Support Us

ބުލީގެ އަނިޔާ: މި ވޭނާއި ތަދު އިޙްސާސްނުކުރާ އެއްވެސް ރަށެއް ނެތެވެ.

މީގެ ކުރިން އަޅުގަނޑު ޤަބޫލުކުރަމުން އައީ ކުޑަކުދިންނަށް ބުލީ ކުރުމާއި ޖިސްމާނީ ހާނިކަ ދިނުމަކީ ވަކި ސަރަޙައްދެއްގައި ދިރިއުޅެން ޖެހުމުން ދިމާވާ މައްސަލައެއް ކަމުގައެވެ. އެހެނަސް މިއަދު، މުޅި މި މުޖުތަމަޢުއަށް ނަޒަރު ހިންގާލާއިރު މި ވޭނާއި ތަދު އިޙްސާސްނުކުރާ އެއްވެސް ރަށެއް ނެތެވެ. މިތަނުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންމިވާ ވާހަކައަކީ މީގެ 19 ނުވަތަ 20 އަހަރުގެ ކުރިން ކަންކަން އޮތް ހާލަތުގެ ކުޑަ ސޮފްޙާއެކެވެ. ބޭނުމަކީ މިއަދުގެ ބެލެނިވެރިން މިކަންކަމަށް ހޭލުންތެރި ކުރުވުމެވެ.

އަޅުގަނޑާއިއެކު ސެކަންޑަރީ ސްކޫލްގައި އުޅުނު އެކުވެރިއެކެވެ. އެއީ ދެކުނުގެ އެންމެ ބޮޑު އެއް އާބާދީއަށް ނިސްބަތްވާ ފިރިހެން ކުއްޖެކެވެ. (އޭރު އެކަމެއް ނޭނގެއެވެ). ކޮންމެއަކަސް ވަރަށް މަޑުމައިތިރި، އެހެން ކުދިންނަށް އެހީތެރިވަމުންދިޔަ ކުއްޖެކެވެ. ކަންކަމުގައި ދަތިވެއްޖެނަމަ، ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަންވެސް ދެމުންދިޔައެވެ. އެހެނަސް ހިތާމައަކީ މި ކުއްޖާވެސް ޖިސްމާނީ އަދި ބުލީގެ ޝިކާރަޔަކަށް ވެގެންދިއުމެވެ.

އަޅުގަނޑު އެއްދުވަހަކު ކްލާސް ރޫމަށް ދިޔަ ވަޤުތުގައި ކުލާހުން ބޭރުގައި މި ދެންނެވި ކުއްޖާއާއި އިތުރު ކުއްޖަކު ތިއްބެވެ. ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ މި ބުނި ކުއްޖާގެ މޫނުމަތީގައި ގޮށްމުށްކަވާފައި ދެންހުރި ކުއްޖާ ޖެހިތަނެވެ. އެއަށްފަހު މި ކުއްޖާ ރޮމުން ވަނީ ކްލާސްރޫމަށެވެ. ހުރިހާ ކުދިން ތިބީވެސް އެ ކުއްޖާއަށް ސަމާލުކަންދޭން ޖެހިލުންވެފައެވެ. ކޮންމެއަކަސް އަޅުގަނޑުގެ ކުޑަކަމާއެކުވެސް މި ކުއްޖާ ގާތުގައި ކިހިނެއްވީތޯ ސުވާލުކުރީމެއެވެ. އޭނާ ރޮމުން އަޅުގަނޑު ގާތުގައި ބުނީ އެ ކުއްޖާ ރުފިޔާ ދޭން ބުނަނީ ކަމަށެވެ. ކޮންމެ ދުވަހަކު 100ރ. އިން މަތިން ފައިސާ ދޭންޖެހޭ ވާހަކައެވެ. މިއަދު 500ރ. ދޭން ބުނީމާ އެކަން ތިމަންނައަށް ނުކުރެވުނީއެވެ. ކޮންމެއަކަސް މި ކުއްޖާ އެދުނީ އެ ކުއްޖާއާ ވާހަކަ ދައްކައިދިނުމަށެވެ. އަޅުގަނޑު ގާތުގައި އެދުމުން، އެކަން ކޮށްދޭނެ ވާހަކަ ބުނެވުނެވެ. އެ ކުއްޖާއަށް ތަސައްލީއެއް ދިނުމަށެވެ. އެބުނި ކުއްޖާ ދަންނަ އިތުރު ކުއްޖަކާއެކު އަޅުގަނޑު ގޮސް އެގޮތަށް ކަންކަން ނުކުރުމަށް ނަޞޭޙަތްތެރިވީމެވެ. އޭނާ އެގޮތަށް އެކަން ކޮށްދިނެވެ.

ބައެއް ހާލަތުގައި މިފަދަ ބައެއް ކުދިން އިންޓަވަލް ގަޑީގައި ކާތަކެތި ގަންނަން ގްރައުންޑަށް ދާންވެސް ނުކެރެއެވެ. އެފަދަ ކުދިންނަށް މިފަދަ ކަންކަމުގައި އެހީތެރިވުމުގެ ސަބަބުން އަޅުގަނޑަށްވެސް އެކި ގޮތްގޮތަށް އެކަމުގެ އަސަރުކޮށްފައިވެއެވެ. އެއީ ތަކުލީފާއި އުނދަގޫކަން އުފުލަންޖެހުނު ދުވަސްތަކެކެވެ.

އަޅުގަނޑުގެ މަޤުޞަދަކީ މައިންބަފައިންނާއި ބެލެނިވެރިންނަށް، ކިޔަވާ މަދަރުސީ މާހައުލު އޮތް ގޮތް ކިޔައިދިނުމެވެ. މިއީ ތަޢުލީމު އުނގެނުމަށް އަދި މުސްތަޤުބަލު ބިނާކުރުމަށް ދާ ތަނުގެ ހާލަތެވެ. މަދު ކުދިންތަކެއްގެ ސަބަބުން ކޮންމެ ދުވަހަކު މި ބިރުވެރިކަމާއި ތަކުލީފު އުފުލަންޖެހޭ އެތައް ކުދިންނެއް ތިބެއެވެ. މިއީ 14-15 އަހަރުގެ މާހައުލެއްގެ ވާހަކައެވެ.

މިއީ މީގެ 19-20 އަހަރުގެ ކުރީގެ ހާލަތެވެ. މިއަދުގެ ހާލަތު ދެން ވިސްނާލައްވާށެވެ. ތިމާގެ ދަރިފުޅު މަދަރުސާއަށް ފައިސާ ގެންދަން މާވަރަކުން އުޅޭނަމަ ސަމާލުކަން ދޭށެވެ. އަގުބޮޑެތި މުދާ ގޭތެރެއިން ގެއްލޭނަމަ، ސަމާލުކަން ދޭށެވެ. ދަރިފުޅާއެކު ގާތް ގުޅުމެއް ބާއްވާށެވެ. ޚާއްޞަކޮށް ބައްޕައިންނެވެ. އެހެނީ ފިރިހެނުންނަކީ ހިތްވާރާއި އަޒުމު ލައްވާފައިތި މީހުންނެވެ. ކޮންމެ ރެއެއްގައިވެސް ނިދުމުގެ ކުރިން ވިސްނުންތެރިކަމާއި ހުޝިޔާރުކަމާއެކު އެ ދުވަހެއްގެ ކަންކަން އަހާ އޮޅުންފިލުވާށެވެ. ސުވާލުކުރާށެވެ.

ވާހަކަ ނިންމާލާނީ، މިއީ އެތައް ކުދިންނެއް ކުރިމަތިލާންޖެހިފައިވާ ބޮޑު ކާރިޝާއެކެވެ. އަޅުގަނޑުމެން މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުނުކޮށްދޭނަމަ، މުޖުތަމަޢުގެ ބޮޑު ބައެއް އެ ވައްޓާލެވުނީ ނަފުސާނީ ބޮޑު އަނިޔާއެއްގެ ތެރެއަށެވެ. އެބައެއްގެ މުސްތަޤުބަލު އެހާރުން އެ ވަޅުޖެހުނީއެވެ. ގިނަ ފަހަރު މިފަދަ ކަންކަން ކުރިމަތިލާންޖެހެނީ މުޖުތަމަޢުއަށް ފައިދާ ކޮށްދެވޭނެ ފަދަ ކުދިންނަށެވެ. ބަސްއަހާ ކިޔަވާ ދަރިވަރުންނާއެވެ. މިއީ އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ދިމާތަކެކެވެ. އަދި އެކަމަށް ހަރުދަނާ ޤާނޫނުތަކާއި ޤަވާއިދުތައް އެކަށައަޅަންޖެހޭ ދިމާތަކެކެވެ. އެހެނަސް ހިތާމައަކީ މިފަދަ މުހިންމު ކަންކަމަށް މިއަދާ ހަމައަށްވެސް ސަމާލުކަން ދެވިފައި ނެތުމެވެ. ކޮންމެ ބަޔަކުވެސް ވެދިޔަތަނުގައި މި މަސައްކަތް ކުރަނީ މިފަދަ ކަންކަމަށް ޙައްލު ގެނުވުމުގެ ބަދަލުގައި ސިޔާސީގޮތުން އަމިއްލަ މަސްލަޙަތާއި ފައިދާ ލިބިގަތުމުގައެވެ.

 

(ނޯޓް): އަޅުގަނޑުގެ ބޭބެމެން އަޅުގަނޑުގެ ގާތުގައި ބުނެއެވެ. އަޠްހަރު އިސްވެ އެއްވެސް ކުއްޖަކާ ނުބެހޭށެވެ. އަޅުގަނޑު އޭރުވެސް މިހާރުވެސް އެއްވެސް ކުއްޖަކާއި އިސްވެ ބެހިފައި ނުވަތަ ގޯނާ ކޮށްފައި ނުވާނެއެވެ. އެކަން ބަލާނަމަ، ފެންނާނެއެވެ. މައިތިރި ނުވެގެން މިއުޅެނީ މުޖުތަމަޢުގައި އުޅޭ މަދު ބައެކެވެ. ދެން އޮތީ އެއްބައިވެ މިބަޔަކު މައިތިރި ކުރުމެވެ. އަދި ކަންކަން އިޞްލާޙުކުރުމެވެ. އެއީ ހުރިހާ އެންމެންގެ ދަރިންގެ މުސްތަޤުބަލަށްޓަކައެވެ. ކީރިތި ޤުރުއާނުގައި ބަޔާންވެގެން އައިސްފައިވާ ޤިޞާޞްގެ ޙުކުމަކީ ދިރުމެއް ލިބިގެންވާ ކަމެކޭ ބުނެވެނީ މި ސަބަބަށްޓަކައެވެ.

* އަޠްހަރު އަޙްމަދުގެ ލިޔުއްވުމެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *