖީ ހަޔާތެއް ދޫކޮށްލައިފައި އެނބުރި ތިބާގެ ގެއަށް އައުމަކީ ކަފުނެއްގެ ތެރޭގައި ތިބާ އައުމަށްވުރެ ރަނގަޅު ގޮތެއްކަން ފަހުމްވާނެ ކަމަށް ހީކުރަމެވެ. ކައިވެނީގެ ތެރެއިން ތިބާ މަރުވެއްޖެ ނަމަ، އެ ހުސް ތަން ބައްދަން އެހެން އަންހެނަކު އެ ފިރިމީހާ ވަގުތުން ހޯދާނެއެވެ. ތިބާގެ އަމިއްލަ އާއިލާއާމެދު ވިސްނުން ހުއްޓެވެ. ތިބާގެ ފިރިމީހާއަށް އެހެން އަނތްބަކު ލިބިދާނެއެވެ. ނަމަވެސް ތިބާ ކަހަލަ އެހެން ދަރިޔަކު ތިބާގެ މައިންބަފައިންނަށް ލިބޭނެ ގޮތެއް ނޯންނާނެއެވެ.
އަނިޔާވެރިކަން ބޮޑު ކައިވެންޏެއް ދޫކޮށްނުލުމަށް ނަސޭހަތްތެރިވާ މީހުން ބުނާ އެއްޗެހި އަޑުނާހާށެވެ. ގެވެށި އަނިޔާ ބަރުދާސްތު ކުރަމުން ދަނީ އެ ނަސޭހަތް ދޭ މީހުންނެއް ނޫނެވެ. ރަނގަޅު ވިސްނުމެއްގައި ތިބީ އެ މީހުން ކަމަށް އެ މީހުންނަށް ހީކުރެވިދާނެއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ތިބާގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ތިބާގެ ހަޔާތެވެ. އެއްވެސް ހާލަތެއްގައި ހުރަސް ނުކުރަންވީ ރަތް ރޮނގު ދަމާލަންވީ ހިސާބު ތިބާ ކަނޑައަޅާށެވެ! ކަމެއް ދޫކޮށްލަންވީ ވަގުތު ތިބާ ދެނެގަންނާށެވެ! ކައިވެންޏަށްޓަކައޭ ކިޔައިފައި ތިބާގެ ދިރިއުޅުމަކީ ކުޅޭ ޖުވާގެ ކުޅިގަނޑަކަށް ނުހަދާށެވެ!