އިސްރާއީލާ އެއްގޮތަށް އެމެރިކާއިންވެސް ބޭނުންވަނީ ޣައްޒާގައި މިހާރު ސަލާމަތުން އޮތް ހަމައެކަނި ސަހަރު ކަމަށްވާ ރަފަހް ސުންނާފަތިކޮށްލައި، މުޅި ޣައްޒާއަކީ ދިރިއުޅެން އެކަށީގެން ނުވާ ތަނަކަށް ހެދުން ކަމަށް މެދުއިރުމަތީގެ ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕް (އައި.ސީ.ޖީ.)ގެ ދިރާސާ ކުރުންތެރިއެއް ކަމަށްވާ މިރާފް ޒޮންސްޒީން ވިދާޅުވީ ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ދަސްވި ހަމައެކަނި އެއްޗަކީ އިސްރާއީލު ސިފައިން "ހުރަސްކޮށްގެން ނުވާނެ ކަމަށް އެމެރިކާއިން ބުނާ ރަތް ރޮނގަކީ ނެތް އެއްޗެއް" ކަމެވެ.
"އެމެރިކާއިން އަދިވެސް މި ކުރިމަތިލުންތައް ދެކެމުން އަންނަނީ ހަނގުރާމައެއްގެ ގޮތުގައި. މިހެންވެ އިސްރާއީލާއި އެމެރިކާގެ ހިޔާލު މިކަމުގައި އެއްގޮތް. އިސްރާއީލާއި އެމެރިކާއިން ވެސް ބޭނުންވަނީ އެއް ކަމެއް. ދެ ގައުމުން ވެސް ޣައްޒާގެ މައްސަލައިގައި ގެންގުޅެނީ އެއް ސިޔާސަތެއް. މިހެންވެ އެމެރިކާއިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިފާނެ ކަމަކަށް އިސްރާއީލުން ގަބޫލެއް ނުކުރޭ،" މިރާފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޣައްޒާގައި މިހާރު ހަމައެކަނި ސަލާމަތުން އޮތް ސަހަރު ކަމަށްވާ ރަފަހް މިހާރު އިސްރާއީލު ސިފައިން ސުންނާފަތި ކުރަމުންދާއިރު، ރަފަހްއަށް ނޭރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލަށް ދެއްވި އިންޒާރަކީ ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.
"އެ ވިދާޅުވާ 'ރަތް ރޮނގު’ދަނީ ދާނެ މިސްރާބަކަށް. އެއީ އެންމެންވެސް ވިސްނަންވެއްޖެ ކަމެއް. (ހުޅަނގުގެ ގައުމުތަކުން) ކަނޑައަޅާ ރަތް ރޮނގަކީ އެއްވެސް ހަގީގަތެއް ނެތް އެއްޗެއް،" މިރާފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްރާއީލާއި އެމެރިކާގެ ސިޔާސަތަކީ އެއް ސިޔާސަތެއް ކަމަށް ދޭހަވަނީ ދެ ގައުމުން ވެސް ބޭނުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން ޖިހާދު ކުރަމުން އަންނަ ހަމާސް ނައްތާލުން ކަމަށެވެ. ނަމަވެސް މި އަމާޒަށް އިސްރާއީލަށް ވާސިލުވާ މަންޒަރެއް ނުފެންނަ ކަމަށެވެ.
އަންގާރަ ދުވަހު އަޔަލެންޑާއި ނޯވޭ އަދި ސްޕެއިނުން ރަސްމީ ސިފައެއްގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަތް ނަމަވެސް އޭގެން ފަލަސްތީނަށް ރަމްޒީ ފައިދާއެއް ލިބުން ނޫން އެހެން ކަމެއް ނުވާނެ ކަމަށް މިރާފް ވިދާޅުވިއެވެ.
"މިއީ މިހާރު ފަލަސްތީނުގެ އާއްމުންނަށް ބޭނުންވެފައިވާ ބޮޑު އެހީއަށް ބަލާއިރު އެ ކަމާ ނުބައްދަލު ހަމައެކަނި ރަމްޒީ ތާއީދެއް،" މިރާފް ވިދާޅުވިއެވެ.
ދިރާސާ ކުރާ އެހެން ތިންކް ޓޭންކެއް ކަމަށްވާ މިޑްލް އީސްޓް ކައުންސިލް އޮން ފޮރިން އެފެއާޒްގެ ތަޖުރިބާކާރެއް ކަމަށްވާ އުމަރު ރަހްމާން ވިދާޅުވީ އިސްރާއީލަށް އަދަބު ދިނުމުގެ ގޮތުން އެމެރިކާއިން ދުވަހަކުވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
"ހަގީގަތުގައި އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ކަންތައް ކުރަމުން ދިޔައީ އެމެރިކާ ބޭނުންވާ ގޮތަށް. އިސްރާއީލަށް އެނގޭ އެ ގައުމާ ދެކޮޅަށް އެމެރިކާއިން އެއްވެސް ފިޔަވަޅެއް ނާޅާނެކަން،" އުމަރު ވިދާޅުވިއެވެ.
