ހީކުރާ ވަރަށްވުރެ ބޮޑު ހިލަގަނޑެއްގެ ދަށުގައި މާސިންގާ ސަހަރެއް ހަދައިފައިވުމަކީ ދުނިޔޭގެ އެއްމެ ބޮޑު އެއް އަޖައިބު ހެއްޔެވެ؟ މި ލިސްޓަކު މި ސަހަރު ނުހިމެނެއެވެ. ނަމަވެސް ސްޕެއިންގެ އަމިއްލަ ވެރިކަމެއް ހިންގާ އަންދަލުސް ޕްރޮވިންސްގައި "ސިއްރު" ތަނެއް ކަމަށްވާ މި ސަހަރަކީ މިހާރު ސިއްރެއް ނޫނެވެ؛ ޓޫރިސްޓުން ދާ ތަނަކަށް ވުމުންނެވެ. އެކަމަކު "ސެނެޓީލް ޑޭ ލާސް ބޯޑެގާސް"އަކީ މި ފަދަ ލިސްޓަކުން ޖާގަ ހޯދުމަށް އެކަށީގެންވާ ތަނެކެވެ.
އާބާދީގައި 3،000 އެއްހާ މީހުން އުޅޭ ސެނެޓީލްގައި ހުންނަ ގެދޮރާއި ކެފޭ ރެސްޓޯރަންޓާއި އަދި އެހެނިހެން އިމާރާތްތައް ހަދައިފައިވަނީ މި ހިލަގަނޑުގެ ދަށުގައެވެ. އަދި ބައެއް ތަންތަން އިމާރާތްކޮށްފައިވަނީ ހިލަގަނޑުގެ ދަށުގައި ހުންނަ ހޮހަޅަތައް ކޮނެގެން އެ ހޮހަޅަތައް އިތުރަށް ބޮޑު ކޮށްގެންނެވެ.
ސެނެޓީލްގައި މީހުން ވާހަކަދައްކަނީ ސްޕޭން ބަހުންނެވެ. ބޭނުން ކުރަނީ ޔޫރޯ ފައިސާއެވެ. ނަމަވެސް އިނގިރޭސި ބަސް ދަންނަ ދިވެހީންނަށް ވެސް އެ ތަން ބަލައިލަން ދިއުމަކީ ނުހަނު ފަސޭހަ ކަމެކެވެ.

މި ސަހަރަކީ 12 ވަނަ ގަރުނުގައި މުސްލިމުންގެ "މޯ" ދަރިކޮޅު ބިނާކޮށްފައިވާ ފަރުބަދައިގެ ސަހަރެކެވެ. ނަމަވެސް އޭގެ 12،000 އަހަރު ކުރިން ވެސް މީހުން ދިރިއުޅެފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. އެ ގޮތުން އިންސާނުން ބޭނުކޮށްފައިވާ 5،000 އަހަރުގެ ކުރީގެ ތަކެތި ވެސް ވަނީ ފެނިފައެވެ.
"ސެނެޓީލް" މި ނަމުގައި ވެސް ތާރީހީ ގޮތުން އާދަޔާ ހިލާފު މާނައެއްވެއެވެ. ލެޓިން ބަހުން މިއީ "ސެޕްޓެމް ނިހިލް"އެވެ. މާނައަކީ "ހަތް ފަހަރަށް ވެސް ނޫނެކޭ"އެވެ. މި ކަމުގެ ފަހަތުގައިވަނީ ނަސޯރާއިން މި ސަހަރު މުސްލިމުންގެ އަތުން ހިފަން އުޅުނު ހަތް ފަހަރުގައި މި ސަހަރުގެ މުސްލިމުން "ނޫނެކޭ" ބުނެފައިވާ ކަމެވެ. ނަސޯރާއިންނަށް ސެނެޓީލް ހިފުނީ ހަތް ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ.
"ބޯޑޭގާސް"ގެ މާނައަކީ "ވެއާހައުސް" ނުވަތަ ގުދަނެވެ. ސަބަބަކީ މާސިންގާ ހިލައިގެ ދަށުގައި ތަކެތި ފިނިކަންމަތީ ބެހެއްޓޭތީއެވެ.
އެއާޕޯޓް އޮންނަނީ 59 މޭލު ކައިރީގައެވެ. ކުޑަކޮށް އުނދަގޫ ވެދާނެ ކަމަކީ ޓެކްސީއެއްގައި އައިސް، ފައިމަގުގައި މި ސަހަރަށް ވަންނަން ޖެހޭތީއެވެ. ސަބަބަކީ ދުއްވާ އެއްޗެއްސަށް ވަދެވޭ ވަރަށްވުރެ މަގުތަކާއި ގޯޅިތައް ހަނިވީމައެވެ.

ސެނެޓީލްއަށް ޒިޔާރަތްކޮށްލުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ މާރިޗު މަހުން ފެށިގެން ޖޫން މަހަށެވެ. އަދި އެއަށްފަހު ސެޕްޓެމްބަރު މަހުން ނޮވެމްބަރު މަހަށެވެ. އެ ދުވަސްވަރު ފިނިހޫނުމިން ނުވަތަ ޓެމްޕަރޭޗަރު އުޅޭނީ 20 އާއި 25 ޑިގްރީ ސެލްސިއަސް އާދެމެދުއެވެ. ޖޫން މަހަކީ އެންމެ ހޫނު ގަދަ މަހެވެ. ސްޕެއިންގެ ޓޫރިޒަމާ ބެހޭ އިދާރާއިން ބުނަނީ ޖުލައި މަހާއި އޯގަސްޓް މަހުގެ ދޭތެރޭގައި ޒިޔާރަތް ކުރުން ރަނގަޅު ނޫން ކަމަށެވެ. އެއީ މާބޮޑަށް ހޫނު ގަދަވީމައެވެ. އަނެއްކޮޅުން ޔޫރަޕްގެ ހަރީފު މޫސުމުގައި ގަދައަށް ވިއްސާރަވެހޭތީ ސެނެޓީލްއަށް ވަނުމަކީ އުނދަގޫ ކަމެކެވެ.
ފަހަރެއްގައި ޖީ.ޕީ.އެސްގައި މައްސަލައެއް ދައްކައިފާނެތީ އެންމެ ރަނގަޅު ގޮތަކީ ބަސް ސްޓޭޝަންގައި ހުރި ޗާޓުގެ ފޮޓޯއެއް ނެގުމެވެ. އަދި ފަރުބަދައަށް ކަނޑައިފައި ހުންނަ ސިޑިތަކަކީ އުމުރުން ދުވަސްވީ މީހުންނަށާއި ފުރޮޅުލީ ގޮނޑީގައި ދަތުރު ކުރާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި މަގުތަކުގައި އުޅުމަށް އުނދަގޫ ވެދާނެއެވެ.
ފާހަގަ ކުރެވޭ އަނެއް ކަމަކީ ސަހަރުގެ ހުރިހާ އިމާރާތެއްގައި ހުދު ކުލަ ލައިފައިވާ ކަމެވެ. އެ މީހުން ބުނަނީ މިއީ ސަހަރުގެ ހޫނުކަން ގޭގެތެރޭގައި އިހުސާސް ނުކުރެވޭ ގޮތަށް ހެދުމަށް ކަމަށެވެ.

