Support Us

ކޮލަމް ގަލަން: އާދަކާދައާ ޚިލާފަށް ޢީދުނަމާދުގެ ވަގުތު ބަދަލުކުރުމުގެ މަސްލަހަތު ކަށަވަރުނުވުން  

ދިވެހި ރާއްޖޭގައި ޒަމާނުއްސުރެން އީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 7.30ގައި ކަމުގައިވިޔަސް 7.00ގައި އެ ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމައިފައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ އަވީގެ ހޫނުން މީހުން ސަލާމަތްކުރުމަށާއި ކީރިތި ރަސޫލާ ﷺއެ ނަމާދު ކުރައްވައިފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރީން ޟުހާ ވަގުތުގައިކަން އެނގޭތީ ކަމަށެވެ.

ތެދެއްމެއެވެ. ޢީދު ނަމާދުގެ ވަގުތު ފެށެނީ އިރުއެރުމަށްފަހު ލޮންސިއެއްގެ މިންވަރަށް އެރުމަށްފަހުގައި ކަމަށްވާތީ އެ ކަލޭގެފާނު އެ ނަމަދުކުރައްވާފައިވަނީ އޭގެ ފަހުގެ ވަގުތެއްގައިކަން ކަށަވަރުވެއެވެ. ނަމަވެސް އެ ދުވަސްވަރުގެ ގަޑިބެލުމުގެ އާދަނެތުމުން އޭއީ ގަޑިން މިވެނި ގަޑިއަކޭ ދެންނެވުންވީ އެންމެންނަށް ވެސް ދަތިކަމަށެވެ. އެހެންކަމުން ފިޤުހު ޢިލްމުވެރީން އީދު ނަމާދު ފެށްޓުމަށް މުސްތަޙައްބު ވަގުތަކީ ކޮބައިކަން ބުނެދެއްވިއެވެ. ދެން އެއަށްފަހު ފިޤުހު ޢިލްމުވެރީންގެ އެ ރައުޔުތަކަށް ތަބާވެ އެ ބޭކަލުން ދެއްކެވި މުސްތަޙައްބުގޮތާ އެއްގޮތްވާގޮތަށް މުޅި ދުނިޔޭގެ ވެސް އެ ނަމާދު ފަށްޓަނީ އެ ބަޔެއްގެ އާދަކާދަމަތީން އެ ބަޔަކަށް މުނާސަބުވާ އެންމެ ރަނގަޅު ވަގުތުގައެވެ. އެގޮތުން ދިވެހީންގެ އާދަކާދައަކީ އެ ނަމާދު 7.30ގައި ކުރުމެވެ.

ކޮންމެއަކަސް އެ އާދަކާދައަށް ގަރުނެއް ވީފަހުން މިހާރު އެ ވަގުތު ކަމުނުދިޔަ ބަޔަކު ދިވެހި ބިމަށް އުފަންވެއްޖެއެވެ. އެހެންކަމުން އުފެދޭ ސުވާލަކީ އީދު ނަމާދު ފެށްޓުމުގެ ވަގުތު ދިވެހީންގެ އާދަކާދައަށް ވަދެފައި އޮއްވާ އަދި އެ ވަގުތު ފިޤުހު ޢިލްމުވެރީންގެ ރައުޔަށް ފެތޭއިރު އެ ވަގުތު އެއަށްވުރެ 30 މިނިޓު އަވަސްކުރުމުގެ ނުވަތަ ލަސްކުރުމުގައި އޮތް މަސްލަހަތަކީ ފަހެ ކޮބާ ހެއްޔެވެ؟!

ޢީދު ނަމާދުގެ ވަގުތު ފެށެނީ އިރުއެރުމަށްފަހު ލޮންސިއެއްގެ މިންވަރަށް (މީޓަރެއްހާ އުސްމިނަށް) އެރުމުން ކަމަށް ދަންނަބޭކަލުން އެއްބަސްވެ ވަޑައިގެންފައިވެއެވެ. އެއީ އިރު އެރުމަށްފަހު 15 މިނިޓު ނުވަތަ 20 މިނިޓުގެ ފަސް ވަގުތެއްކަމުގައި ބެލެވެއެވެ. އަދި ޢީދު ނަމާދުގެ ވަގުތު ނިމޭނީ އިރު މެދު ޖެހުމުންނެވެ. އެދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް އެ ނަމާދު ކުރުން ހުއްދައެވެ.

އީދު ނަމާދުގެ ޖަމާއަތް ފެށުމަށް ފިޤުހު ޢިލްމުވެރީން މުސްތަޙައްބު ވަގުތެއް ބަޔާން ކުރައްވާފައިވެއެވެ. ފިޤުހު ޢިލްމުވެރީން ކަމެއްގެ ޙުކުމް ބަޔާންކުރުމުގައި (ސުންނަތާ އެންމެ ކައިރި ގޮތޭ) ކަނޑައަޅަން ޖެހިއްޖެ ނަމަ ބޭނުންކުރާ ބަހަކީ "މުސްތަޙައްބު"ގެ ލަފުޒެވެ. އެ ލަފުޒީ މާނައަކީ (އެެދެވިގެންވާ ރަނގަޅު) ގޮތެވެ. ނަމަވެސް މުސްތަހައްބުގެ ލަފުޒުން ޖުމުލަކޮށް ފިޤުހު އިލްމުވެރީން ނަންގަވާ މާނައަކީ ސުންނަތުގެ މާނައެވެ. އެހެންކަމުން ފިޤުހުގެ ޙުކުމެއްގައި "މުސްތަޙައްބު" އޭ ބުނެވިއްޖެ ނަމަ ފިޤުހުގެ މުރާދަކީ ސުންނަތް ގޮތް ނުވަތަ ސުންނަތާ އެންމެ ގާތްކުރާ ގޮތެވެ.

އީދު ނަމާދުގެ ޖަމާއަތް ފެށުމަށް މުސްތަޙައްބުވެގެންވަނީ، އަޟުހާ ޢީދުނަމާދު ނަމަ ވަގުތުގެ ފުރަތަމަ ކޮޅުގައި ފެށްޓުމެވެ. އަދި ފިޠުރު ޢީދު ނަމާދު ނަމަ ވަގުތުގެ ފުރަތަމަ ކޮޅަށްވުރެ ތަންކޮޅެއް ފަސްކޮށް ފެށްޓުމެވެ. ސަބަބަކީ ފިޠުރު ޢީދުނަމާދު ފަސްކުރުމުގައި ފިޠުރު ޒަކާތް ނުދެވި ތިބި މީހުންނަށް އެ ޒަކާތް އަދާކުރުމުގެ ފުރުސަަތު ބޮޑުވާނެތީއެވެ. އަދި އަޟުހާ އީދު އަވަސްކުރުމުގައި އުޟުހިޔާ ކަތިލުމުގެ މަސައްކަތަށް ވަގުތު ތަނަވަސް ވާނެތީއެވެ. ޙަނަފީ މަޒުހަބުގެ ދަންނަބޭކަލުންގެ އަރިހުގައި މުސްތަޙައްބުވެގެންވަނީ އެގޮތެވެ. (ބައްލަވާ: البحر الرائق لابن نجيم 2/173، حاشية الطحطاوي ص: 346) އަދި ޝާފިޢީ މަޒުހަބުގެ ދަންނަބޭކަލުން ވެސް ވިދާޅުވަނީ އީދު ނަމާދުގެ ޖަމާއަތް ފެށުމަށް މުސްތަޙައްބުވެގެންވަނީ، އަޟުހާ ޢީދުނަމާދު ނަމަ ވަގުތުގެ ފުރަތަމަ ކޮޅުގައިކަމަށެވެ. އަދި ފިޠުރު ޢީދު ނަމާދު ނަމަ ވަގުތުގެ ފުރަތަމަ ކޮޅަށްވުރެ ތަންކޮޅެއް ފަސްކޮށް ކަމަށެވެ. (ބައްލަވާ: روضة الطالبين للنووي 2/ 76)، الحاوي الكبير للماوردي 2/488، حاشية الجمل على شرح المنهج2/99) އަދި ޙަންބަލީ މަޒުހަބުގެ ރައުޔަކީ ވެސް އެއީ އެވެ. (ބައްލަވާ: المبدع لبرهان الدين ابن مفلح 2/163، كشاف القناع للبهوتي 2/51) އަދި މަލިކީ މަޒުހަބުގެ ރައުޔަކީ ވެސް އެއީ އެވެ. އިމާމު މާލިކު ވިދާޅުވިއެވެ. އަޟްހާ ޢިދު ނަމާދަށް ނިކުތުމުގައި އިމާމު މީހާ އަސްވެގަތުން ހުއްޓެވެ. އަދި ފިޠުރު އީދު ނަމާދަށްވުރެ ލުއިކޮށް ގެންދެވުން ހުއްޓެވެ. އެއީ އުޟުހިޔާ ކަތިލުމުގެ މަސައްކަތަށް ވަގުތު ތަނަވަސްކޮށްދިނުމަށެވެ. (ބައްލަވާ: شرح التلقين ،المازريُّ1/1061. الذخيرة للقرافي 2/419، ((التاج والإكليل للمواق 2/189)

