Support Us

ފ. އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާ ފަދަ އަރބަން ސެންޓަރަކަށް ނިލަންދޫ ހަދާނަން: ރައީސުލްޖުމްހޫރިއްޔާ

ފ. އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާ ފަދަ އަރބަން ސެންޓަރަކަށް ނިލަންދޫ ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިލަންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާ ގޮތަކަށް ކަންކަން ކުރުން ކަމުގައެވެ. އެގޮތުން މި ސަރުކާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ހަތް އަރބަން ސެންޓަރު ޤާއިމުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޚާއްޞަ ގޮތެއްގައި ނިލަންދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރައްވާފައެވެ. އެގޮތުން ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫޢު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެ ރިސޯޓެއް ތަރައްޤީކުރައްވާނެ ކަމަށާއި، ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދުނު ކަންކަމުގެ އިތުރުންވެސް ނިލަންދޫ ތަރައްޤީކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން "އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދޭން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ހަޤީޤީ މާނައިގައި، އިޚްލާސްތެރިކަމާ އެކީގައި، މި ޤައުމަށް ހަމަޖެހުން ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކަށްވެސް އެމަނިކުފާނު މި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން "ސިޔާސީ ވީމާ ބަދަލުހިފުން އެއީކީ ކުރާނެ ކަމެއް ނޫން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނަށް މުހިންމީ 'ބާރު ސްޕީޑު' ގައި ތަރައްޤީ ގެންނަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އަވަހަށް ތަރައްޤީ ގެނައުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *