އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ވަޒީރުން ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.
މޯދީއަކީ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ޤައުމުތަކުގެ އެތައް ހާސް ޢިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.