Support Us

ކޮލަމް ކަލާވެހި: މިއަދުގެ ބޮޑެތި މީހުން މުސްކުޅިވާ ދުވަހު، ސަހަރޯއެވެ!

މިއަދުގެ ބޮޑެތި މީހުންނޭ މިދަންނަވަނީ އަޅުގަނޑުމެންނާ އެއް ޢުމުރުގެ މީހުންނަށް ނިސްބަތްކޮށެއް ނޫނެވެ. އަދި ކިއެއްތަ، އަޅުގަނޑުމެން ކަހަލަ މީހުންނަކީ "މުސްތަޝާރުން ކީއްކުރަންހޭ، ދިރާސާވެރީންގެ ގޮތުގައި ބޭނުންހިފާންވެސް ނުފުދޭ ވަރަށް ޢަޖޫޒުވެ، ބޮލުރޮދި ކެނޑި، ޕިޔޯނުން ކީއްކުރާންހޭ، ސަރުދާރުންގެ ޙިމާޔަތުގައި ބަހެއް ބުނެލާނެ ވަރުވެސް މިހައިރަކު ނުހުންނާނެ" ކަމަށް ބުނެއުޅޭ ޒާތުގެ ނިސްބަތްކޮށެވެ. ޢަދަދުން މަދު ނަމަވެސް ގައިގައި ޖޯރު ހުރި، ނުފޫޒުގެ މުޖުތަމަޢުގައި ބާރު ވެރި، ގައިބާރު ވެސް އެބަހުރި ކަމަށް ދަޢުވާކުރާ ޒާތުގެ މީހުންނަށް ނިސްބަތްކޮށެވެ. އަދި އެ ފަދަ މީހުންނާ އެއް ފަންތީގައި އަދި މުޅީން ނުވިޔަސް، އެ ފަދަ މީހުންނާ އެއް ޢުމުރެއްގައި ހިމެނުމުން ނަމަވެސް މިދެންނެވި ޒާތުގެ މީހުންނާ އެއް ޖީލުގެ މީހުންނަށް ނިސްބަތްކޮށެވެ. މިތާނގައި ދަންނަވާން މި އުޅޭ ވާހަކަޔަކީ އަޅުގަނޑު ކަހަލަ އުރައްޕެއް ނެތް ނިކަމެއްޗަކު ދަންނަވާ އެއްޗަކަށް ވިޔަސް،  އެ ވާހަކަ ވެސް އަޑުއައްސަވާނަން، އެހެންނޫން ތޯއެވެ؟

އާދެ! ތިޔަ ހީފުޅުކުރެއްވީ ހަމަ ރަނގަޅަށެވެ. އަޅުގަނޑުވެސް މި އުޅެނީ ހަމަ މިހައިރު އެންމެ ގިނަ މީހުން އެންމެ ގިނައިން ދައްކައިއުޅޭ ވާހަކަ، ނުވަތަ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެންނާން އެހެރަ މަޢުޟޫޢު، ނުވަތަ އަދުގެ ތާޒާ ހޮޅުއަށީ ގޮވެއްޔަށް ވިޔަސް މާދަމާ ފެންނާން ނޯންނާނޭ ކަނޑުއެޅި ރޮނގު ކަމުގައި ބަޔަކު ދެކޭ ވާހަކަ، އާދެ! "އެއްކަލަ ކަންތަކާ" ބެހޭ ގޮތުން އަޅުގަނޑުގެ ހިތަށް އަރާ އެއްޗެއް ދެންނެވޭތޯއެވެ. ތިލަފަށުން ދަންނަވާ ނަމަ، އަދުގެ ގަޑީންނާއި ކަލަންޑަރުން މިންއެޅީމައި އެއީ ޤާނޫނީ ގޮތުން ކުޑަކުދީންނޭ، އެހެންވީމައި ޤާނޫނީ ގޮތުން އެ ކުދީން ކޮންމެ ފަދަ ކަމެއް ކުރިޔަސް އެޔާ ވިއްދައިގެން ކުރެވޭނޭކަ ކަމެއް، ހެދޭނޭ ގޮތެއް ނެތް ކަމަށް ބަޔާން ކުރެވޭ ވަރުގެ ރޫފަ ހެޔޮ ކުދީން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބިރުދައްކައި، ގަޔަށް އަތްލައި، އެކަކު އަނެކަކާ ހަނގާކޮށް، ގަނާކޮށް، ދެންވެސް އެބާވަތުން އެގޮތްމިގޮތް ހެދީމައި ކަމަކަށް ވެގެން އުޅޭ ކަންތައްގަނޑުގެ ވާހަކައެވެ. އެކަމާ އެންމެން ކަންބޮޑުވެ، އަޅުގަނޑުމެން އިށީނދެލައި އުޅޭ ތޮށިގަނޑު މަތީގައިވެސް އެ ނޫން ވާހަކަޔެއް ނެތޭ ހިސާބަށް ދިޔައިމާ، ހިތުގައި އެނބުރިގަންނަ ޝުއޫރުތަކުގެ ތެރެއިން ޝުޢޫރެއް ފައުޅުކޮށްލެވޭތޯއެވެ. އަޅެ،އެ ވާހަކަވެސް އައްސަވާނަން، އެހެންނޫންތޯއެވެ؟

އަޅުގަނޑު ދަންނަވާން މިއުޅޭ ވާހަކަ ދެންނެވުމުގެ ކުރީން، ޤައުސެއް ޖަހައިލައިފައި ނަމަވެސް، ކަމާ ގުޅޭ އެހެން ވާހަކަޔެއް ދަންނަވައިލައިފައި ނޫނީ ކުރިޔަށް ދެވެން ނެތީތީ، އެ ވާހަކަވެސް ދަންނަވައިލައިފައި ކުރިޔަށް ދާނަމެވެ. އެ ވާހަކަޔަކީ ދާދި މިދާކަށް ދުވަހު އަޅުގަނޑަށް ދިމާވި ކަމެއްގެ ވާހަކައެވެ. އެއީ، އަޅުގަނޑުގެ ކޮށި ވިސްނުމަށް ދާދި ފަހުން ފެނުނު ގޮތުގައި އަޅުގަނޑަކީވެސް ކޮންމެވެސް ވަރަކަށް ކިޔަވައިގެން ހުރި މީހެއް ކަމަށް އަޅުގަނޑަށް ފެންނާތީ، އަދި ޤައުމީ ޚިދުމަތުގައިވެސް އެތަކެއް ދާއިރާގައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވި، އެކަމުގެ ސަބަބުން ކޮންމެވެސް ކަހަލަ ތަޖުރިބާ ތަކެއް ލިބިހުރި މީހެއް ކަމަށް އަމިއްލަޔަށް ދުށީތީ ލިބުނު ފިލާވަޅެއްގެ ވާހަކައެވެ. ފިލާވަޅު ލިބުމުގެ ކުރީން އަޅުގަނޑަށް ކުރެވުނު ކަމަކީ، އަޅުގަނޑުގެ ރައްޓެހީން ކަމަށް ބެލުނު، ރަޙުމަތްތެރީން ކަމަށް ހީކުރެވުނު، އެކަމަކު ހަމަ ގައިމުވެސް އަޅުގަނޑު ދަންނަ ބަޔަކަށް އަޅުގަނޑަށް އެނގިހުރި އެއްޗަކާއި ލިބިހުރި ތަޖުރިބާޔަކާއި، ދެންވެސް އެ ބީދައިން އަތުގައި ހުރި އެއްޗަކުން ކޮންމެވެސް ވަރަކަށް ބޭނުންހިފޭނޭކަމަށް ހީކޮށް އެމީހުން ގާތު އެވާހަކަ ދައްކައިލެވުނީއެވެ. އެއީ އަޅުގަނޑަށް ހެދުނު ގޯހެއްކަން ވިސްނުނީ އެއިން ހަމަ ކޮންމެ މީހަކު އަޅުގަނޑަށް ބީރު ކަންފަތެއް ދިނީމައެވެ. ނޫނީ ފުރަގަސްދިނީމައެވެ. ނޫނީ ބޭބެ ވަޅިޔަކު ތުނޑެއް ނެތޭ، މިވެނި މީހެއް ގާތަށް ދާށޭ ބުނީމައެވެ.  ދެން އަޅުގަނޑު މިތާނގައި މިދަންނަވާ ވާހަކަޔަށް އެހެން ނުވާނޭކަން އަޅުގަނޑަށް ކަށަވަރެވެ. އެހެން ވީމައި އައްސަވާނަން، އެހެން ނޫންތޯއެވެ؟

އާދެ! ޤާނޫނީ ގޮތުން ކުޑަކުދީން ކަމުގައި ވާ ކުދީންކޮޅެއް އެއް ބަޔަކު އަނެއް ބަޔަކާ ހަނގާ ކުރިއްޔޯލައެވެ.  ގަނާ ކުރިއްޔޯލައެވެ. އުނުގައި އޮތް ފޮތިކޮޅު ލައްފިލުވާ ބޭސް އެޅި ފެން އެއްޗަކަށް ލައި ސާފުކޮށްލުމުގެ ކުރީގެ ބަހުރުވައިން ދަންނަވާނަމަ، ގަޔަށް އަރައި، މާރާމާރީ ހިންގި ވާހަކައެވެ. އައްސަވާށެވެ!

އަޅުގަނޑުމެންނާ ދޭތެރޭ މިހައިރުވެސް ތިޔަބޭފުޅުން ނުވިސްނަވާ ވަރަކަށް ދެންވެސް ވިސްނާވަޑައިގަންނަވާނޭ ކަމެއް ނެތެވެ. އަޅުގަނޑުމެން މިތިބީ ދަރީން ޙަނޫޠަށް އޯޑަރު ދޭ ހިސާބަށް އާދެވިފައެވެ. ތިޔަބޭފުޅުން މިއަދު ވިސްނާވަޑައިގަންނަވާންވީ  އަޅުގަނޑުމެންނާ ދޭތެރެޔަކު ނޫނެވެ. ތިޔަބޭފުޅުންގެ އަމިއްލަފުޅު ޖާނާއި މާލާ ދޭތެރޭގައެވެ. އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާ ދޭތެރޭގައެވެ. އެކި ކަހަލަ ގާތްކަން އެބަޔަކާ ދޭތެރޭ ގެންގުޅުއްވާ، ދެ ޖިންސުގެ އެކި ވަކި މީހުންނާ ދޭތެރޭގައެވެ. ފަހުން ބައްލަވައިގަތް ބޮޑެތި އެޕާޓްމަންޓު ތަކާ ދޭތެރޭގައެވެ. އެއްގަމާއި ކަނޑާއި ވައިގައި ދުއްވަވާން ގެންގުޅުއްވާ އަގުބޮޑު އެކި ޒާތުގެ އުޅަނދުފަހަރާ ދޭތެރޭގައެވެ. އަދި ކިއެއްތޯއޭ، ތިޔަ ބޭފުޅުން އެއްތަނުން އަނެއްތަނަށް ވަޑައިގަންނަވާން ބޭނުންފުޅުކުރައްވާން އޮންނަ ފުޅާ މަގުތަކާއި ހަނި ގޯޅިތަކާ ދޭތެރޭގައެވެ. ޖުމުލަކޮށް ދަންނަވާނަމަ، ތިޔަބޭފުޅުންނަށް މުހިންމު މީހުންނާއި ގޯތިގެދޮރާއި ވަޑައިގެން އުޅުއްވާ ތަންތަނާ ދޭތެރޭގައެވެ. އެމީހުންނާއި ތަންތަނާއި އަމިއްލަފުޅު ނަފުސުގެ މާއްދީ ރައްކައުތެރިކަމާ ދޭތެރޭގައެވެ. އެއީ ކީއްވެގެންތޯ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އައްސަވައިފާނޭތީ، ތިޔަބޭފުޅުން އެ ސުވާލު ނުކުރައްވަނީސް އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދުރާލައި ތިޔަ ބޭފުޅުން އަރިހު ދަންނަވާނަމެވެ. އައްސަވާނަން، ދެއްތޯއެވެ؟

