ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ވަފުދު ދިވެހިރާއްޖެއަށް އެނބުރިވަޑައިގަންނަވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވުމުން، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ޚާއްޞަ މެހެމާންދާރީއެއް އަދާކުރައްވައިފިއެވެ.
ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުޢިއްޒަށް މަރްޙަބާ ދެންނެވީ ބާބެޑޯސްގެ އެކްޓިންގ މިނިސްޓަރ އޮފް ފޮރިންއެފެއާޒް އޮފް ފޮރިން އެންޑް ފޮރިން ޓްރޭޑް އަދި އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ސީ. ސަންދްރަވީ ހަޒްބަންޑްސް އާއި، ޗީފް އޮފް ޕްރޮޓޮކޯލް ރެސާ ލޭން އެވެ.
އެއާޕޯޓް ސަރަޙައްދުގައި ހުރި ބާބެޑޯސްގެ މުހިންމު ރީތި އަދި ތާރީޚީ ތަންތަން ދިވެހި ވަފްދުގެ ބޭފުޅުންނަށް ދައްކަވައިލެއްވުމުގެ ޚާއްޞަ 'ސައިޓްސީން’އެއް އެ ޤައުމުގެ ސަރުކާރުން ވަނީ އިންތިޒާމުކޮށްދެއްވައިފައެވެ.
އަދި ބާބެޑޯސްގެ ބޮޑުވަޒީރު މިއާ އަމޮރް މޮޓްލީ، ރައީސުލްޖުމްހޫރިއްޔާ އަށް ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ޤައުމުގައި މަޑުކޮށްލެއްވީތީ މަރްޙަބާއާއި ޝުކުރު ދެންނެވިއެވެ.
ދެ ލީޑަރުން ފޯނުން ދެއްކެވި ވާހަކަފުޅުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިގެންމިދިޔަ، 'ސިޑްސް’ގެ މަހާސިންތާގައިގެ ކާމިޔާބީތަކަށް އަލިއަޅުވައިލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބާބެޑޯސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެން މިދިޔަ 'ސިޑްސް’ގެ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވީތީ ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، ބާބެޑޯސްގައި މި މަޑުކޮށްލެއްވި ކުޑަ ވަގުތުކޮޅު، އެ ޤައުމުގެ ސަރުކާރުން ކަމޭހިއްތަވައި މެހެމާންދާރީ އަދާކުރެއްވި ފުރިހަމަކަމަށްޓަކައި، އެމަނިކުފާނާއި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ބާބެޑޯސްއިން ފުރާވަޑައިގަންނަވަމުން، އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވެވި ޝުކުރުގެ ޚާއްޞަ މެސެޖުގައި، ބާބެޑޯސްގައި މަޑުކޮށްލެއްވި މި ކުޑަ ވަގުތުކޮޅުގައިވެސް އެ ޤައުމުން ފެނިވަޑައިގަތް ރީތިކަމަށް ތާރީފުކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދަށް، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން އަދާކުރެއްވި ޚާއްޞަ މެހެމާންދާރީ އަބަދުވެސް ހަނދުމަފުޅު ހުންނާނޭކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިދިޔަ މަހާސިންތާގެ ހަވާސާގައި، ބާބެޑޯސްގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށް، މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރައްވާފައި އޮތް ނަމަވެސް، ދެބޭފުޅުންގެވެސް އަވަދިނެތިވެ އަދި ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން، އެ ބައްދަލުވުން ބޭއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަތްކަން ހިތާމައާއެކު ފާހަގަކުރައްވައި، ވަރަށް އަވަހަށް ދެބޭފުޅުން ބައްދަލުވާނޭކަމުގެ އުންމީދު އައުކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، 'ސިޑްސް' ގެ 4 ވަނަ މަހާސިންތާގައި، ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިޞްލާޙުކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ވެދޭ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވައި ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތްޕުޅު ޚާއްޞަގޮތެއްގައި ފާހަގަކުރައްވަމުންނެވެ. އަދި އެކަމަނާގެ އެ މަސައްކަތްޕުޅުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިންވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއްކަމަކީ މިއީ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެންޓީގާ އެންޑް ބާބިޔުޑާގައި މި ބޭއްވުނު މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖެއާއި ބާބެޑޯސް އިން އެއްބާރުލައިގެން، މި މަސައްކަތް ކުރަމުން ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ވިދާޅުވެފައި ވެއެވެ.



advertisment