Support Us

ފ. އަތޮޅު ކައުންސިލާއި ނިލަންދޫ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ފ. އަތޮޅު ކައުންސިލާއި ނިލަންދޫ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި މުޅި އަތޮޅާއި ނިލަންދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ އެ ރަށު އަންހެނުންގެ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެ ރަށުގެ އެއަރޕޯޓުގެ މަޝްރޫޢަކީ ރަށަށް އާރޯކަމެއް ގެނެސްދޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި އެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު މަރާމާތަށް ބޭނުންވެފައިވާތީ އެކަމަށް ޙައްލެއް ހޯދުމާއި، ފެނުގެ ނިޒާމު އަވަހަށް ނިންމުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، އިސްލާމީ މަރުކަޒެއް ބިނާކުރުމާއި، ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢެއް އެ ރަށުގައި ގެންގޮސްދެއްވުމަށް އެދުމާއި، ކައުންސިލު އިދާރާ ބާވެފައިވުމުން އައު އިމާރާތެއްގެ ބޭނުންތެރިކަމާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމާއި، ފެރީނިޒާމުގެ ބޭނުންތެރިކަން ހިމެނެއެވެ. މީގެ އިތުރުން ޕާކެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފ. އަތޮޅު ކައުންސިލުން ވެސް ވަނީ ކައުންސިލުގެ ކަންބޮޑުވުން ހުރި ކަންކަމާއި ކައުންސިލުގެ ކުރިއެރުމާއި އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިލަންދޫ އަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާއިރު މިހާރަށް ރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން އަރބަން ސެންޓަރަކަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *