ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ.އާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި މި ބައްދަލުކުރެއްވުން މިއަދު ބޭއްވެވީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާކަން ހާމަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ފަރާތުން ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާއި ތަޢުލީމާއި ތިމާވެށްޓާއި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސިޑްސްއިން ނެރެވޭނެ ނަތީޖާއާއި ދައުރުގެ މައްޗަށް އަދި ދައުލަތްތަކުގެ ވަސީލަތްތަކާއި އަމިއްލަ ފޯރުންތެރިކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސްގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.
ކޮމަންވެލްތުގެ ފަރާތުން ސިޑްސްއަށް އެހީވުމުގައި ކޮމަންވެލްތުގެ ދައުރު އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސް4 ގެ އެޖެންޑާގެ ތެރެއިން ޤައުމުތަކުން އެއްބަސްވާ އެކްޝަން ޕްލޭންގައި ކަނޑައެޅޭގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާއެކު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.



advertisment