އީދު ނަމާދުގެ ޖަމާއަތް ފެށުމުގެ މުސްތަޙައްބު ވަގުތަކީ ދަންނަބޭކަލުން އިޖުމާޢުވެފައިވާ ވަގުތެކެވެ. އިބުނު ޤުދާމާ އިޖުމާޢު ނަޤުލުކުރެއްވިއެވެ. ވިދާޅުވިއެެވެ. ސުންނަތްވެގެންވަނީ އަޟުހާއީދު ނަމާދު އަވަސްކުރުމަށެވެ. އެއީ އުޟުހިޔާ ކަތިލުމަށް ވަގުތު ތަނަވަސްކުރުމަށެވެ. އަދި ފިޠުރުއީދު ނަމާދު ލަސްކުރުމަށެވެ. އެއީ ފިޠުރު ޒަކާތް ނެރުމަށް ފުރުސަތު ބޮޑުކުރުމަށެވެ. ތިމަންނައަށް މި މައްސަލާގައި ޚިލާފެއް އޮތްކަމަށް އެނގިފައެއްނުވެއެވެ. އެބަހީ: އިޖުމާޢު ލިބިފައިވެއެވެ. (المغني 2/280)

މައްސަލަ ވަރުންއެޅުން:  

އެކެއް: އީދުނަމާދު ފަށާ ވަގުތު ބަދަލުކުރުމުގައި އިސްލަމީ ވުޒާރާގެ ދައުވާއަކީ "7.30އަކީ އިރުއަރައި އިރުގެ ހޫނުކަން ދަގަވަމުން އަންނަ ވަގުތުކަމަށް ވެފައި އީދު ނަމާދަށް ހާޒިރުވާ މީހުންނަށް އެކަމުން ތަކުލީފެއް އުފުލަން ޖެހިދާނެތީ ކަމަށެވެ." ނަމަވެސް މެޑިކަލް ސައިންސް ދެކޭގޮތުގައި ހެނދުނުގެ ވަގުތުގައި ލިބޭ އިރުގެ ހޫނުކަމަކީ އެކަމުގައި އިންސާނާގެ ސިއްހަތަަށް ފައިދާކުރާ އެއްޗެކެވެ. އީދު ނަމާދުކުރުމަށް ނަގާ ވަގުތަކީ ގާތްގަނޑަކަށް 30 މިނެޓެވެ. ހެނދުނުގެ ފުރަތަމަ ސާޢަތުގައި އަންނަން އިރުގެ ހޫނުކަމުން އީދު ނަމާދަށް ހާޒިރުވާ މީހަކު ހަލާކުވެދާނެކަމުގެ ބިރެއް އޮތްކަމަކަށް ގަބޫލުނުކުރެވެއެވެ. ހަލާކުވެދާނެކަމުގެ ބިރުހީވާ ނަމަ ނަމާދުކުރާ މައިދާން ވަގުތީގޮތުން ހިޔާކުރުމުގައި ނުވަތަ އަވިން ސަލާމަތްވުމަށް ވަގުތީ ހައްލުހޯދުމުގައި ހުރަހެއްނެތެވެ. އީދު ނަމާދު  ހުސްމައިދާނުގައި ކުރުމަކީ ފިގުހު އިލްމުވެރީން އިޚްތިލާފުކުރައްވާފައިވާ މައްސަލައެކެވެ. ޖުމުހޫރު ފިޤުހު އިލްމުވެރީންގެ ރައުޔަކީ ހުސްމައިދާނަށް ނިކުތުން މޮޅުއިތުރުވެގެންވާ ކަމަށެވެ. އަދި އިމާމު ޝާފިޢީގެފާނުގެ ރައުޔަކީ މިސްކިތް ބޮޑު ނަމަ މިސްކިތުގައި އީދު ނަމާދުކުރުން މޮޅުއިތުރު ކަމަށެވެ. ކޮންމެއަކަސް އީދު ނަމާދަށް ހުސްމައިދާނަށް ނިކުތުމުގެ ބޭނުމަކީ އެއީ މުޅި މުޖުތަމައަށް ހުޅުވިފައިވާ އަޅުކަމަކަށްވާތީ ތޮއްޖެހުމުން ސަލާމްވުންކަން ފިޤުހު ޢިލްމުވެރިންގެ އިސްވެދިޔަ އިޚްތިލާފުން އެނގެއެވެ. ކަން އެހެން އޮތުމާއެކު މުސްތަޙައްބު ވަގުތުގައި ޢީދު ނަމާދަށް ހުސްމައިދާނަށް ނިކުތުމުން މީސްތަކުން އިރުގެ އަވީން ހަލާކުވެދާނެކަމުގެ ބިރު ވެރިޔާއަށް ހީވެއްޖެ ނަމަ ޝާފިޢީގެފާނުގެ ރައުޔަށް އަމަލުކޮށް ބޮޑެތި މިސްކިތްތަކުގައި އެ ނަމާދު ގާއިމުކުރުމުގައި ހުރަހެއްނުވެއެވެ. އެހެންކަމުން އީދު ނަމާދުގެ ވަގުތު އަވަސްކުރުމުގައި ދީނީ ވުޒާރާއިން ދެއްކި ހޫނުވުމުގެ ހުއްޖަތުގައި ދީނީ އަދި އިޖުތިމާޢީ މަސްލަހަތެއް ކަށަވަރުނުވެއެވެ.

ދޭއް: އީދު ނަމާދުގެ ފަށާ ވަގުތު އޮތީ ދިވެހި އާދަކާދައިގެ ތެރެއަށް ވަދެފައެވެ. އާދަކާދައަކީ އިތުބާރު ކުރެވޭނެ އެއްޗެކެވެ. الإمام القرطبي ވިދާޅުވިއެވެ. އާދަކާދަގެ މާނައަކީ ބުއްދި އެކަމެއް ގަބޫލުކުރާ އަދި ނަފުސު އެކަމަކަށް ރުހޭ ކޮންމެ ޚަސީލަތެކެވެ. (القرطبي، الجامع لأحكام القرآن، ج7، ص 346) ابن بطال: ވިދާޅުވިއެވެ. ފިޤުހުގެ ދަންނަބޭކަލުންގެ ނަޒަރުގައި އެ ތަނެއްގައި އާއްމުކޮށް ކުރެވޭ ކަންތަކަކީ އާދަކާދައެވެ. (صحيح البخاري بشرح العيني، ج12، ص16) އާދަކާދައަކީ ފިޤުހުގެ ގަވާއިދުގެ ތެރެއިން ފަސްވަނަ ނަންބަރެވެ. އެއަށް އަރަބި ބަހުން ބުނެވެނީ "العادة مُحَكَّمة އެވެ. މާނައީ: އާދަކާދައަކީ އިތުބާރު ކުރެވޭ އެއްޗެކެވެ. މުރާދަކީ އެ އާދަކާދައަކީ އާއްމު އާދައަކަށް ވިޔަސް ނުވަތަ ޚާއްސަ އާދައަކަށް ވިޔަސް އެ ކަން މާނާކުރާ ޝަރުޢީ ނައްސެއް ނެތިއްޖެ ނަމަ އެ ކަމަކީ ހުއްދަ ކަމެކެވެ. (القواعد الفقهية وتطبيقاتها في المذاهب الأربعة، ص298)  އަދި އެ ހިނދު އެ ކަމަކަށް ގާނޫނީ ހައިސިއްޔަތުލިބެއެވެ. އާދަކާދަތަކަކީ ގާނޫނަކުން މަނާކުރުމަކުން އެ ކަމެއް މަނާވާނެ ކަމެއްނޫނެވެ. އެ ކަމެއް ހައްލު ކުރަން ބޭނުންވެއްޖެ ނަމަ ޖެހޭނީ ގާނޫނުގެ ތެރެއަށް އެ އާދަކާދައެއް ވައްދާށެވެ. ނުވައްދައިފި ނަމަ ގިނަ ފަހަރަށް ދިމާވަނީ ފިތުނަފަސާދައެވެ. އެހެކަމުން އީދު ނަމާދުގެ ވަގުތު އަވަސްކުރުމުގައި ދިވެހި އާދަކާދައިގައި އޮތް ވަގުތު މާނާކުރާ ޝަރުޢީ ނައްސެއް ނެތްހާލު އިސްލާމީ ވުޒާރާއިން އެ އާދަކާދައިގައި ކޮޅުފައިންޖަހައި 30 މިނިޓު އަވަސްކުރި ކުރުމުގައި ދީނީ އަދި އިޖުތިމާޢީ މަސްލަހަތެއް ނުފެނެއެވެ.

