Support Us

ހަގީގީ ވާހަކައެއް: މީނާ 18 އަހަރުވަންދެން ދިރިއުޅެ، މަރުވީ ވެސް އެއާޕޯޓެއްގައި

އިރާނުގެ ރެފިއުޖީއެއް ކަމަށްވާ މަހްރާން ކަރީމީ ނާސިރީ ފްރާންސްގެ މައި ވައިގެ ބަނދަރު ޗާލްސް ޑި ގޯލް އެއާޕޯޓަށް ދިޔައީ 26 އޯގަސްޓް 1988 ގައެވެ. އަދި ހޮސްޕިޓަލެއްގައި ޖުލައި 2006 ގައި އެޑްމިޓް ކުރަންދެން ދިރިއުޅުނީ އެ އެއާޕޯޓްގެ "ޓާމިނަލް އެކެއް"ގައެވެ.

މަހްރާންގެ ހަޔާތަކީ އާދަޔާ ހިލާފު، އަޖައިބުން ފުރިފައިވާ ދިރިއުޅުމެކެވެ. އޭނާގެ އޮޓޯބަޔޮގްރަފީ ޝާއިއުކުރީ 2004 ގައެވެ. އެ ފޮތަށް ދީފައިވާ ނަމަކީ "ދަ ޓާމިނަލް މޭން" ނުވަތަ "ޓާމިނަލް މީހާ"އެވެ.

އޮސްކާ އެވޯޑު ހޯދައިފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގް "ދަ ޓާމިނަލް" ނަމަކަށް ކިޔާ ފިލްމް 2004 ގައި ހަދަން ހިޔާލު ލިބުނީ އެއާޕޯޓުގައި މަހްރާން ތާށިވެގެން އެތައް އަހަރުތަކެއް ވޭތުކުރަން ޖެހުމުންނެވެ. ފިލްމްގައި އޭނާގެ ރޯލު އަދާކޮށްފައިވަނީ އޮސްކާ އެވޯޑު ވިދިވިދިގެން ދެ އަހަރު ހޯދި ޓޮމް ހޭންކްސްއެވެ. ފިލްމްގައި ދައްކަނީ ޓޮމްގެ ހިޔާލީ ގައުމުގައި ބަޣާވާތެއް ހިނގައި، އޭނާގެ ރަށްވެހިކަން ޝައްކުގެ ތެރެއަށް ވެއްޓުނީމާ އެމެރިކާގެ އެއާޕޯޓެއްގައި ތާށިވާ ގޮތެވެ. މިހެންވެ އަނބުރާ ގައުމަށް ދެވޭ ގޮތެއް ވެސް ނުވިއެވެ. އަދި އެއާޕޯޓުން ބޭރަށް ދާން ވެސް ގާނޫނު ތަނެއް ނުދެއެވެ. މިހެންވެ ކައިބޮއި ހަދައި ފެންވަރައި ފާހަނާކުރަނީ ވެސް ޓާމިނަލް ތެރޭގައެވެ. އަދި ޓާމިނަލްގައި ހުންނަ އާމްދަނީ ލިބޭ ކަހަލަ ބައެއް ކަންތައްތައްކޮށް ބާގާ ފަދަ ކާއެއްޗެހި ކައިގެން އުޅޭ ދިރިއުޅުން ދައްކައިދެއެވެ.

ސްޕީލްބާގް އާއި ޓޮމް ގުޅިގެން ހެދި ފިލްމްގެ ކުރިން 1993 ގައި ވަނީ މަހްރާންގެ ހާދިސާއިން ހިޔާލު ލިބިގެން "ލޮސްޓް އިން ޓްރާންސިޓް"ގެ ނަމުގައި ވެސް ފިލްމެއް ހަދައިފައެވެ. ފްރާންސުން ހެދި މި ކޮމެޑީ ފިލްމްގައި ދައްކައިދެނީ ޕާސްޕޯޓް ގެއްލިގެން ފްރާންސްގެ ވެރިރަށް ޕެރިސްގެ އެއާޕޯޓެއްގައި ތާށިވެފައިވާ ފަސް މީހެއް އެ ތާނގައި ދުވަސްކޮޅަކު މަޑުކޮށް، ދިމާވާ މަޖާ ކަންތައްތަކެވެ. މި ފިލްމަށް ތިން އެވޯޑު ލިބުނެވެ.

ހިތް ހުއްޓިގެން، މަހްރާން މަރުވީ 12 ނޮވެމްބަރު 2022 ގައި ޗާލްސް ޑި ގޯލް އެއާޕޯޓުގައެވެ. މަރުވިއިރު އުމުރަކީ 77 އަހަރެވެ. އެއިރު އޭނާ ވަނީ ދޫކޮށްލައިފައެވެ. އަދި އުޅެމުންދިޔައީ މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައެވެ. ނަމަވެސް އެއާޕޯޓުގެ ދިރިއުޅުން މާ ހިތްހަމަޖެހޭ ކަމަށް ބުނެފައި އޭނާ އަމިއްލައަށް އެއާޕޯޓަށް ދިރިއުޅުން ބަދަލުކުރީއެވެ. އޭނާ ބުނި ކަމަށްވަނީ ގެދޮރު ނެތް މީހެއްގެ ގޮތުގައި ވެސް، އެއާޕޯޓް ފަދަ އާއްމުންގެ ތަނެއްގައި ދިރިއުޅެން މާ ހިތްފަސޭހަ ކަމަށެވެ.

މަހްރާން 1988 އިން 2006 އަށް އެއާޕޯޓުގައި އުޅުނީ އޭނާއަކީ އިރާނުގެ ރެފިއުޖީއެއްކަން ސާބިތު ނުކޮށްދެވިގެންނެވެ. އޭނާގެ ހުރިހާ ސާމާނު ވެސް ގުންގުޅުނީ ލަގެޖް ލައިގެން ގެންގުޅޭ ޓްރޯލީއެއްގައެވެ. އެ ޓްރޯލީގައި އޭނާގެ ހުރިހާ ދާގީނާ ގެންގުޅުނީ ވަރަށް ފަރުވާތެރިކަމާއެކު އަތުރައިގެންނެވެ.

މަހްރާން އެއާޕޯޓުގައި ދިރިއުޅުނީ ޕިއްޒާ ވިއްކާ ރެސްޓޯރަންޓަކާއި ކަރަންޓްގެ އާލާތްތައް ވިއްކާ އިލެކްޓްރޯނިކް ފިހާރައެއްގެ ދެމެދުގައިވާ ރަތްކުލައިގެ ޕްލާސްޓިކް ބެންޗެއްގައެވެ. ނިދީ ވެސް އެ ބެންޗު މަތީގައެވެ. އޭގެ ކުރިމަތީގައި ކޮފީ މޭޒެއް ހުރެއެވެ. އޭނާ ގެންގުޅުނު ކުޑަ ލޯގަނޑެއް ބަހައްޓައިފައިވަނީ އެ މޭޒު މަތީގައެވެ. އަދި ކަރަންޓް ޝޭވަރަކުން ކޮންމެ ދުވަހަކު ހެދުނު ތުނބުޅި ބާލައެވެ. ނަމަވެސް މަތިމަސް ބެހެއްޓިއެވެ. މީގެ އިތުރުން އޭނާ މި މޭޒުމަތީގައި ގެންގުޅުނީ އޭނާއަކީ ފްރާންސްގައި އުޅޭ އާދަޔާ ހިލާފު މީހެއް ކަމަށް ރިޕޯޓްކޮށްފައިވާ ނޫސްތަކެވެ.

މަހްރާންގެ ހަޔާތުގެ ދުވަސްތައް އޭނާ ގުނަމުން ދިޔައީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކުގެ ވިންދާ އެއްގޮތަށެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު ދަތުރުވެރިން ޓާމިނަލްގެ ތެރޭގައި ގިނަވާއިރު، ރޭގަނޑު އޭނާ ހޭދަ ކުރަމުން ދިޔައީ ފަޅުކަމުގައެވެ. އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން އެ މީހުންނަށް ލިބޭ ނާސްތާގެ ކޫޕަންތައް އޭނާއަށް ދެއެވެ. އޭނާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ފުރަތަމަ ކްލާހުގައި ދަތުރުކުރާ ފަސިންޖަރުން މަތިންދާބޯޓުތަކަށް ދޫކޮށްލައިފައިދާ ރީތިވާ ސާމާނު ވެސް ކެބިން ކްރޫއިން އޭނާއަށް ގެނެސްދެއެވެ.

އެމެރިކާގެ ނިއު ޔޯކް ޓައިމްސް މަޖައްލާއަށް 2003 ގައި މަހްރާން އިންޓަވިޔުއެއް ދިނެވެ. އެ މަޖައްލާއިން ބުނީ އެއްކޮޅުން އޭނާ ވަރަށް ހަމަޖެހިގެން އުޅޭ ކަމަށާއި ނަމަވެސް އަނެއްކޮޅުން އޭނާ އެއާޕޯޓު ދޫކޮށްފައިދާން ވެސް ބޭނުންވާ ކަމަށެވެ.

"އަހަރެންނަށް މިހާރު އެނގޭ އަހަރެން މިއީ މަޝްހޫރު މީހެއްކަން. ނަމަވެސް މި އެއާޕޯޓަށް އައުމުގެ ކުރިން އަހަރެންނަކީ އެއްވެސް މީހަކު އަހަރެންނާ މެދު ޝައުގުވެރިކަމެއް ހުންނަ މީހެއް ނޫން،" އެ އިންޓަވިޔުގައި މަހްރާން ބުންޏެވެ.

މަހްރާންގެ ވާހަކަ ވީ ހިޖުރަކުރުމުގެ ތާރީހުގައި އާދަޔާހިލާފު ކަމަކަށެވެ. އޭނާއަކީ ހަގީގަތުގައި ކާކުކަން ދެނެގަތުމަށް މީހުންނަށް އުނދަގޫވިއެވެ. ސަބަބަކީ އޭނާ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާތީއެވެ. އެ ގޮތުން އެ އިންޓަވިޔުގައި އޭނާ ވަނީ އޭނާއަކީ އިރާން މީހެއް ނޫން ކަމަށް ބުނެފައެވެ. އަދި އިރާންގެ ވެރިރަށް ތެހެރާންގައި އޭނާގެ ކުޑައިރުގެ ދިރިއުޅުން ހުރި ގޮތާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ވެސް އޭނާ ޖަވާބު ނުދިނެވެ.

މަހްރާން އުފަންވީ 1945 ގައި އިރާންގެ ސަހަރެއް ކަމަށްވާ މަސްޖިދީ ސުލައިމާންގައިކަން ކަށަވަރު ކުރީ އެއާޕޯޓްގެ މުވައްޒަފުންނެވެ. އޭނާގެ ހަޔާތުގެ ސިއްރުތައް ތަހުގީގު ކުރުމުން އެނގުނީ އިރާންގެ އެއިރުގެ ވެރިޔާ ޝާހް މުހައްމަދު ރިޒާ ޕަހްލަވީ އާ ދެކޮޅު ހަރަކާތްތަކެއް، އިނގިރޭސި ވިލާތުގައި 1977 ގައި ކިޔަވަން އުޅުނުއިރު ހިންގުމުން، ޝާހުގެ ސަރުކާރުން އޭނާ އިރާނުން ބޭރުކޮށްލި ކަމެވެ. އިރާނަށް އެނބުރި އައުމުން އޭނާ ޖަލަށް ލައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގައުމުން ބޭރުކުރި ކަމަށް ޚުދު މަހްރާން ވެސް ބުންޏެވެ.

ދެން އޭނާ ޔޫރަޕްގެ އެތައް މިތާނގައި ދިރިއުޅެން ފެށީ އޭނާއަކީ ވަގުތީ ރެފިއުޖީއެއްކަން އަންގައިދޭ ލިޔުމެއް އޭނާއަށް ލިބުމުންނެވެ. އެހެން އުޅެމުން ގޮސް 1981 ގައި ޔޫރަޕްގެ ބެލްޖިއަމުން އޭނާއަށް ރަސްމީ ގޮތުން ރެފިއުޖީއެއްގެ ލިޔުން ދިނެވެ.

ނަމަވެސް މި ހިސާބުން އޭނާގެ ހުރިހާ މައްސަލައަކަށް ހައްލު ލިބުނީކީ ނޫނެވެ. ފްރާންސް އާއި އިނގިރޭސި ވިލާތުގައި ދަތުރު ކުރަމުން ގޮސް 1988 ގައި ފްރާންސްގެ ޗާލްސް ޑި ގޯލް އެއާޕޯޓުގައި އޭނާ ތާށިވީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދާން ހަމައެކަނި އެއްކޮޅު ޓިކެޓެއް ނަގައިގެން، މަދު އަންނައުނުކޮޅަކާއި 500 ޑޮލަރު ހިފައިގެން، ނަމަވެސް ޕާސްޕޯޓު ނުލާ އައުމުންނެވެ. އެއާޕޯޓުގެ އޮފިޝަލުން ސުވާލު ކުރުމުން އޭނާ ބުނީ ފްރާންސްގެ ވެރިރަށް ޕެރިސްގެ ރޭލު ދަތުރު ކުރާ ސްޓޭޝަނުން އޭނާގެ ޕާސްޕޯޓު ގެއްލުނީ ކަމަށެވެ. މިހެން ބުނުމާއެކު އާއްމު ގަވައިދާ ހިލާފަށް ފްރާންސުން އޭނާ އިނގިރޭސި ވިލާތަށް ފުރުވާލިއެވެ. ނަމަވެސް ލަންޑަނުގެ ހީތުރޯ އެއާޕޯޓުން އޭނާ ހިފެހެއްޓިއެވެ. އަދި އިނގިރޭސި ވިލާތަށް ވަނަ ނުދީ އަނބުރާ ފްރާންސްގެ ޗާލްސް ޑި ގޯލް އެއާޕޯޓަށް ފުރުވާލިއެވެ.

އޭނާ ޗާލްސް ޑި ގޯލް އެއާޕޯޓަށް އައުމާއެކު ހުރިހާ ލިޔެކިޔުންތައް ހަމަނުކޮށް ދަތުރު ކުރާ މީހުން ބައިތިއްބާ "ހޯލްޑިން އޭރިއާ"އެއްގައި އެއާޕޯޓު އޮފިޝަލުން އޭނާ ބެހެއްޓިއެވެ. ސަބަބަކީ އޭނާއަކީ ކާކުކަން އޭނާއަށް ސާބިތު ނުކޮށްދެވުމުންނެވެ. އަދި އޭނާއަކީ ރެފިއުޖީއެއްކަން ވެސް އަންގައިދޭ ހެއްކެއް ނެތުމުންނެވެ.

މަހްރާންގެ އެއާޕޯޓު ދިރިއުޅުން ފެށުނީ މި ހިސާބުންނެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ހަފުތާތަކައް ބަދަލުވިއެވެ. ހަފުތާތައް މަސްތަކައް ބަދަލުވިއެވެ. އަދި މަސްތައް ދެން ގުނަން ފެށުނީ އަހަރުތަކުންނެވެ. މަހްރާން ވީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ތާށިވި މީހަކަށެވެ. އެ ގޮތުން 1990 ގެ އަހަރުތަކަށް އެޅުނުއިރު ފްރާންސްގެ އޮފިޝަލުން ވިދާޅުވަމުން ދިޔައީ އޭނާ ފްރާންސްގައި ހުރީ ގަވާއިދާ ހިލާފަށް ކަމަށެވެ. ނަމަވެސް އެއްވެސް އެހެން ގައުމަކުން އޭނާ ބަލައިގަންނަން އެއްބަސްނުވުމުން އޭނާ ޑީޕޯޓްކޮށްލެވޭ ގޮތެއް ނުވިއެވެ.

މިހެން ހުއްޓާ 1999 ވަނަ އަހަރު ޗާލްސް ޑި ގޯލް އެއާޕޯޓުން ބޭރަށް ދިއުމަށް މަހްރާނަށް ހުއްދަ ލިބުނެވެ. އަދި ޔޫރަޕްގެ ކޮންމެ ގައުމަކަށް ދަތުރުކުރިއަސް ހެޔޮ ކަމަށް އޭނާއަށް އެންގިއެވެ. ނަމަވެސް އެއާޕޯޓު ދޫކޮށްލާފައި އެހެން އެއްވެސް ތަނަކަށް ދާން ބޭނުންނުވާ ކަމަށް މަހްރާން ބުނިކަމަށް މަހްރާންގެ ޑޮކްޓަރު ނޫހަކަށް ދިން އިންޓަވިޔުއެއްގައި ބުންޏެވެ. އެ ގޮތުން އޭނާ އުޅެމުން ދިޔަ އެއާޕޯޓު ދޫކޮށްލާފައި ދާން "ބިރުގަންނަ" ކަމަށް ބުނި ކަމަށްވެއެވެ.

"އެއާޕޯޓުން މިނިވަންވި ކަމުގެ ލިޔުން ލިބުމުން މަހްރާނަށް ޝޮކެއް ލިބުނީ. އެގާރަ އަހަރު ފަހުން އޭނާ ކުއްލިއަކަށް މިނިވަންވުމުން ލިބުނު ޝޮކެއް،" އޭނާގެ ޑޮކަޓްރު އަދި އެއާޕޯޓުގެ ވެސް މެޑިކަލް ޑޮކްޓަރު ފިލިޕް ބާގެއިން ވިދާޅުވެފައިވެއެވެ.

އެ ހުރިހާ ދުވަހަކު އެ އެއާޕޯޓަކީ މަހްރާންގެ "ގެ"އެވެ. ފެންވަރަނީ ފަސިންޖަރުން ފެންވަރާ ފާހަނާއިންނެވެ. އަންނައުނު ދޮވެ އިސްތިރިކުރަނީ އެ ކަމަށް އެއާޕޯޓުގައި ގާއިމު ކޮށްފައިވާ ތަނަކުންނެވެ.

މަހްރާންގެ ވާހަކަ ފްރާންސްގެ މީޑިއާއިން ބޭރުވެ، ދުނިޔޭގެ މީޑިއާއަށް ފޯރުމުން، އެއާޕޯޓާމެދު މަހްރާންގެ ހިތުގައި އުފެދިފައިވާ ލޯބި ފާހަގަ ކުރެވުނު ކަމަށް ނޫސްވެރިން ބުނެފައިވެއެވެ. އެ ގޮތުން އޭނާއަށް އެހާ ދުވަހު އެއާޕޯޓުގައި ދިރިއުޅެވުނީ ނުދަންނަ އެތައް ބައެއްގެ ހިތްހެޔޮކަމުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާއަށް ދިމާވެފައިވާ ހިތާމަވެރި ދިރިއުޅުން އެނގިގެން އެތައް ބަޔަކު އޭނާއަށް ފައިސާ ފޮނުވާ ކަމެވެ. އެ ގޮތުން ދަތުރުވެރިޔަކު އޭނާއަށް "ސްލީޕިން ބޭގް" ނުވަތަ ނިދާލަން ވަދެވޭ އެއްޗަކާއި ގޮދަޑިއެއް ވެސް ދިނެވެ.

މަހްރާން މަރުވުމުން ޗާލްސް ޑި ގޯލް އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓުގެ ހުރިހާ މުވައްޒަފުން މަހްރާނަށް ވީ އެންމެ ބޮޑަކަށް އެހީތެރިވި ކަމަށެވެ.

"ނަމަވެސް އަހަރެމެން އެންމެ ދެކެން ބޭނުންވީ އޭނާ ދިރިއުޅެން އެކަށީގެންވާ ތަނެއް އޭނާއަށް ލިބުން. ސަބަބަކީ އޭނާ ދިޔައީ ނަފުސާނީ މައްސަލަތަކަކާ ވެސް ކުރިމަތިލަމުން،" އެއާޕޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މަހްރާންގެ އެއާޕޯޓް ދިރިއުޅުމަށް ބަލައިފި ނަމަ ދޭހަވާނީ އޭނާ އެ މާހައުލާމެދު ހިތްހަމަޖެހޭ ކަމެވެ. އެއީ މިނިވަންކަމުގެ އިތުރުން މާޔޫސްވުން ވެސް ގެނެސްދިން މާހައުލަކަށް ވިޔަސް މެއެވެ.

"އެއާޕޯޓް ގޯހެއް ނޫން. ވަރަށް ހަރަކާތްތެރި އަދި ކޮންމެ ދުވަހަކު ވެސް ރަނގަޅަށް މަސައްކަތް ކުރާ ތަނެއް އެއީ. ކޮންމެ ހަފުތާއަކު ވެސް އަހަރެންނަށް މުޅި ދުނިޔެއިން ތަފާތު އެތައް ބަޔަކު ފެނުނު،" 1999 ގައި އޭނާ ދިން އިންޓަވިޔުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ލައްކަ ދުވަހަށްފަހު އޮއްޓަރުހުރި ރަނގަޅު ލިޔުމެއް ކިޔާލަން މި ލިބުނީ. ވަރަށް ފައްކާ ރިޕޯޓެއް.
    ޝުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *