Support Us

ކަބާބަށް ސަބްސިޑީ ދޭން ގޮވާލައިފި

ދިވެހީންގެ ތެރޭގައި ވެސް މިހާރު ވަރަށް މަގުބޫލު ކެއުމެއް ކަމަށްވާ ކަބާބަށް ސަބްސިޑީ ދިނުމާމެދު ފެންނަނީ ކިހިނެތް ހެއްޔެވެ؟ މިއީ މިހާރު ވަރަށް ސީރިއަސް ގޮތެއްގައި ޖަރުމަނުގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެފައިވާ "މައްސަލަ"އެކެވެ. 

ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑުން ބުނީ އެ ގައުމުގައި ކޮންމެ އަހަރަކު 1.3 ބިލިއަން ކަބާބު ކާ ކަމަށެވެ. އަދި މިހެންވެ، ކަބާބަށް ސަބްސިޑީން ދޭން ހުށަހަޅާފައިވާ ހުށަހެޅުން ސަރުކާރުން ފާސްކޮށްފި ނަމަ، ސަބްސިޑީ ދޭން ހަތަރު ވަރަކަށް ބިލިއަން ޔޫރޯ ހަރަދުވާނެ ކަމަށެވެ.

މެދުއިރުމަތިން ދުނިޔެއަށް ތައާރަފުވެގެންދިޔަ ކަބާބަކީ މިހާރު ޖަރުމަނުގެ ނުރަސްމީ ގައުމީ ކެއުންތަކުގެ ތެރޭގައި ހިމެނޭ ކެއުމެވެ. އަދި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވަމުން މިހާރު ދާތީ ކަބާބެއްގެ އަގު 10 ޔޫރޯ އަށްވުރެ ބޮޑުވެދާނެތީ ޖަރުމަނުގެ ގިނަ ޒުވާނުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"ޖަރުމަނުގެ ޒުވާނުން ގައުމުގެ ވެރިޔާ (ނުވަތަ ޖަރުމަނު ބަހުން ކިޔާ ގޮތުން ނަމަ 'ޗާންސެލަރ') އޮލާފް ޝޮލްޒް އަރިހުން ކަބާބުގެ އަގު ކުޑަ ކުރަން އެދޭ ނަމަ، އެއީ އިންޓަނެޓުގައި ފެތުރިގެން އުޅޭ މަޖާގަނޑެއް ނޫން. މިއީ އެހީތެރިވުމަށް ސީރިއަސްކޮށް ގޮވާލުމެއް!" ޖަރުމަނުގެ ވާތުފިޔައިގެ ލެފްޓް ޕާޓީގެ ހިންގާ ކޮމިޓީގެ ކެތީ ގެބޭލް ބިލްޑް ނޫހަށް ވިދާޅުވިއެވެ.

އޭނާގެ ޕާޓީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޖަރުމަނުގައި ކަބާބެއްގެ އަގު 4.80 ޔޫރޯ އަށްވުރެ އަގު ބޮޑު ނުވާނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. އެ ގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ކަބާބެއް 2.50 ޔޫރޯ އަށް ވުރެ ބޮޑު ނުވާނެ ގޮތެއްގައި ސަބްސިޑީ ދިނުމަށް އަންނަނީ ވިސްނަމުންނެވެ.

ޖަރުމަނުގައި މި ވަގުތު ކަބާބެއް ލިބެނީ 7.9 ޔޫރޯ އަށެވެ. ނަމަވެސް އެ ގައުމުގައި އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު ބޮޑު ވަމުންދާތީ ކަބާބެއް ލިބޭ އަގު އިސާހިތަކު އެއަށްވުރެ ބޮޑު ވެދާނެ ކަމަށް ލެފްޓް ޕާޓީން ބުނެއެވެ.

ކަބާބުގެ އަގަކީ ޖަރުމަނު ސަރުކާރުގެ ސިޔާސީ މައިދާނުގައި މިހާރު ހިނގާ އެންމެ ބޮޑު "ޖޯކެ"ވެ. އޮލާފް ވަޑައިގަންނަވާ ކޮންމެ ތަނަކުން ރައްޔިތުން ސުވާލު ކުރަނީ އެ ކަމާއެވެ.

"ދައުލަތުން މި މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ. ސަބަބަކީ ކާބޯތަކެއްޗަކީ މުއްސަނދި ފަންތީގެ މީހުންގެ އެއްޗަކަށް ވިޔަނުދޭން،" ކެތީ ވިދާޅުވިއެވެ.

އޭނާގެ ލެފްޓް ޕާޓީން ބުނީ ކަބާބުގެ އަގު މިހާރު މައްޗަށް ގޮސްފައިވަނީ ކަބާބު ވިއްކާ ތަންތަނުގެ ކުއްޔާއި ކަރަންޓްގެ އަގު މައްޗަށް ދާތީ ކަމަށެވެ.

ޖަރުމަންގެ އިތުރުން ޔޫރަޕްގެ އިއްތިހާދުގައިވާ ގައުމެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ރައްޔިތުން ވެސް "ޓޭކް-އަވޭ" ނުވަތަ ގަނެގެން ގެންދާ ކާބޯތަކެތީގެ އަގުތައް ދަނީ މަތިވަމުންނެވެ. އެ ގޮތުން ޑެލިވަރޫ ކުންފުނީގެ ވެރިޔާ މިދިޔަ މާރިޗު މަހު ވިދާޅުވެފައިވަނީ މުސާރައިގެ އިންފްލޭޝަނަށް ވުރެ ކާބޯތަކެތީގެ އަގުގެ އިންފްލޭޝަން ދެގުނަ މަތި ކަމަށެވެ.

ކަބާބުގެ އަގުތައް ވަކި މިނެއްގައި ހިފެހެއްޓުމާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *