Support Us

ހިލޭ ވައިފައިއެއް ނޫން ހަމަ "ވައިފް"

އިންޑޮނީޝިއާގެ ނޫހެއްގައި ގެއެއް ވިއްކާލުމަށް ޖެހި އިސްތިހާރެއް ސޯޝަލް މީޑިއާގައި ވައިރަލްވި ސަބަބު އެނގޭހެއްޔެވެ. އިސްތިހާރުގައި ޖަހައިފައިވަނީ ގޭގެ އިތުރުން "ހިލޭ" އެހެން އެއްޗެއްވެސް ލިބޭނެ ކަމަށެވެ. އެއީ ހޮޓެލް އާއި ރެސްޓޯރަންޓް ފަދަ ތަންތަނުން ހިލޭ ލިބޭ ވައިފައި އިންޓަނެޓެއް ނޫނެވެ. ނަމަވެސް "ވައިފް" ނުވަތަ އަނތްބެކެވެ.

އިސްތިހާރު ފުރަތަމަ ފެނުނު މީހުންނަށް ހީވީ މިއީ އިސްތިހާރުގައި އޮޅުމަކުން ލިޔެވުނު ޓައިޕޯއެއް ކަމަށެވެ. "ވައިފް" އާއި "ވައިފައި" ވައްތަރު ކަމުން އޮޓޯކަރެކްޓުން ރަނގަޅުކޮށްލީ ކަމަށެވެ. ނަމަވެސް ހަގީގަތް ބެލިއިރު އެނގުނީ މި ގެ ވިއްކާލުމަށް ޖެހި އިސްތިހާރުގައި ހިލޭ ލިބޭ އިތުރު "އެއްޗަކީ" ހަމަ އަނތްބެއް ކަމެވެ.

ދެ ކުދިންގެ މަންމަ އުމުރުން 40 އަހަރުގެ ވީނާ ލިއާ އަކީ ހުވަފަތް އަންހެނެކެވެ. ވިއްކާލަން އިސްތިހާރު ކުރި ގޭގައި ދެ ކޮޓަރި އާއި ދެ ފާހަނާއާއި ކާރު ޕާކް ކުރާނެ ގަރާޖަކާއި މަސްފެންގަނޑެއް ވެއެވެ.

"ހައުސް ފޮ ސޭލް އިން އިންޑޮނީޝިއާ– ވިތު ފްރީ ވައިފް"ގެ ސުރުހީ ދީފައި ނޫހުގައި ޖެހި އިސްތިހާރުގައި މި ބުނަނީ "އިންޑޮނީޝިއާގައި ވިއްކާ ގެއެއް– ހިލޭ އަނތްބަކާ"އެކު މިހެންނެވެ.

މި މައްސަލަ މިހާރު ވަނީ 242 މިލިއަން ނުވަތަ 87 ޕަސެންޓް މުސްލިމުން އުޅޭ އިންޑޮނީޝިއާގައި ގާނޫނީ ބޮޑު މައްސަލައަކަށް ވެފައެވެ. ވީނާ ބުނީ އޭނާއާ ސުވާލު ކުރުމަށް ފުލުހުން ދިޔަ ކަމަށެވެ.

"ނަމަވެސް އަހަރެން ބުނިން އެ އިސްތިހާރަކީ އަހަރެންގެ ހިޔާލެއް ނޫން ކަމަށް،" ވީނާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ރައްޓެހި އެޖެންޓެއް ގާތުގައި އޮންލައިންކޮށް އިސްތިހާރެއް ޖަހާކަށް ނުބުނާ ކަމަށެވެ. ހަމައެކަނި އެދުނު ކަމަކީ އޭނާގެ ގެ ގަންނަން ބޭނުންވާ މީހަކު ހުރި ނަމަ، އެ މީހެއްގެ ގާތުގައި އޭނާއަކީ ފިރި މަރުވެފައިވާ މީހެއްކަން ބުނެދީ، އޭނާގެ ގެ ގަންނަ މީހަކީ ހުސްހަށިބައި ފިރިހެނެއް ނަމަ، ވީނާ އެ މީހަކާ ކައިވެނި ކުރަން މައްސަލައެއް ނެތް ކަމަށް ބުނެދިނުން ކަމަށެވެ.

ވީނާ ބުނީ އޭނާގެ ގެ ގަންނަން ޝައުގުވެރިކަން ފާޅުކުރީ އަދި އެންމެ މީހެއް ކަމަށެވެ. ނަމަވެސް އެ މީހާގެ ތަފުސީލު އޭނާ ހާމައެއް ނުކުރިއެވެ.

ވީނާގެ "މައްސަލަ ޖެހުނު އިސްތިހާރު" ފެނިފައިވާ އިންޑިއާ ރައްޔިތުން ސޯޝަލް މީޑިއާގައި ބުނީ މިއީ އިންޑިއާ ކަމަށް ވަނީ ނަމަ، މި އިސްތިހާރަކީ ހައިރާންވާން ޖެހޭ ވަރުގެ އިސްތިހާރެއް ނޫން ކަމަށެވެ. އެ ގޮތުން އިންޑިއާގެ ސަގާފަތުގައި ކައިވެންޏަކީ "ބޮޑު ވިޔަފާރި"އެއް ކަމަށާއި މުދަލާއި ބިމާއި މި ބާވަތުގެ އެއްޗެހި އެކަކު އަނެކަކަށް ނުދީ ކައިވެނިނުކުރެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް