ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް އަމާޒުކޮށް ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޖޫން މަހުގެ 2 އިން 12 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ ޖުމްލަ 24 ގަޑިއިރުގެ ޕްރޮގްރާމެކެވެ. ޖުމްލަ 15 ބައިވެރިން ހިމެނޭ މި ތަމްރީން ޕްރޮގްރާމް ކުރިއަށްދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި ތަމްރީނު ޕްރޮގްރާމު ވިލަރެސްކޮށް ދެއްވަނީ "ޝަހީބު މީޑިއާ" އާއި "އަދިވެސް އޮންލައިން"ގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރު ޝަހީބެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންނެވެ. މި ހުރިހާ ބޭފުޅުންނަކީ ވެސް ނޫސްވެރިކަމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ ރޮނގުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ހަވީރު އޮންލައިނާއި "ހުވާސް"ގެ ކުރީގެ އެޑިޓަރު ޝަހީބުގެ އިތުރުން "ދައުރު" އޮންލައިންގެ ޗީފް އެޑިޓަރު މޫސާ ލަޠީފާއި "ވަން އޮންލައިން"ގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރު ސިނާން ޢަލީ އާއި "މިރާރ އޮންލައިން"ގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ޙަލީމާއި "ސަން މީޑިއާ"ގެ ސީ.އީ.އޯ މުޙައްމަދު އާސިފު (މޮންދު) އާއި ވީނިއުސްގެ ކުރީގެ އެޑިޓަރު ޢިމާދު ލަޠީފާއި ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ފަރެސް މުޙައްމަދު ޢާމިރެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ފީޗަރ ރިޕޯޓް ލިޔާނެ ގޮތްތައް ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ އަޚުލާޤާ ބެހޭ ގޮތުންނާއި ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ ޢަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށާއި މީޑިއާގެ ތަފާތު ވައްތަރުތަކުގެ މައްޗަށާއި ފޭކް ނިއުސްގެ މައްޗަށްވެސް މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދޭނެއެވެ.

ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ތަމްރީން ކުރެވިގެންދާ މި ވިލަރެސްވެރިންނަކީ ދިވެހިވަންތަކަމުގެ ޢިލްމުގައި ދިރާސާކޮށް މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ރައްކާކުރުމުގެ ޤައުމީ މަސައްކަތް ކުރައްވާނޭ ފަރާތްތައްކަމުން މިފަރާތްތަކަށް ނޫސްވެރިކަމުގެ ދައުރު ވިސްނިފައި އޮތުމާއި މި ދާއިރާގެ ތަޖުރިބާއަކީ މުހިންމު ކަމަކަށް ވާނެ ކަމަށް ކޯސް ފެށުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ. އަދި ނުރައަކީ އެ މަނިކުފާނު ވަރަށް ލޯބިފުޅުވާ އެއްޗެއް ކަމަށާއި ނުރަ ޖަހަނީ ވަރަށް ގިނަ ތަޖުރިބާކާތަކެއް ލިބިގެން ކަމަށް ވިދާޅުވެ، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ހިއްސާ ގައުމުގެ ތަރައްގީ އަށް ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ކޯހުގެ ވިލަރެސްވެރިޔާ ޝަހީބު ވިދާޅުވީ ކޯހުގެ 24 ގަޑިއިރުގެ ކިޔެވުން ނިމިގެން ދަރިވަރުން ނުކުންނައިރު ނޫސްވެރިކަމުގެ އަލިފުބާ ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ. އަދި ޒިންމާދާރު ނޫސްވެރިކަމެއް ކުރަން ފެށުމުގެ ހުނަރު ދަސްވާނެ ކަމަށެވެ.

ޝަހީބު އަދި ވިދާޅުވީ އޭނާގެ ނޫސްވެރިކަމުގެ 34 އަހަރުގެ ހަޔާތުގައި، ނޫސްވެރިންނަށް ތަމްރީނެއް ދިނުމަށް ވަޒީރެއްގެ ފަރާތްޕުޅުން އިސްވެ ދައުވަތެއް ލިބިވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށާއި އެ ފުރުސަތު ދެއްވުމުން ވަޒީރު އާދަމް ނަސީރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ޝަހީބާއި އޭނާގެ އެކުވެރި ނޫސްވެރިންގެ ޓީމު މި ކޯސް ކުރިއަށް ގެންގޮސްދެއްވާނީ، ގައުމީ ކަމެއްގެ ގޮތުގައި ބައްލަވައިގެން، ހިލޭސާބަހަށް ކަމުގައި ވެސް ވިދާޅުވިއެވެ.



advertisment
One Response
ގައުމިއްޔަތު ވުޒާރާއަށާއި ޝަހީބްމެންގެ ތި މަސައްކަތަށް ފުރިހަމަ ކާމިޔާބީއަށް އެދެން