ސެނެޓީލްގެ ގެތަކުގައި އަދި އާދަޔާ ހިލާފު އެހެން ކަމެއް ފާހަގަ ކުރެވެއެވެ. އެއީ ކޮންމެ ގެއްގެ ދޮރު ވެސް އެއް ގެ އާއި އަނެއް ގެއާ ތަފާތު ކަމުންނެވެ. އަދި ހުދުކޮށް ހުންނަ ގޭގޭގެ ބޭރު ކުލަކޮށްލުމަށްޓަކައި އެކި ކުލަކުލައިގެ މާ އަޅާ ގަސްތައް ޕޮޓްގައި އިންދައިފައިވެއެވެ.
ސެނެޓީލްގައި ހިމެނޭ މަޝްހޫރު އެތައް ތަނެއްގެ ތެރޭގައި "ޝޭޑް ސްޓްރީޓް" ކިޔާ މަގެއްވެއެވެ. މި މަގު އޮންނަނީ ސީދާ ގާގަނޑުގެ ދަށުގައިކަމަށްވާތީ ހިނގާފައި ދާއިރު އިހުސާސް ކުރެވޭނީ ހޮހަޅައެއް ތެރެއިން ދެވޭހެންނެވެ. މި މަގުގައި އަތްތެރި މަސައްކަތުގެ އެއްޗެއްސާއި ކާބޯތަކެތި ވިއްކާ ފިހާރަތައް ހުރެއެވެ.
ޝޭޑް ސްޓްރީޓްގެ އިތުރުން ސެނެޓީލްގައި ދެން އެންމެ މަޝްހޫރީ "ސަން ސްޓްރީޓް" ކިޔާ މަގެވެ. މިއީ ވެސް ޝޭޑް ސްޓްރީޓް ފަދައިން ސަހަރުގެ މެދުގައި ދަތުރުކުރާ ގުއަޑަލްޕޯކޫން ކޯރާ ގުޅިފައިވާ މަގެކެވެ. މަގުގައި ހުންނަ ގެއާއި އެހެނިހެން އިމާރާތް ހަދައިފައިވަނީ ގާނގަޑު އެއީ ފުރާޅު ކަމަށް ހަދައިގެންނެވެ. އެ ގޮތުން މަގުގެ އަރިމަތީގައި ފާރެއް ރާނައި، އެތެރެ ބޭނުން ކުރަނީ އިމާރާތްތަކެއްގެ ގޮތުގައެވެ.

ސެނެޓީލްގެ ވަށައިގެންވާ ވާދީތަކުގައި ވަނީ "އޮލިވް" ނުވަތަ ޒައިތޫނި ގަހުގެ ބަގީޗާތަކެވެ. މިއީ ވަރަށް ގިނަ ފަތުރުވެރިން ފޮޓޯ ނަގާހިތްވާ މަންޒަރެކެވެ. އަދި ފަރުބަދަ މަތީގައި ހިލަގަނޑުގެ ދަށުގައި ތިބެގެން ވަރަށް ރީތި އިރު އަރައި އަދި އިރު އޮއްސޭ މަންޒަރު ފެންނާތީ މިއީ ވެސް ފޮޓޯ ނަގައިލަން ހިތްހަމަޖެހޭ ތަންތަނެވެ.
ސެނެޓީލްގެ ގޯޅިތައް އޮންނަ ގޮތުން ޒާތަކަށް "ކަނޑުމަތި އަޅައިފާނެ"އެވެ. ނަމަވެސް ހާސްނުވާށެވެ؛ އެކި ހިސާބުތަކުގައި ނޯޓިސް ބޯޑު ހުރެއެވެ. ފޮޓޯ ނަގާ ކެމެރާއެއްގެ ނިޝާން ޖަހައިފައިވާ މި ބޯޑުތަކުން، ދާނެ މަގުތައް އޮޅުންފިލުވައިދޭ މައުލޫމާތު ހުރެއެވެ.
ސެނެޓީލްއަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ބުނަނީ މި ސަހަރަކީ "ހަގީގީ އަންދަލުސް" މި ޒަމާނުގައި ދައްކައިދޭ މަދު ތަންތަން ތެރެއިން ސްޕެއިންގައި ހުރި ތަނެއް ކަމަށެވެ.



advertisment