ގޭގެއިން "ވައްކަން ކުރަނީ" ހަމައެކަނި އިންސާނުންނެއް ނޫނެވެ. ސާރިދޯޅު ފަދަ ޖަނަވާރު ވެސް މިއީ ގޭގެއިން ވައްކަން ކުރަން ދަންނަ އެއްޗެއްސެވެ.
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ މޮންރޯވިއާ ސަހަރުގެ ރައްޔިތުންނަށް ވަނީ އެ މީހުންގެ ގޭގެއިން ވައްކަން ކުރާ ސާރިދޯޅެއް ފެނިފައެވެ. މި ފަދަ ސާރިދޯޅެއް، ގެއެއްގެ ކުޑަދޮރުގައި ޖަހައިފައިވާ ސްކްރީން ހަލާކުކޮށްލައިގެން އެ ގެއަށް ވަތް މަންޒަރު ވަނީ ސީ.ސީ.ޓީ.ވީ. ކެމެރާއަށް ރެކޯޑު ކުރެވިފައެވެ. އެ ސޮރު ވަގަށް ގެންދިޔައީ އެންމެ އެއްޗެކެވެ؛ އިންސާނުންނަށް ވެސް ވަރަށް މީރު އޯރިއޯ މަރުކާގެ ބިސްކޯދު ޕެކެޓެކެވެ.
އެ ގެއާ ޖެހިގެން ހުރި ގެއިން ވެސް މިފަދަ ހާދިސާއެއް ރިޕޯޓު ކޮށްފައިވެއެވެ. އޯރިއޯ ބިސްކޯދު ވަގަށް ނެގި އަވައްޓެރި ގެއަކުން ބުނީ މި ސާރިދޯޅު ފާހަގަ ކުރެވިފައިވަނީ ފޮނިކާބޯތަކެތި ވަގަށް ނަގާ ސާރިދޯޅެއްގެ ގޮތުގައި ކަމަށެވެ.
"އަހަރެންގެ ގޭގެ ގަރާޖަށް ވަދެ، އެ ތާނގައި ހުރި އައިސް އަލަމާރިއަކުން ޗޮކްލެޓް ކޭކް ހަމަ މި ސާރިދޯޅު ވަގަށް ގެންދިޔަ،" ވީނާ ކޫރީ ބުންޏެވެ.
އޭނާ ބުނީ އޭނާގެ އަވައްޓެރިން މި ސާރިދޯޅަށް މިހާރު ދީފައިވާ ނަމަކީ "އޯރިއޯ" ކަމަށެވެ.
"ސްކްރީނެއް ޖަހައިފައި ވެސް ކުޑަދޮރު ހުޅުވަން އަހަރެން މިހާރު ޖެހިލުންވޭ. ސަބަބަކީ އެ ސޮރު ސްކްރީން ވެސް ވަނީ ހަލާކު ކޮށްލައިފައި. މިއީ އަހަރެންނަށް ސިހުން ލިބުނު ކަމެއް،" ވީނާ ބުންޏެވެ.
ވީނާގެ ގެއަށް ވަން ސާރިދޯޅަށްވުރެ ކުޑަ ސާރިދޯޅެއްވަނީ އޭނާ ދިރިއުޅޭ ހިސާބުގައި ކާރެއްގެ ދޮރު ހުޅުވައިގެން ތަރުކާރީ އާއި މޭވާ ވެސް ވަގަށް ގެންގޮސްފައެވެ.



advertisment