Support Us

ކަލައިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ލ. ކަލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކަލައިދޫ އިޖުތިމާޢީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކަލައިދޫގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތައް ހުއްޓިފައިވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ މައްޗަށް އެރަށު ކައުންސިލުން އަލިއަޅުވާލައްވާފައިވެއެވެ. މީގެ އިތުރުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ މައްޗަށް ކައުންސިލް މެންބަރުން އަލިއަޅުވާލައްވާފައިވެއެވެ. އަދި ރަށުގެ އިޙްތިސާސްގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކަލައިދޫ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، ކަލައިދޫ ބަނދަރުގެ ޙާލަތު ރަނގަޅު ކުރުމާއި ފުޓްސަލް ކުޅޭނެ ބޮޑު ދަނޑެއް އެޅުމުގެ މުހިންމުކަމާއި ބޮޑު މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކަލައިދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި މީގެ އިތުރުން ރަށުގެ ކޯޒްވޭގެ ޑިޒައިނަށް ގެންނަން ފެންނަ ބައެއް ބަދަލުތައް ކައުންސިލްގެ ފަރާތުން ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން ކުނި ނައްތާލުމުގެ ނިޒާމުގައި ހުރި ދަތިތައް ޙައްލުކުރުމާއި ރަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްގެ އިތުރުން ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *