މީގެ އަށެއްކަ އަހަރު ކުރީއްސުރެ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދެވި މަރްޙޫމް ޙާފިޒް ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 30 މެއި 1981ގައި، ފިޝަރީޒް ޑިވިޜަންގެ އެސިސްޓެންޓް ސްޓެޓީޝަންގެ މަޤާމުންނެވެ. ޖުމްލަ 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައި ވާއިރު އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަޤާމުތައް ފުރުއްވައިފައެވެ. މީގެ އިތުރުން މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު މަރްޙޫމް ހާފިޒަށް ލިބިވަޑައިގެންފައިވެއެވެ.

ދުނިޔެއިން އަލަށް ފެނުނު މަހަކަށް ސައިންސްވެރިން ވަނީ ހާފިޒުގެ ނަމުން ނަންދީފައެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު މަސްވެރިކަމާ ބެހޭ މަޖައްލާއަށް ލިޔުއްވައި އެ މަޖައްލާގެ އެޑިޓަރުކަން ވެސް ހާފިޒު ވަނީ ކުރައްވައިފައެވެ. ހާފިޒު އެންމެ ފަހުން ލިޔުއްވީ "އަދިވެސް އޮންލައިން" އަށެވެ.

ހާފިޒު ވަނީ އަހުމަދިއްޔާގެ ޕްރިންސިޕަލްކަން ވެސް ކުރައްވައިފައެވެ. އަދި ބާސްކެޓް ބޯޅަ ކުޅުއްވުމުގެ އިތުރުން ހާފިޒް ވަނީ މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ ރައީސްކަން ވެސް ދިގު މުއްދަތެއްގައި ކުރައްވައިފައެވެ.

މަރުޙޫމް އަޙްމަދު ޙާފިޒް ފަސްދާނުލީ މިރޭގެ ޢިޝާ ނަމާދަށް ފަހު، މަސްޖިދު ޒައިދު ބިން ޘާބިތު، 'ހުޅުމާލެ ސަހަރާ މިސްކިތު’ގައެވެ. ހާފިޒުގެ ޖަނާޒާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.