ރަފަހް ސުންނާފަތި ކުރަމުން މިހާރު އިސްރާއީލުން ދަނީ ދުނިޔޭގެ ޖިނާއީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ.)އިން ނަތަންޔާހޫއަކީ ހަނގުރާމައިގެ ޖަރީމާ އާއި އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގާ ކުށްވެރިއެއް ކަމަށް ކަނޑައަޅައިފައި އޮއްވައެވެ.
"ނަތަންޔާހޫއަށް އެނގޭ އެމެރިކާއިން އެ ބުނާ ރަތް ރޮނގަކީ މާނައެއް ހުރި އެއްޗެއް ނޫންކަން. ސަބަބަކީ އިސްރާއީލުގެ ކުށްތަކަށް އިސްރާއީލު ޒިންމާދާރު ކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްރާއީލާ ދެކޮޅަށް އަޅާނެ ކަމަށް އެމެރިކާ ބުނި ހުރިހާ ފިޔަވަޅުތައް ނާޅާ އެ ކަމުން ބަރީއަވެފައިވާ ކަމަށެވެ.
"މި ކަމުން އިސްރާއީލަށް ދޭ މެސެޖަކީ އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ އެމެރިކާއިން މާޔޫސް ނުވާކަން،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްރާއީލުން ބޭނުންވާ ކަންތައްތައް ހުއްޓުވޭނީ ބައިނަލްއަގުވަމީ ގާނޫނުތައް މުގުރަމުންދާ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ކަމަށެވެ.
"ހުޅަނގުގެ ގައުމުތަކުން އެ ދަނީ އެ ބައި މީހުން އެދޭ ހަގީގީ އަމާޒުފަތްގަނޑަށް ވާސިލު ވުމަށް އިސްރާއީލަށް މަގުފަހިކުރަމުން. އެއީ ޣައްޒާގެ ރައްޔިތުންނަށް މިހާރު ލިބިފައިވާ ހަމައެކަނި ހިމާޔަތުގެ ބިން ކަމަށްވާ ރަފަހް ސުންނާފަތިކޮށްލުން،" އުމަރު ވިދާޅުވިއެވެ.
އިސްރާއީލު ސިފައިން މިހާރު ވަނީ އެމެރިކާ ކުރިން ބުނި ރަތް ރޮނގު ހުރަސްކޮށް ރަފަހްގެ މެދުތެރެއަށް ވަދެފައެވެ. އަދި މުޅި ދުނިޔެއިން ކުށްވެރި ކުރި އާދީއްތަ ދުވަހުގެ ހަމަލާގައި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ޓެންޓްތަކަށް ހަމަލާދީ 45 މީހުން ޝަހީދުކޮށްލައިފައެވެ. މި ހަމަލާގައި ޓެންޓްތަކުގައި ރޯވުމުން ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ވަނީ ދިރިތިއްބާ އަނދައިގެން ގޮސްފައެވެ.
ނަތަންޔާހޫ ބުނީ މިއީ "އޮޅިގެން ދިން" ހަމަލާއެއް ކަމަށާއި އިސްރާއީލު ސިފައިން އަމާޒު ކުރީ ހަމާސްގެ ދެ މީހުން ޝަހީދުކޮށްލުމަށް ކަމަށެވެ. ފުރަތަމަކޮޅު އިސްރާއީލުން ބުނީ މި ހަމަލާ ދީފައިވަނީ ޓެންޓްތަކާ 180 މީޓަރު ދުރަށް ކަމަށެވެ. ނަމަވެސް ޓެންޓްތައް ކައިރީގައި ހުރި ހަމާސްގެ ބަޑިގުދަނެއްގައި ރޯވެ، ޓެންޓްތަކުގައި އަލިފާންގަނޑު ފެތުރުނީ ކަމަށް ފަހުން ބުންޏެވެ. މި ހާދިސާގެ އެތެރޭގެ ތަހުގީގެއް އިސްރާއީލުން ހިންގާނެ ކަމަށް ބުނުމުން އެމެރިކާއިން ބުނީ މި ތަހުގީގުން ކޮންމެ ނަތީޖާއެއް ނުކުތަސް ހަނގުރާމަ އެއްކޮށް ނިމުމުން ނޫނީ ހަދާނެ ގޮތެއް ނޭނގޭ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދެކުނު އިސްރާއީލު ތެރެއަށް ވަދެ 1،200 އެއްހާ ޔަހޫދީން މަރައިލައި، 250 އެއްހާ ޔަހޫދީން ރަހީނު ކުރުމުން، އެ ކަމުގެ ބަދަލުހިފުމެއް ކަމަށް އުޒުރު ދައްކައި އިސްރާއީލުން ޣައްޒާ ސުންނާފަތި ކުރަމުންދާ ދިޔުމުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލައިފައެވެ.



advertisment