Support Us

ފެން، ކާބޯއެއްޗެހި، ސިއްހީ ފަރުވާ، ފާހާނާ ނެތް ޣައްޒާއަށް މާޔޫސްކަން

ޣައްޒާގެ އުތުރާއި ދެކުނާއި ރަފަހަށް އިސްރާއީލު އަސްކަރިއްޔާއިން ކެނޑިނޭޅި ހަމަލާތައް ދެމުންދާތީ އަލުން އަނބުރާ ހާން ޔޫނިސް ސަހަރު ކައިރިއަށް ފަލަސްތީނުގެ ބައި މިލިއަން މީހުން އަތުވެއްޖެއެވެ. އަދި ގޮނޑުދޮށާއި އެ ތަނާ އިންވެގެން ހުރި މުޅި ހިސާބުގައި ދިރިއުޅެމުންދަނީ ކޭމްޕްތަކެއްގައި އެތައް ސަތޭކަ ޓެންޓް ޖަހައިގެންނެވެ. ކައިބޮއެ އުޅޭ ކެފޭތަކާއި މަގުތައް ވަނީ ބަންދުވެފައެވެ.

ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހަށް އިސްރާއީލު ސިފައިން ފޯރުމުން ފަލަސްތީނުގެ ރައްޔިތުން ބަރުދާސް ކުރަމުންދަނީ ހިތްދަތި ދިރިއުޅުމެކެވެ. ޒަހަމްތަކާއި ބަލިތަކާއި ބަނޑުހައިހޫނު ކަމާއި ފެން ބޮވައިގެންފައިވުމާއި މި ކަހަލަ އެތައްއެތައް ކަމަކަށް އެބައިމީހުން ދަނީ ކެތްކުރަމުންނެވެ.

އިސްރާއީލު ސިފައިން އުތުރު ޣައްޒާއިން ފަހައިލި ހަމާސްގެ ޖިހާދު ކުރާ ހަނގުރާމަވެރިން އަނބުރާ އައުމުން އިސްރާއީލު ސިފައިން އަނެއްކާ އެ ސަރަހައްދަށް އައީ ހަފުތާބަންދުގައެވެ. އަދި މި ކަމުގެ ސަބަބުން 100،000 ފަލަސްތީނު އާއްމު ރައްޔިތުން އެ ތަން ދޫކޮށް ދާން ޖެހުނެވެ. މި ގޮތަށް އަމަލު ކުރަމުންދަނީ ލީފްލެޓްތަކާއި ފޯން ކޯލްތަކާއި މީސް މީޑިއާ ބޭނުންކޮށްގެން އެ ސަރަހައްދު ދޫކުރުމަށް ލިބިފައިވާ އިރުޝާދުގެ ދަށުންނެވެ.

އިސްރާއީލު އޮފިޝަލުން ބުނަނީ ބައިނަލްއަގުވާމީ އެހީ އެ ބޭނުންވާ ފަރާތްކަށް ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ތަޖުރިބާ ކުރަމުން ދަނީ އިސްރާއީލުގެ މި ބުނުމާ ތައާރަޒުވާ އަމަލުތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފެން ފޮދެއް ހޯދުމަށް ފަލަސްތީނު ރައްޔިތުން ދިގު ދަތުރުތައް ކުރަން ޖެހެއެވެ. އަދި ބޭނުންވާ ވަރަށް ކާބޯތަކެއްޗަށް ހަރަދު ކުރުމަށް އަތުގައި ފައިސާއެއް ނެތެވެ. އެއް ކިލޯގެ ހަކުރު ލިބެނީ 12 ޑޮލަރަށެވެ. އެއީ މީގެ ހަފުތާއެއް ކުރިން އިސްރާއީލުން ރަފަހް ފަތަހަ ކުރަން ފެށި އިރާ އަޅާބަލާއިރު ހަ ގުނަ ބޮޑު އަގެކެވެ. ލޮނާއި ކޮފީގެ އަގު 10 ގުނައިން މަތިވެފައިވެއެވެ. ނަމަވެސް ފުށުގެ އަގު ނަސީބަކުން ހުރީ ވަކި މިނެއްގައި ހިފެހެއްޓިފައެވެ. އެއް މައްސަލައަކީ ފައިސާގެ ދަތިކަމެވެ. ބޭންކުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެ ބޭންކުތަކުގައި ހުރީ ވެސް މަދު ރިޒާވްތަކެކެވެ. 

މިއީ އިންސާނުން ދިރިއުޅޭ ކަހަލަ ހަޔާތެއް ނޫން ކަމަށް، އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ރިޕޯޓް ކުރިއެވެ. އެ ނޫހުގެ އެއް ރިޕޯޓަރަކު މިހާރު ހުރީ ހާން ޔޫނިސްގައެވެ. އަދި އަނެއް ރިޕޯޓަރު ހުރީ އިރުމަތީ ގުދުސްގައެވެ.

"އަހަރެންގެ ދަރިން އަހަރެންގެ ގާތުގައި އަހަނީ އަލުވި ކޮޅެއް ލިބިދާނެހޭ. އެކަމަކު އަހަރެމެންގެ އަތުގައި މިހާރު ފައިސާއެއް ނެތް. އަހަރެމެންގެ އަތުގައި ހުރީ ހަމައެކަނި އދ.އިން ބަހާ ދަޅުގައި ބަންދުކޮށްފައިވާ ކާބޯތަކެތި،" ފަލަސްތީނުގެ ރެފިއުޖީއަކު ދަ ގާޑިއަން ނޫހަށް ބުނި ކަމަށް އެ ނޫހުން ރިޕޯޓްކުރިއެވެ. 

ހާން ޔޫނިސްގެ ގޮނޑުދޮށް ސަރަހައްދުގައި ރޯގާ އާއި ހުމާއި އަދި ހެޕަޓައިޓިސް ފަދަ ނުރައްކާތެރި ބަލިތައް ދަނީ ހަލުއިކަމާއެކު ފެތުރެމުންނެވެ. މިހެންވެ ހުރިހާ ރައްޔިތުންހެން ވަނީ ބަލިވެފައެވެ. ނަމަވެސް ދެރަ ކަމަކީ އެންޓިބަޔޮޓިކް ލިބެން ނެތުމުންނެވެ.

މަގުތައް މިހާރު ވަނީ ވެހިކަލްތަކުން ތޮއްޖެހި ބާރުވެފައެވެ. ކާރުތަކެވެ. ލޮރީތަކެވެ. އަސް ގާޑިއާތަކާއި އަދި ބައިސްކަލްތަކުންނެވެ. މި ހުރިހާ ވެހިކަލްތަކުން ވެސް ހާން ޔޫނިސްއަށް ގެނެސްދެނީ އިސްރާއީލުގެ ހަމަލާތަކުން ސަލާމަތް ވާން ވެގެން ވަގުތީ ގޮތުން ހިޖުރަމުންދާ ފަލަސްތީނުގެ އާއްމު ރައްޔިތުންނެވެ.

 

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ވާ ޖަމާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބުނަނީ ފަލަސްތީނު ރައްޔިތުން މިހާރު އުޅެނީ "ބިރުވެރި އަދި އިންސާނިއްޔަތާ ހިލާފު" ދިރިއުޅުމެއް ކަމަށެވެ. އެ ގޮތުން ކާއެއްޗެހި މަދުވެ، ނުސާފު ފެން ބޭނުން ކުރަން މަޖުބޫރުވުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ސިއްހީ އެހީ އާއި ނަރުދަމާގެ ނިޒާމު މިހާރު މިއީ ނެތް އެއްޗެކެވެ. 

"ތޮއްޖެހިފައިވާ ކޭމްޕްތަކުން ނުކުން ނަޖިސް ވަހުގެ ސަބަބުން ނޯއްދަމާލަން ނުކެރޭ. ކުނިބުނި ހުރީ މަގުމައްޗަށް ފުންޏަކަށް ޖަހާފައި. ސަބަބަކީ ލިބެން ހުރި މަދު ވެހިކަލްތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ލިބުން ދަތިކަމުން. މީހުން ދަނީ ބަލިވަމުން،" ދެކުނު ޣައްޒާގައި މަސައްކަތް ކުރައްވާ އިނގިރޭސި ވިލާތުގެ ސިއްހީ އެހީތެރިއެއް ކަމަށްވާ ޑޮކްޓަރު ޖޭމްސް ސްމިތު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ހާން ޔޫނިސްގެ ގޮނޑުދޮށް ވަނީ ޓެންޓްތަކުން ފުނިޖެހިފައި ކަމަށެވެ. އަދި އުމްރާނީ ބިނާއެއް ނެތުމުން ކޭމްޕްތަކަށް މުދާ ވެއްދުން ވަނީ ވެސް ދަތިކަމަށްވެފައި ކަމަށެވެ.

"މި ގޮތަށް ދިރިއުޅުން ބަދަލުވެގެން ދާނެ ކަމަށް އަހަރެންގެ ހިޔާލަށް ދުވަހަކު ވެސް ނާދޭ. ކަރަންޓާއި ފެނާއި ގެދޮރު މިހާރު ހީވަނީ ހުވަފެނީ އެއްޗެހިތަކެއްހެން،" ރެފިއުޖީއެއް ކަމަށްވާ އުމުރުން 64 އަހަރުގެ ކުރީގެ މުދައްރިސު ރާފަތު ފަރުހަތު ބުންޏެވެ.

އޭނާ ބުނީ އޭނާގެ އާއިލާގެ މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށެވެ.

"އޭގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ވީ ވެއްޓި ސުންނާފަތިވި އިމާރާތްތަކުގެ ދަށުގައި،" ރާފަތު ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސްއިން އިސްރާއީލަށް ހަމަލާ ދީ، 1،000 އަށްވުރެ ގިނަ ހަޔޫދީން މަރާލައި، 200 އަށްވުރެ ގިނަ ޔަހޫދީން ރަހީނު ކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އަންހެނުން އަދި ކުޑަކުދިން ގިނައެވެ. 

ޣައްޒާގެ ދެކުނު ސަރަހައްދުގެ ގޮނޑުދޮށުގައި ރެފިއުޖީންގެ ގޮތުގައި މިހާރު އުޅެމުން އަންނަ ފަލަސްތީނު ރައްޔިތުން ބުނަނީ އެ މީހުންގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ "ބިރުވެރިކަމެއް ނެތް ހަޔާތެއް ދިރިއުޅުން" ކަމަށެވެ.

"އަހަރެން ބިރުގަންނަނީ އަހަރެންގެ ގައުމު ދާއިމީކޮށް ދޫކޮށްފައި ދާން ޖެހިދާނެތީ. އަދި އޭގެ އިތުރުން އަހަރެން ބިރުގަނޭ އަހަރެމެން އުޅޭ ތަނުގެ ކައިރިއަށް ބޮމެއް ވައްޓާލައި އޭގެ ސަބަބުން އިމާރަތްތައް ވެއްޓި ގަލާއި ހަތިޔާރުގެ ބައިބައި އަހަރެމެންގެ ބޮލަށް އޮއްސާލަފާނެތީ. މި ތާނގައި އަހަރެމެން މި ތިބީ ނުރައްކަލާއި މަރުގެ ތުންފަތްމައްޗަށް ހަމަ ކޮންމެ ވަގުތަކު ވެސް ވެއްޓިދާނެ ހާލަތެއްގައި. އަދި މިހެންވެ އަހަރެންގެ ދަރިޔަކު ނޫނީ އަހަރެންގެ އާއިލާ ނެތިގެން ހިނގައިދާނެތީ އަހަރެން ބިރުގަނޭ،" ރާފަތު ބުންޏެވެ. 

އުމުރުން މިހާރު 28 އަހަރުވެފައިވާ ތިން ކުދިންގެ މަންމަ ސަބްރީން ބުނީ އޭނާ "މިހާރު ހުރިހާ ކަމެއް ދެކެ ބިރުގަންނަ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *