Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާލެމަތިން އިރު ހުރަސްކުރުމެއް!

ކައުނީ އާދައިގެ މަތީން، ދުނިޔޭގެ ނިސްބަތުގައި އިރު އަތްއަތަށް ޖެހޭކަމަށް ބަލާ ހަމައިން ބަލާއިރު މިއަހަރު އިރު ދެކުނުން އުތުރަށް ޖެހޭ ޖެހުމުގައި، މާލެ އޮންނަ ތަން (ޕޮޒިޝަން) ކަމުގައިވާ 4 ދަރަޖަ 10 ދަގީގުވީ އުތުރު ޢަރުޟާއި 73 ދަރަޖަ 30 ދަގީގުވީ އިރުމަތީ ޠޫލުވީ ތަނުގެ މަތިން، މާރިޗް 30 ވާ ހޮނިހިރު ދުވަހު، އިރު ހުރަސް ކުރާނެއެވެ.

އެކަން ހުރިގޮތް ބަލާއިރު މާރިޗް 30 ވަނަ ދުވަހު މާލެއަށް އިރު މެދުޖެހޭ ވަގުތު ކަމަށްވާ 12:10 ގައި އިރުގެ "ލޯކަލް އަވަރ އެންގަލް" އަކީ، 359 ދަރަޖަ 54.7 ދަގީގު އިރު (އީސްޓް) ކަމުގައި ވެއެވެ.
އެފަދައިން އެވަގުތުގެ އިރުގެ ޑިކްލިނޭޝަނަކީ، 3 ދަރަޖަ 59.4 ދަގީގު އުތުރު (ނޯތު) ކަމުގައި ވެއެވެ.

އެހެންކަމުން އިރުގެ ބޮޑުމިން ދުނިޔެއަށް ފެންނަ މިންވަރު ބަލާ ހަމައިން 30 މާރިޗުގައި އިރު ބޮޑުމިނުގެ ނިސްބަތުން އިރުގެ 5.4 ދަގީގު މާލެ މައްޗަށް އަރާގޮތަށް އިރު މާލެމަތިން ހުރަސް ކުރާކަން އެނގޭން އޮވެއެވެ.

އިރު ތަނެއް ނުވަތަ އެއްޗެއްގެ މަތީން ހުރަސްކުރާނަމަ އެވަގުތަކީ އެތަނެއްގައި އޮލަނބަށް ހުންނަ ތަކެތީގެ ހިޔަނި އެ އެއްޗެއްގެ ތެރެއަށް ނުވަތަ ދަށަށް ވަދެ ހުސްވާ ވަގުތެކެވެ. އެހެންކަމަށްވާތީ، އެވަގުތު މާލެއާއި މާލެއާ އެންމެ ކައިރި ރަށްރަށުގައި އޮލަނބަށް ހުންނަ ތަކެތީގެވެސް ހިޔަނި ހުސްވާނެއެވެ. ނުވަތަ އެފަދަ ކޮންމެ އެއްޗެއްގެ ހިޔަނި އެ އެއްޗެއްގެ އެއްވެސް ފަރާތަކަށް ނެއްޓި ފާޅެއް ނުވާނެއެވެ.

ކޮންމެ އަހަރަކުވެސް އިރު ހިނގާ ހިނގުމުގެ އެއްގޮތް ކަމުގައި ތަފާތު ނުހުންނަކަން ހިމެނެނީ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިންނެވެ. އެކަންކަން ދެނެގަނެ ބަލައި ކަށަވަރު ކުރުމަކީ، އިންސާނުންގެ ޢަޤީދާ ވަރުގަދަވުމުގެ ތެރެއިންވާ ކަމެކެވެ.

ކީރިތި ޤުރުއާނުގައި އިރާމެދުގައި ހުރި އާޔަތްތަކުގެ މާނައިގެ މައްޗަށް ބަލާއިރު، ހަމައެކަނި އިރުގެ ހިނގުމާއި ދައުރަށާއި އިރުގެ ހިޔަނީގައި ލެއްވި، ވަގުތުގަލުންވެސް ބަލައި ހޯދޭ ފަދަ ކުދިކުދި ވަގުތުތަކާއެކު ވަގުތު ދެނެގަތުމުގެ ކަންތައްތައް ހޯދައި ބަލައި ދެނެގަތުމަކީ، އެކަލާނގެ ވޮޑިގެންވާކަމުގެ ޢަޤްލީ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިރު ހިނގާ ގޮތުގެ އެއްގޮތްކަން ބަލައިލާއިރު ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހާ ދެމެދުގައި އިރު އެންމެ އުތުރަށްދާ މިންވަރަށް އުތުރަށްދާ ދިއުމަށް ބަދަލެއް ނާދެއެވެ. އިރު އެންމެ އުތުރަށްދާ މިންވަރަކީ 23 ދަރަޖައާއި 26.3 ދަގީގެވެ.

އެފަދައިން ކޮންމެ އަހަރެެއްގެ ޑިސެމްބަރު މަހުގެ 20 ވަނަދުވަހާއި 22 ވަނަ ދުވަހާ ދެމެދު އިރު އެންމެ ދެކުނަށްދާ މިންވަރަށް ދެކުނަށްދާ ދިއުމަށްވެސް ބަދަލެއް ނާދެއެވެ. އިރު އެންމެ ދެކުނަށްދާ މިންވަރަކީ ވެސް، 23 ދަރަޖައާއި 23.2 ދަގީގެވެ.

އަދި އިރު ދުނިޔޭގެ އުތުރާއި ދެކުނާ ދެމެދުގައި އޮންނަ ޚައްޠުއިސްތިވާއަށް (އީކްއޭޓަރ) އަށް ދެ ފަހަރު ދާ ދިއުމަށްވެސް ބަދަލެއް ނާދެއެވެ. އެގޮތުން މާރިޗުމަހުގެ 20 ވަނަ ދުވަހު ޚައްޠުއިސްތިވާއަށް އިރު ދަތުރު ކުރެއެެވެ. އަދި ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުވެސް ޚައްޠުއިސްތިވާއަށް އިރު ދަތުރު ކުރެއެވެ.

މާރިޗުމަހު އިރު ޚައްޠުއިސްތިވާއަށް ދަތުރު ކުރަނީ ދެކުނުން އުތުރަށް ދިއުމަށް ދާ ދިއުމުގައެވެ. ސެޕްޓެމްބަރު މަހު އިރު ޚައްޠުއިސްތިވާއަށް ދަތުރު ކުރަނީ އުތުރުން ދެކުނަށްދާ ދިއުމުގައެވެ. އެ ކަންކަން ބަލައި ދެނެގަތުމުން އެނގި ކަށަވަރުވަނީ ކީރިތި ޤުރުއާނުގައި އެމޭރުމުން ހުރި އާޔަތްތަކުގައިވާ ޙަޤީޤަތްތަކުގެ ތެދުކަމެވެ. ފުށުއެރުމެއް ނެތްކަމެވެ. އެފަދަ އާޔަތްތަކަށް ބަލައިލާން އެދޭނަމަ އަންޢާމު ސޫރަތުގެ 96 ވަނަ އާޔަތާއި އަޢުރާފު ސޫތަރުގެ 54 ވަނަ އާޔަތާއި ނަޚުލު ސޫރަތުގެ 12 ވަނަ އާޔަތާއި އަންބިޔާ ސޫރަތުގެ 33 ވަނަ އާޔަތާއި ޙައްޖު ސޫރަތުގެ 18 ވަނަ އާޔަތާއި ޔާސީން ސޫރަތުގެ 38 ވަނަ އާޔަތާއި ފުއްޞިލަތު ސޫރަތުގެ 37 ވަނަ އާޔަތް ބަލައިލުން މުހިއްމެވެ.

އަދި އެފަދައިން ދެމިގެންވާ ހިޔަނީގެ މައްޗަށް އޮތް އާޔަތެއް ކަމުގައިވާ ފުރުޤާނު ސޫރަތުގެ 45 ވަނަ އާޔަތުގެ މާނައިގެ މައްޗަށް ފިކުރު ހުޅުވައި، ސައިންސުން އަލިގައި ހޯދައި ހާމަކޮށްދީފައި ހުރި، ދެމިގެންވާ ހިޔަނީގެ މައްޗަށް ފިކުރު ކޮށްފިނަމަ، މާތްﷲ ސުބްޙާނަހޫ ވަތަޢާލާއާ މެދު ކަށަވަރުކަން އިތުރުވެ، ކީރިތި ޤުރުއާނަކީ އިންސާނީ އުފަން ކުރުމެއް ނޫންކަން ހިތާއި ސިކުނޑީން ޤަބޫލު ނުކޮށެއް ފަރަކު ނުޖެހޭނެކަމީ ކަށަވަރު ކަމެކެވެ.

މިފަދަ ކަންކަން ބަލައި ހޯދާންވީ އެންމެ މުހިއްމު ސަބަބަކީ އެއެވެ.