މިއަދު ތިޔަބޭފުޅުންނަށް ކުރިފުޅުމަތީން ތިޔަ ފެނިވަޑައިގަންނަވަނީ، ނުވަތަ ނޫސްތަކާއި ދެންވެސް އެހެން އެ ހުންނަހައި މަންސައެއްގައި ދައްކައި ނުވަތަ ބަޔާންކޮށްފައި ހުއްޓައި ތިޔަ ފެނިވަޑައިގަންނަވަނީ ޤާނޫނީ ގޮތުން ނަމަވެސް ކުޑަކުދީންގެ ގިންތީގައި ހިމެނޭ ބަޔަކު ހަމަ އެކަހަލަ ކުޑަކުއްޖެއްގެ ގިރުވާނުގައި މާއްދީ ގޮތުން ނޫނީ ލިސާނީ ގޮތުންނަމަވެސް ހިފައި، ދަމައިކޫއްތައިފައި ގެންދާތަނެވެ. ގެންގޮސް ފާޚާނާޔަކަށް ވައްދައިފައި ތަޅައި ރާކިސްގަންނަވައިލާ ތަނެވެ. ދެން ތިޔަ އިވިވަޑައިގަތީ އެ ފަދަ އަދިވެސް އެތައް ކަމެއް ހިނގައިގެން އުޅޭ ވާހަކައެވެ. ދެން އެކަމާ ވިދިގެން އަޅުގަނޑުގެ ހިތަށް ވެރިވި އެތަކެއް ސަތޭކަ ސުވާލުގެ ތެރެއިން އަޅުގަނޑަށް އެންމެ ބިރުވެރި ސުވާލެއް ކަމެއް ފެނުނު ސުވާލުގެ ވާހަކަ ދަންނަވައިފިއްޔާ އައްސަވާނަން، ދެއްތޯއެވެ؟

އައްސަވާށެވެ! އެ ކުއްޖާ ދަމައިކޫއްތައިގައި ފާޚާނާޔަށް ގެންދިޔައީ ކީއްވެތޯއެވެ؟ މި ސުވާލު އަޅުގަނޑުގެ އަމިއްލަ ނަފުސާ ކުރީމައި އަޅުގަނޑުގެ ކޮށި ވިސްނުން އަޅުގަނޑަށް ދިން އެތަކެއް ސާދާ ޖަވާބުގެ ތެރެއިން އަޅުގަނޑަށް އެންމެ ނުރައްކާ ޖަވާބަކަށް ވީ ޖަވާބަކީ، "ފާޚާނާޔަށް އެ ގެންދިޔައީ އެ ކުދީން އެ ކުރި ކަމެއް ބޮޑެތި މީހުންގެ ލޯމަތީގައި ކުރާން ޖެހިލުންވީމައެވެ." މިއެވެ!

އެ ޖަވާބު އެންމެ ނުރައްކާ ޖަވާބަށް ވީ ގޮތް ދަންނަވައިފިއްޔާ، ތިޔަ ބޭފުޅުން އެ ޖަވާބާ މެދު ތަންކޮޅެއް ފުންކޮށް ވިސްނާވަޑައިގަންނަވާނަން، ދެއްތޯއެވެ؟

މިއަދު އެ ކުދީން އެ ކުރާ ކަމެއް އެ ކުރަނީ ކޮންމެވެސް ވަރަކަށް ސިއްރިޔާތުގައެވެ. ނުވަތަ ސިއްރުން ކަމަށެވެ. ކޮންމެވެސް ބަންދު ކޮޓަރިޔެއްގައެވެ. ނުވަތަ ފާޚާނާއެއްގައެވެ. ނުވަތަ ރޭގަނޑުގެ އަނދިރީން ފަރުދާވެ ތިބެއެވެ. ހަނި ގޯޅިތަކުގައެވެ. ކީއްވެތޯއެވެ؟ މިއަދުގެ ބޮޑެތި މީހުން ދެކެ ކޮންމެވެސް ވަރަކަށް އެކުދީން އަދިވެސް ބިރުގަންނާތީއެވެ. މިއަދުގެ ބޮޑެތި މީހުން އެ ކުދީންނާ މެދު ފިޔަވަޅެއް އަޅައިފާނޭތީ އެކަމާ ބިރުންނެވެ. އެހެން ނަމަވެސް، އެ ބިރު މިއަދު އެދަނީ މަޑުމަޑުން ކެނޑެމުންނެވެ. ގަޑިވެސް އެހެރަ ހިނގާ ގޮތަށެވެ.

ފަށަމުންވެސް ދެންނެވި ފަދައިން، މިއަދުގެ ބޮޑެތި މީހުންނޭ ދެންނެވީ އަޅުގަނޑުމެންނާ އެއް ޢުމުރުގެ މީހުންނަށް ނިސްބަތްކޮށެއް ނޫނެވެ. އަދި ކިއެއްތަ، މިއަދުގެ ޖޯރު ހުރި، ބާރު ވެރި، ބާރު ހުރި، ޙަޤީޤަތުގައިވެސް ބޮޑެތި މީހުން ކަމުގައި ބެލޭނޭ މީހުންނަށް ނިސްބަތްކޮށެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައި، އެ ބާވަތްތައް ކެރިގެން ތަންފީޒުކުރުމުގެ ފުރުޞަތު އަދި ލިބިފައިވާ މީހުންނަށް ނިސްބަތްކޮށެވެ. އަދި އެ ފަދަ މީހުންނާ އެއް ފަންތީގައި އަދި ނުވިޔަސް، އެއް ޢުމުރުގައި ހިމެނުމުގެ ގޮތުން ނަމަވެސް އެ މީހުންނާ އެއް ޖީލުގެ މީހުންނަށް ނިސްބަތްކޮށެވެ. މިއަދުގެ ޤާނޫނީ ކުޑަކުދީންގެ ތެރެއިން މަދު ބައެއްގެ ފަރާތުންވެސް ފެންނަ، މި ތާނގައި މިދެންނެވި ފަދަ ނުރައްކާތެރި ޢަމަލުތަކާ މެދު މިއަދު ފިކުރުކޮށް، ކަމާ އެކަށޭނަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ޢިލްމާއި ޙިލްމާއި ކެރިކުޅަދާނަކަން ލިބިގެންވާ މީހުންނަށް ނިސްބަތްކޮށެވެ. ކަމެއް ކުރުމުގެ ފުރުޞަތު އަދި ލިބިގެންވާ މީހުންނަށް ނިސްބަތްކޮށެވެ.

އެހެންނޫނީ… ދެން ވާނޭ ގޮތަކީ، އަޅުގަނޑުމެން މިހައިރު މިތިބަ ހިސާބަށް މިއަދުގެ ބޮޑެތި މީހުނަށް ޢުމުރުގެ ގޮތުން އާދެވޭ އިރު، އެ މީހުންގެ އަނބިދަރީންނާއި، ގޯތިގެދޮރާއި، ވިޔަފާރިތަކާއި، ހިނގާން އޮންނަ މަގަށް އެއްވެސް ރައްކާތެރިކަމެއް ނޯންނާނީއެވެ. އަދު އޮތް ފުރުޞަތު އެ ދުވަހު ނޯންނާނީއެވެ. އަނިޔާ ލިބޭންޖެހޭ ކަމަށް ގޭންގުތަކުން ކަނޑައަޅާ މީހާޔަށް ހާނީއްކަކުރާތަން ބަޔަކަށް ފެނިދާނެތީ މިހައިރު އަދި އޮތް ބިރު އެއިރު އޮންނާނީ މާޒީވެފައެވެ. އަނިޔާ ލިބޭ އެ ފަކީރު ދަމައިކޫއްތައިފައި ފާޚާނާޔަކަށް ނޫނީ އަނދިރި ގޯޅިގަނޑަކަށް ވެއްދުމުގެ ބޭނުން ކެނޑިފައެވެ. ރޯމާދުވާލު ހާމަ މަގުތަކުގައި މާރާމާރީ ހިންގުމަކީ އާދައިގެ ކަމަކަށް ވެފައެވެ.

އެ ބިރުވެރި ދުވަސް އައުމާއި ނައުން އޮތީ މިއަދުގެ ޙަޤީޤީ ބޮޑެތި މީހުންގެ އަތްމަތީއެވެ. ކަމާ މެދު ފުންކޮށް ވިސްނައި، ޙިކްމަތު ޢަމަލީގެ ބޭނުން އަދު ނުހިފައިފިތަ، މިއަދުގެ ބޮޑެތި މީހުން މުސްކުޅިވާ ދުވަހު، ސަހަރޯއެވެ!

މިއަދުގެ ބާރުވެރީން ތިޔަ ބޭފުޅުން މުސްކުޅިފުޅު ވާ ދުވަހާ މެދު ސަހަރޯވެރިވެވަޑައިގެން، އަދު ލިބިވަޑައިގެން އޮތް ފުރުޞަތު ބޭނުންފުޅުކުރައްވާށެވެ.