Support Us

ފަރަންސޭސިވިލާތުގެ ރައީސް މެކަރޯން

ޔޫރަޕް އިއްތިހާދުގެ އިންތިހާބަށް ކަނާތުފިޔައިގެ ހިޔަނި

މިއަދު ނިމިގެން ދިޔަ ތިން ދުވަހު ވޯޓު ލީ ޔޫރަޕް އިއްތިހާދުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ޔޫރަޕިއަން ޕާލިއަމަންޓްގެ އިންތިހާބުގައި އެ މަޖިލީހަށް ހޮވޭނީ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތައް ކަމަށް އެގްޒިޓް ޕޯލުން ދައްކައިފިއެވެ.

ވޯޓުލުން ނިމުމާއެކު ވޯޓުލީ މީހުން ވޯޓުލީ ގޮތުގެ މި ހިޔާލު ހޯދުމުގެ ތަފާސްހިސާބުތަކުން ދެއްކީ މާދަމާ އިއުލާން ކުރާ އާހިރު ނަތީޖާގައި 720 ގޮނޑީގެ ތެރެއިން 150 ގޮނޑި ކާމިޔާބު ކުރާނީ ޔޫރަޕްގެ 27 ގައުމުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތައް ކަމަށެވެ.

މިއީ ޔޫރަޕްގެ އިއްތިހާދުގެ ތާރީހުގައި ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތައް ހޯދާ ކާމިޔާބީގެ ރެކޯޑެކެވެ. އަދި މި ކަމުގެ ސަބަބުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކާއި އެ ގައުމުތަކުގެ ސަރުކާރުތަކުން މިހާތަނަށް ގެންގުޅެމުން އައި މެދުމިނުގެ ސިޔާސަތްތަކަށް ފުރަތަމަ ފަހަރަށް ނިމުމެއް އަންނާނެއެވެ. މި ކަމުގެ ސަބަބުން ޔޫރަޕްގެ ކުރިމަގު ބަނަވާނެ ކަމަށް ބެލެވޭތީ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން މިހާރު ތިއްބެވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސަބަބަކީ މި ކަމުގެ ސަބަބުން މެދުމިނުގެ ސިޔާސަތްތައް ފާސް ކުރަން ޔޫރަޕްގެ ސަރުކާރުތަކަށް އެ ކަމަށް މެޖޯރިޓީ ވޯޓު ނުވަތަ އަޣުލަބިއްޔަތު ދެން ނުލިބޭނެތީއެވެ.

ރޭގެ ވަގުތެއްގައި ޔޫރަޕްގެ 27 ސަރުކާރުގެ ކެބިނެޓް ކަމަށްވާ ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާސިއުލާ ވޮން ޑަ ލެޔެން ވިދާޅުވީ އޭނާގެ ޕާޓީ ކަމަށްވާ ޔޫރަޕިއަން ޕީޕްލްސް ޕާޓީ (އީ.އީ.ޕީ)އަށް ގިނަ ގޮނޑިތަކެއް ލިބޭނެ ކަމަށް ހީކުރެވޭ ކަމަށާއި މި ކަމުގެ ސަބަބުން ޔޫރަޕްގެ ކުރިމަގު ބަނަވެފައިވާ ކަމަށް އަދި ނުބެލެވޭ ކަމަށެވެ. އޭނާގެ ސިޔާސީ އެކުވެރިންނަށް ގޮވާލެއްވީ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކާމެދު ހުށިޔާރުވެ ތިބުމަށެވެ.

"ހައްދުފަހަނަޅާފައިވާ ޕާޓީތަކަށް ބަލާއިރު ކަނާތުފިޔައިގެ ޕާޓީތަކުގެ އިތުރުން ވާތުފިޔައިގެ ޕާޓީތަކަށް ވެސް ކާމިޔާބު ލިބޭނެ ކަމަށް ބެލެވޭ. މިހެންވެ މި ދެފިޔައިގެ ދެމެދުގައި މެދުމިނުގައި ހިފަހައްޓާ ޕާޓީތައް މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ވާންޖެހޭ. މެދުމިނުގައި ހިފަހައްޓާ ޕާޓީތަކަށް އަދިވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ،" ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަވައިގެން އާސިއުލާ ވިދާޅުވިއެވެ.

މާދަމާ އާހިރު ނަތީޖާ ނެރޭއިރު، މެދުމިނުގައި މިހާރު ހިފަހައްޓައިގެން ތިބި ޕާޓީތައް، އެ ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވެފައިވާ ސިޔާސަތްތައް އެއްފަރާތްކޮށް، ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. މިއީ ޔޫރަޕްގެ ވާތުފިޔައިގެ ސަރުކާރުތައް ދެމިއޮތް ދިގުމުއްދަތަށް ފަހު، ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކަށް ޔޫރަޕްގެ އިއްތިހާދުގެ ރައްޔިތުން ތާއީދު ކުރަން ފެށި ފަހަރެވެ. އެ ގޮތުން ވަޒީފާ ނުލިބުމާއި އެހެން ގައުމުތަކުން ޔޫރަޕަށް ހިޖުރަ ކުރާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ޔޫރަޕްގެ އެތައް ބަޔަކު މިހާރު ވަނީ ކަނާތުފިޔައިގެ ޕާޓީތަކަށް ތާއީދު ކުރަން ފަށައިފައެވެ.

މިއަދުގެ އެގްޒިޓް ޕޯލުން ދެއްކި ގޮތުގައި ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކަށް ވޯޓުލީ ކަމަށް ބެލެވެނީ ޔޫރަޕްގެ އެންމެ އާބާދީ ބޮޑު ތިން ގައުމުގައެވެ؛ އެއީ ފްރާންސް، އިޓަލީ އަދި ޖަރުމަނީއެވެ.

މި ނުރައްކަލުން ދިފާއުވުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިއަދު ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވައިލައްވައިފައެވެ. އަދި ޕާލިއަމަންޓަށް އާ މެންބަރު އިންތިހާބު ކުރުމަށް މި މަހުގެ 30 ވަނަ ދުވަހު އާއްމު އިންތިހާބެއްގެ ފުރަތަމަ ބުރު ބާއްވާނެ ކަމަށް ވަނީ އިއުލާން ކުރައްވައިފައެވެ.

މެކްރޮން މި ފިޔަވަޅު އެޅުއްވީ މިއަދުގެ އެގްޒިޓް ޕޯލްގައި ފްރާންސްގެ ހައްދުފަހަނަޅާފައިވާ ނެޝަނަލް ރެލީ (އާރް.އެން) ޕާޓީގެ ކެންޑިޑޭޓުންނަށް 36.8 ޕަސެންޓްގެ ވޯޓު ލިބިފައިވާކަން ހާމަވުމުންނެވެ. މެކްރޮންގެ ޕާޓީއަށް ލިބުނީ އެންމެ 14.6 ޕަސެންޓްގެ ވޯޓެވެ. އަދި ފްރާންސްގެ މެދުމިނުގެ ވާތުފިޔައިގެ ޕާޓީއެއް ކަމަށްވާ ސޯޝަލިސްޓް ޕާޓީއަށް ލިބުނީ 13.8 ޕަސެންޓްގެ ވޯޓެވެ.

އާއްމު އިންތިހާބެއް ކުއްލިއަކަށް މެކްރޮން އިއުލާން ކުރެއްވުމާ ގުޅިގެން ފްރާންސްގެ ރައްޔިތުންނަށްވަނީ ސިހުމެއް ލިބިފައެވެ. މި ނިންމެވުން މެކްރޮން އިއުލާން ކުރެއްވުމުގެ ކުރިން އާރް.އެން ޕާޓީގެ ލީޑަރު ޖޯޑަން ބާޑެލާ ވިދާޅުވީ މިއީ މެކްރޮންގެ ސަރުކާރަށް ކުރިން ހީވެސް ނުކުރާ ގޮތަކަށް ނާކާމިޔާބީއެއް ލިބުން ކަމަށެވެ.

"މިއީ މެކްރޮންގެ ޒަމާނުގެ ނިމުމުގެ ފުރަތަމަ ދުވަސް،" ޖޯޑަން ވިދާޅުވިއެވެ.

މެކްރޮން ފަދައިން ޖަރުމަނީގެ ވެރިޔާ ނުވަތަ ޗާންސެލަރ އޮލަފް ޝޮލްޒަށް ވެސް ވަނީ ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެންފައިވާ ކަމަށް އެގްޒިޓް ޕޯލުން ދައްކައިފައެވެ. އެ ގޮތުން އޭނާގެ ސޯޝަލް ޑިމޮކްރެޓްސް (އެސް.ޑީ) ޕާޓީއަށް ވަނީ މިހާތަނަށް ލިބުނު އެންމެ މަދު އަދަދުގެ ވޯޓު ލިބިފައެވެ. އެއީ 14 ޕަސެންޓެވެ. ޖަރުމަނީގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ އޮލްޓަނެޓިވް ފޮ ޖާމަނީ (އޭ.އެފް.ޑީ)އަށް ލިބުނީ 16.5 ޕަސެންޓް ވޯޓެވެ. އަދި މެދުމިނުގައި ހިފަހައްޓާ ކްރިސްޓިއަން ޑިމޮކްރެޓްސް ޕާޓީ (ސީ.ޑީ.ޔޫ)އަށް 29.5 ވޯޓު ލިބުމުން މިއީ ޖަރުމަނީއަށާއި ޔޫރަޕްގެ އިއްތިހާދަށް ލިބުނު ކޮންމެވެސް ވަރެއްގެ ތަސައްލީއެކެވެ.

ޔޫރަޕްގެ އިއްތިހާދު އިންތިހާބަކީ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ޔޫރަޕްގެ ކުރިމަގު ކަނޑައަޅާ އިންތިހާބަށް ވިޔަސް، މިއީ ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކަށް އިތުބާރު އޮތްތޯ ވެސް ބެލުމަށް އެ ގައުމުތަކުގައި ނެގޭ ވޯޓެކެވެ. އެ ގޮތުން މިއަދުގެ އެގްޒިޓް ޕޯލްގެ ނަތީޖާއަށް ބަލައިފި ނަމަ، 2027 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި މެކްރޮންގެ ކުރިމަގު ބަނަކަމަށް ދައްކައެވެ. އަދި އަންނަ އަހަރު ޖަރުމަނީގައި އޮންނަ ރިޔާސީ އިންތިހާބުގައި އޮލަފްއަށް ވެސް ނާކާމިޔާބު ވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ޔޫރަޕްގެ އިއްތިހާދަށް 2019 ވަނަ އަހަރުއްސުރެ ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެ ގޮތުން އިނގިރޭސި ވިލާތް ވަނީ އެ އިއްތިހާދުން 2020 ވަނަ އަހަރު ވަކިވެފައެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ޔޫކްރެއިން ފަތަހަ ކުރަން ރަޝިޔާއިން ވަނީ ހަނގުރާމައެއް ފަށައިފައެވެ. މި ހަނގުރާމައިގެ ސަބަބުން ޔޫރަޕަށް މިހާރު އިހުސާސް ކުރެވިފައިވަނީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށަށް ގޮސްފާނެ ހެންނެވެ. ސަބަބަކީ ޔޫކްރެއިނަށް ބޭނުންވާ މާލީ އަދި އަސްކަރީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން މުޅި ޔޫރަޕްގެ ދިފާއީ ނިޒާމު ވެސް ރަޝިޔާގެ ކުރިމަތީގައި ވަރުގަދަ ކުރަން ޔޫރަޕްގެ ގައުމުތަކަށް ޖެހިފައިވާތީއެވެ.

"މި އިންތިހާބު މި ބޭއްވުނީ މުޅި ދުނިޔެ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ވަނިކޮށް. ބޭރުންނާއި އެތެރެއިން އަންނަ ނުފޫޒުތަކުން ވެސް އަހަރެމެންގެ ޔޫރަޕްގެ ގައުމުތަކުގެ ހަމަޖެހުން ނަގައިލަން މަސައްކަތް ކުރަމުންދަނީ. ޔޫރަޕް ނިކަމެތިކޮށްލަން އެ ފަރާތްތަކުން ރާވަނީ،" އާސިއުލާ ވިދާޅުވިއެވެ.

ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތައް ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަން ނަގައިލަފާނެ ކަމަށް ބެލެވުނަސް، ޚުދު އެ ޕާޓީތަކުގެ މެދުގައި ވެސް އެކުވެރިކަމެއް ނެތެވެ. އެ ގޮތުން ނޮން-އެލައިންޑް ނަމަކަށް ކިޔާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ލިބޭނީ އެންމެ 45 ގޮނޑި ކަމަށް ބެލެވެއެވެ. ނަމަވެސް މި ކަން ވެސް ޔަގީންކަމާއެކު އެނގޭނީ މާދަމާ ހާމަވާނެ އާހިރު ނަތީޖާއިންނެވެ.

ޔޫރަޕް އިއްތިހާދުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ޔޫރަޕިއަން ޕާލިއަމެންޓްގެ ރައީސާ ރޮބޭޓާ މެޓްސޮލާ ވިދާޅުވީ ޔޫރަޕްގެ ސަރުކާރުތަކުން އެ ގައުމުތަކުގެ ރައްޔިތުން ވޯޓު ދިން ގޮތާމެދު ވިސްނަންޖެހޭ ކަމަށެވެ.

"ރައްޔިތުންގެ ދުވަހުން ދުވަހުގެ ހަޔާތް ހިނގާ ގޮތަށް ރަނގަޅު އަސަރު ކުރާނެ ގޮތަކަށް ނިންމުންތައް ނިންމަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތައް އިއްތިހާދެއް ގޮތަށް އޮތުމަށް އެދޭ ކަމަށް ފެންނަ ކަމަށާއި ނަމަވެސް އެންމެން ގުޅިގެން އެ ކަންތައް ހަގީގަތަކަށް ހަދައިދޭނެ އަޣުލަބިއްޔަތެއް ބޭނުންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *