Support Us

މާވަށުގައި 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި: ރައީސް

ލ. މާވަށުގައި 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިން އެ ރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމުގައެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަޙައްދު ހިމާޔަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައި ހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 50 މިލިޔަނުން ފެށިގެން މަތީގެ ޚަރަދުތައް ހިނގާ ބޮޑެތި މަޝްރޫޢުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެ ކަމަށާއި އެގޮތުން އެފަދަ ބައެއް މަޝްރޫޢުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާ ލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށާއި އަދި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށްގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *