Support Us

ކެޔޮނިރު ކޮލަމް

ބޭނުމީ ރައީސް އިބިރިހިންފުތާތޯއެވެ؟ ނުވަތަ ދެކުނު އޭޝިއާގެ މަހާތީރުތޯއެވެ؟

އެއީ މީގެ 50 ވަރަކަށް އަހަރު ކުރިއެވެ. ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރެވެ. ތަނަކީ ގދ. ނަޑެއްލާ އެވެ. މިހާރު ދޮޅުހާހެއްހާ މީހުން ދިރިއުޅޭ ނަޑެއްލާގެ އެއިރުގެ އާބާދީއަކީ އެންމެ 200 އެވެ. ތަރައްޤީގެ އަސަރު އެއިރު ނަޑެއްލާއާ ހިސާބަށް އެއްގޮތަކަށްވެސް ފޯރާފައި ނުވެއެވެ.

ނަޑެއްލާގެ އާއިލާތަކުގެ ތެރެއިން ތަންކޮޅެއް ތަނަވަސް އާއިލާއެއްގެ މީހަކު އެއަހަރު ހައްޖަށް ދިޔައެވެ. އިބިރިހިންފުތާ ހައްޖުން އަންނަމުން ވަރަށް މޮޅު އެއްޗެއް އެއަހަރު ގެނައެވެ. ގެފުޅާއި މައްކާގެ ތަފާތު މަންޒަރު ދައްކައިދޭ ކުޑަ ފޮއްޓެކެވެ. އެފޮއްޓަށް ކުދިކުދި ފޮޓޯ ލައްވައިގެން ބެލުމުން ވަރަށް އަލިގަދަކޮށް، ރީތިކޮށް މައްކާގެ މަންޒަރުތައް ފެނެއެވެ. މިކަމަށް އިބިރިހިންފުތާ ދިން ނަމަކީ "ބައިސްކޯފް" ދެއްކުމެވެ. ބައިސްކޯފް ޝޯއެއް ބެލެނީ ފަހަރަކު މީހަކަށެވެ. ޝޯގެ ދިގުމިނަކީ ހަތަރު ވަރަކަށް މިނިޓެވެ. ޝޯއެއް ބެލުމުގެ އަގަކީ ތިން ކާއްޓެވެ!

ފޮޓޯ ފޮށި ހިފައިގެން އިބިރިހިންފުތާ، އަތޮޅުގެ އެކި ރަށްރަށަށް ދިއުމުން ރަށްރަށުގެ އެންމެން ކަހަލަ ގޮތަކަށް އެޝޯ ބަލަން އެއްވެއެވެ. ބައެއް މީހުން އެއް ފަހަރު ބަލާފަ އެވަރުން ނުވެގެން ދަރީންކޮޅު ގޮވައިގެން، ކާށި ގޯންޏެއް ހިފައިގެން ގޮސް، ދެވަނަ ފަހަރަށްވެސް ބަލައެވެ. ކިޔޫ ހަދާފަ އެވެ. ކޮންމެ ދަތުރެއް ނިންމާލާއިރު އިބިރިހިންފުތާ އަށް ދުއިސައްތަ، ތިންސަތޭކަ ކާށި ލިބެއެވެ.

"ކޮއެފުޅާ، މިއީ ޖަބަލް އަރަފާތު، މިއީ ތިން ޖަމްރާ، މިހިރީ ހަޖަރުލް އަސްވަދު، މިއީ ހިރާ ފަރުބަދަ…،" އިބިރިހިންފުތާގެ ކޮމެންޓްރީ ކުރިއަށް ގެންދެއެވެ. އިބިރިހިންފުތާގެ ކޮމެންޓްރީ އަކީ ފޮޓޯޝޯގެ ވަރަށް މުހިއްމު ބައެކެވެ. އޭނާގެ ކޮމެންޓްރީ އަޑު އަހަމުން ފޮޓޯތައް ބަލަން އެތައް ބަޔަކު ހައިރާންވެފައި ތިބެއެވެ. މިއީ ކޮންފަދަ ބޮޑު އަޖައިބެއް ބާވައެވެ!

އެއީ މީގެ ފަންސާހަކަށް އަހަރު ކުރީގެ ނަޑެއްލާ އެވެ. ތަރައްޤީގެ ޒައްރެއްގެ މިންވަރުވެސް ނައިސް އޮތް ނަޑެއްލާއެވެ. ތިން ކާށި ދީފައި ފޮޓޯ ފޮށިން ބައިސްކޯފް ބެލި ޒަމާނެވެ. އެ ފޮޓޯތައް ފެނިފައި ހައިރާންވެ ތަލިން ކުޅު ހިކުނު ޒަމާނެވެ. އެއިރު އަރަށު މީހުން ހީކުރީ އިބިރިހިންފުތާގެ ބައިސްކޯފަކީ ދުނިޔޭގެ އެވަގުތުގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކަމަށެވެ. އެންމެ ބޮޑު ތަރައްޤީ ކަމަށެވެ. ޢޭގެ ފަންސާހަކަށް އަހަރު ފަހުން ނަޑެއްލާގެ ގިނަ ބަޔަކު "ބައިސްކޯފް" ފޮށީގެ ބަދަލުގައި މިހާރު ބަލަނީ މިޒަމާނުގެ ސޮނީ ޓްރިނިޓްރޯން، ލެޑް ސްކްރީން، ސްމާރޓް ޓީވީ އެވެ. ނަޑެއްލާ މީހުން ތިބީ ފުދިފައެވެ. މީގެ ދެ އަހަރު ދުވަސް ކުރީން މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖް އެޅުމުންް މާލޭ ސަރަހައްދުގެ ބައެއް ރައްޔިތުން ފުދިފައި ތިބި ގޮތަށެވެ. ބްރިޖް އެޅިއްޖެ އެވެ. އެއީ އެމެރިކާ މީހުން ހަނދަށް ދިއުން ފަދަ ކަމެކެވެ. ތަރައްޤީވެ ނިމިއްޖެ އެވެ! ނަމަވެސް ނަޑެއްލާ މީހުންނަށް އިބިރިހިންފުތާގެ ބައިސްކޯފަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއޭ އެއިރު ހީވި ގޮތަށް ދިވެހި ރައްޔިތުން ބްރިޖަކުން ފުއްދާލައިގެން ތިބޭ ވަރަށް ވުރެ ބާރު ސްޕީޑްގައި ދުނިޔެ ކުރިއަރަމުން އެބަދެއެވެ. ތަރައްޤީގެ ދުވެލި މެކުހަށް ނުޖަހައިފިނަމަ ސިންގަޕޫރު އެއޮތް ފެންވަރަށް ރާއްޖެ ގެންދަން ވެސް އަދި 50 އަހަރު ނަގާނެއެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގެ ބިމުއަޑިން، އަންޑަރގްރައުންޑް ރެއިލްވޭ އެޅީ ކޮން އަހަރެއްގައިކަން ކިތައް ދިވެހީންނަށް އެނގޭ ބާވައެވެ؟ އެއީ 1863 އެވެ. މީގެ 154 އަހަރު ކުރިއެވެ. އެމެރިކާގެ މަޝްހޫރު ބްރޫކްލިން ބްރިޖް ހުޅުވާފައިވަނީ 1883 ވަނަ އަހަރުއެވެ. އެއީ މީގެ 135 އަހަރު ކުރިއެވެ. އެހެންވީމަ ދުނިޔޭގެ ސްޕީޑާ ދިވެހިރާއްޖެއަށް ފައިހަމަ ކުރެވޭނީ ވިސްނުން އާސްމާނަށް ގެންގޮސްގެންނެވެ. އެގޮތަށް އާސްމާނަށް ވިސްނުން ގެންދާއިރު ބައެއް ޙިޔާލްތަކަކީ ފަހަރުގައި އެންމެ ރަނގަޅު ނޫން ޚިޔާލަށް ވެސް ވެދާނެއެވެ. ނަމަވެސް ޤަބޫލްކުރަންޖެހޭ ޙަޤީގަތަކީ، ތަރިއެއްގައި އަތްލެވިދާނެ ކަމަށް ޤަބޫލްކޮށް ޖައްވާ ދިމާއަށް އަތްދިއްކުރުމުން ތަރިއެއްގައި އަތްނުލެވުނަސް ފަހަރުގައި އެހެން ކުރިއެރުމެއްވެސް ލިބިދާނެ ކަމެވެ.

މިސާލަކަށް މީގެ 17 ވަރަކަށް އަހަރު ކުރީން އިނގިރޭސި ހަފްތާ މަޖައްލާ "މަންޑޭ ޓައިމްސް" ގައި އަޅުގަނޑު ފާޅުކުރި ހިޔާލެކެވެ: ރާއްޖޭގެ އެންމެ ކުޑަ، އެންމެ އާބާދީ މަދު އަތޮޅު ކަމުގައިވާ ވާވު އަތޮޅު އެއްކޮށް (ޑީޕްސީ ޑްރެޖިންގް ހަދައިގެން) ހިއްކައިގެން، 15 ފޫޓު އުސްކޮށް ބޮޑުސިންގާ ބިމެއް ތަރައްޤީ ކުރުމުގެ ހިޔާލެވެ. މީގެ 20 އަހަރު ފަހުން، 2040 ވަނަ އަހަރު، ފަހަރުގަ ބަޔަކު މިކަން ކޮށްފާނެއެވެ. މިފަދަ ހިޔާލުތައް ކޮށްގެން މެނުވީ ތަރައްޤީ އަވަސް ނުކުރެވޭނެއެވެ. އައްޑު އަތޮޅުގެ ހިތަދޫއިން އެއަތޮޅު ހުޅުމީދޫ އަށް ސިނަމާލެ ބްރިޖް ފަދަ ބްރިޖެއް އެޅުމުގެ ހިޔާލް އަޅުގަނޑު ފާޅުކުރުމުންވެސް ބައެއް މީހުން ހަޖޫ ޖެހިއެވެ. މިފަދަ ގޮތަކަށް ވިސްނުން ހުރެގެން މެނުވީ ޤައުމު ތަރައްޤީއެއް ނުކުރެވޭނެއެވެ. ސިންގަޕޫރާ ފައިހަމަ ނުކުރެވޭނެއެވެ. ދެކުނު އޭޝިއާގެ ސިންގަޕޫރަކަށް ނުވެވޭނެއެވެ.

އަބަދުވެސް އަމާޒަކަށް ބަލަންވީ އެންމެ މައްޗެވެ. އަމާޒުގެ 50 ޕަސަންޓު ހާސިލްވިއަސް އެއީ ހަމަ ކާމިޔާބެކެވެ. ބައިސްކޯފުން ފުއްދާނުލާށެވެ. ބްރިޖަކުން ފުއްދާނުލާށެވެ. ދުނިޔޭގެ ތަރައްޤީ އެދަނީ ދުންޖަހާފަ ގޮސް އޮބާލާ ސްޕީޑްގަ އެވެ. ތަރައްޤީގެ ވިސްނުން މަތިކުރާށެވެ. ފިޔަވަޅު ހަލުއި ކުރާށެވެ. އިބިރިހިންފުތާއަކަށް ހެދިގެން، ފުދިގެން ނުހުންނާށެވެ!

މާލެއިން ފެށިގެން ތިލަފުއްޓާއި ގުޅީފަޅަށް ބްރިޖެއް އަޅަން ރައީސް ޔާމިނުގެ ވެރިކަމުގައި މަސައްކަތް ފެއްޓެވީވެސް މިދެންނެވި ދުރުވިސްނުމުގެ ދަށުން ކަމަށް ފެނެއެވެ. އަދި އިހަވަންދިއްޕޮޅުގައި، އައިހެވަންގެ ނަމުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ހެދުމުގެ ޕްލޭން ރައީސް ޔާމިނުގެ ވެރިކަމުގައި އެކުލަވާލެވުނީވެސް މިދެންނެވި ދުރުވިސްނުމުގެ ދަށުން ކަމަށް ފެނެއެވެ. ނަމަވެސް މިއަދުގެ ސަރުކާރުން މިވަނީ މިދެންނެވި ދެ މަޝްރޫއުވެސް ވަޅުޖައްސާފައެވެ. ވަޅުޖައްސާފައޭ މިދެންނެވި ސަބަބަކީ، ސިނަމާލެ ބްރިޖް އެޅީ ދުނިޔޭގައި ބްރިޖް އެޅުމަށް އެންމެ ކުޅަދާނަ އެއް ޤައުމުކަމުގައިވާ ޗައިނާ އިން ކަމަށް ވެފައި، މާލެ-ގުޅީފަޅު ބްރިޖް އަޅަން މިސަރުކާރުން ޙިޔާރުކޮށްފައިވަނީ އިންޑިއާ ކަމަށް ވާތީއެވެ. އިންޑިއާގައި މިހާތަނަށް އަޅާފައިވާ ވަރަށް ގިނަ ބްރިޖް ވަނީ ވެއްޓިފައެވެ. ނުވަތަ އެބްރިޖް ތަކުގައިވަނީ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައެވެ.

ބްރިޖްއެޅުމުގައި ދުނިޔޭގެ ފެނަވަރުން ވަރަށް ދަށް ޤައުމެއްކަމުގައިވާ އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، އެއަށް "އެހީ" އޭ ކިޔައިގެން، އިންޑިއާގެ ތަޖުރިބާ މަދު، ނާޤާބިލް ބަޔަކު ލައްވާ މިފަދަ ބޮޑު ބްރިޖް މަޝްރޫއެއް ހިންގުމަކީ މި މަޝްރޫއު ވަޅުޖައްސައިލުމެވެ. މަދު އަހަރުތަކަކުން ފެންނާނީ މިބުރިޖް ބިނދި، ދިވެހީންގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވާތަނެވެ.

އިހަވަންދިއްޕޮޅުގައި އަޅަން ރައީސް ޔާމީން ޚިޔާލް ކުރެއްވި ޓްރާންސްޝިޕްމެންޓް ބަނދަރު ވުޖޫދުވިޔަ ނުދޭން އިންޑިއާއިން އިންތިހާއަށް ބޭނުމެވެ. މިސަރުކާރުން ވަނީ އިންޑިއާގެ ޕްރެޝަރަށް ދީލާލައި، އިހަވަންދިއްޕޮޅުގެ މިބިޔަ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމާފައެވެ. މިވެސް ފަހަތަށް އެޅި ފިޔަވަޅެކެވެ. އަވަށްޓެރި އިންޑިއާ އިން ދުވަހަކުވެސް ރާއްޖެއަށް ހެވެއް ނޭދޭނެއެވެ. އިންޑިއާގެ ހިޔަނީގައި ކުރިއަށް ގޮސްގެން ރާއްޖެއަަށް ދެކުނު އޭޝިއާގެ ސިންގަޕޫރަކަށް ނުވެވޭނެއެވެ.

އިންޑިއާގެ އަޅުވެތިކަމަށް ހިނގައްޖެނަމަ ދިވެހިރާއްޖެ ބާއްވާނީ މަލިކުވެސް އޮތްގޮތަށް ސަގާފީ "މިއުޒިއަމް"އެއް ގޮތަށް ވަޅުޖައްސާލައިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްޤީގެ ވިސްނުން ހުރީ އިންޑިއާގެ ހިޔަނީގެ ދަށުން ކުރިއަށް ދިއުމަށް ކަމަށް ފެނެއެވެ. އެހެން ކަމަށް ވެއްޖެނަމަ ރައީސް ސޯލިހު ވާނީ ނަޑެއްލާ އިބިރިހިން ފުތާއަށެވެ. ދައްކާނީ ބައިސްކޯފެވެ. ހަޤީޤީ ތަރައްގީއެއް ގެނެސް ނުދެވޭނެއެވެ. ދިވެރާއްޖެ، އޭގެ ހައްޤު މަޤާމަަށް  ގެންގޮސް، ތަރައްޤީކޮށް ދެވޭނެ ކަމަށް އަދިވެސް ފެންނަނީ އަދުރޭމެން ފަދަ ނާޤާބިލް، ކޮރަޕްޓް މީހުންގެ ހިޔަނިން ސަލާމަތް ވެވަޑައިގެން އާޖޯޝަކާއެކު ވެރިކަމަށް ވަޑައިގެން، ހަމަ ރައީސް ޔާމީނަށެވެ. މިކަމަށްޓަކައި ރައީސް ޔާމީން ޖެހިވަޑައިގަންނަވަނީ ދެކުނު އޭޝިއާގެ މަހާތީރު މުހައްމަދަށް ވެވަޑައިގަންނަވާށެވެ. ސުވާލަކީ ދިވެހި ރައްޔިތުން ބޭނުމީ މަހާތީރުތޯއެވެ؟ ނުވަތަ ނަޑެއްލާ އިބިރިހިން ފުތާތޯއެވެ؟