ތިނެއް: ފިޠުރު ޢީދު ނަމާދު ނަމަ ވަގުތުގެ ފުރަތަމަ ކޮޅަށްވުރެ ތަންކޮޅެއް ފަސްކޮށް ޖަމާއަށް ފެށްޓުން މުސްތަޙައްބުކަމުގައި ފިޤުހު ޢިލްމުވެރީން ވިދާޅުވެފައިވާ ސަބަބަކީ ފިޠުރު ޒަކާތް ނުދެވި ތިބި މީހުންނަށް އެ ޒަކާތް އަދާކުރުމުގެ ފުރުސަަތު ބޮޑުވާނެ ކަމަށް ދެކިގެންނެެވެ. އަދި ފިޠުރު ޒަކާތް ނެރެން އެންމެ ހެޔޮވެގެންވާ ވަޤުތަކީ ޢީދު ދުވަހުގެ ޢީދު ނަމާދުގެ ކުރިންނެވެ. ދީނަށް ލޯބިކުރާ ވަރަށް ގިނަ މީހުން އެ ވަގުތުގައި ފިޠުރު ޒަކާތް ނެރެން ބޭނުންވެދާނެ ކަމަށް ބެލެވެއެވެ. ހަދީސެއްގައިވެއެވެ. (وأَمَرَ بهَا أنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إلى الصَّلَاةِ) (ބުޚަރީ: 1511) މާނައީ: މީސްތަކުން ޢީދު ނަމާދަށް ނުކުތުމުގެ ކުރިން (ފިޠުރު ޒަކާތް) ނެރުމަށް އަމުރުފުޅު ކުރެއްވިއެވެ. އާދެ! މިފަދަ ފިޠުރު އީދާ ގުޅުންހުރި އިސްދެންނެވުނު ފަދަ މައްސަލަތަކަށް ރިއާޔަތްކުރާ ހިނދު ފެންނަނީ ޢިދު ނަމަދު ފަށާ ވަގުތު ކަނޑައެޅުމުގައި ދިވެހި އާދަކާދައިގެ ދީނީ ހަމަތަކާއި އެކަން ކަނޑައެޅުއްވި ބޭކަލުންގެ އިލްމީ ގާބިލުކަމާއި އެ ފަންނުގައި ފުންނާބު އުސްކަމެވެ. ފިޠުރު ޒަކާތް ނެރުމުގައި ހެޔޮކަން ބޮޑުވެގެންވާ ވަޤުތަކީ، ޢީދު ދުވަހު ހެނދުނު ޢީދު ނަމާދުގެ ކުރިންކަމަށްވާތީ އިސްލާމީ ވުޒާރާއިން އީދު ނަމާދު ހަތެކަށް އަވަސްކުރިކުރުމުގައި އެ ވަގުތު ޒަކާތް ދޭންބޭނުންވާ މީހުންގެ މަސްލަހަތު ގެއްލުވާފައިވާކަން ފާހަނގަވެއެވެ. އަދި ދިވެހި އާދަކާދައިގައި އީދު ނަމާދު ހަތެއް، ތިރީހަށް ފަސްކުރިކުރުމުގައި އެ ވަގުތު ޒަކާތް ދޭން ބޭނުންވާ މީހުންގެ މަސްލަހަތު ހިމާޔަތްކޮށްފައިވާކަން ފާހަގަވެއެވެ.

ހަތަރެއް: ދިވެހި ރާއްޖޭގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަލާލުމުން ފެންނަނީ ގޭބިސީތައް ބޮޑުކަމާއި އެތަންތަނުގައި ހިނައިޠާހިރުވުމުގެ ވަސީލަތްތައް ބިސީތަކާ ވިޔަކޮށްފި ނަމަ މަދުކަމަށެވެ. އީދުނަމާދަކީ ފިރުހެނުންގެ އިތުރުން ކުޑަކުދީންނާއި އަންހެނުން ވެސް ހާޒިރުވުން މުސްތަޙައްބުވެގެންވާ އަޅުކަމަށްވާތީވެ އާއްމުކޮށް ކުޑަކުދީން ހޭލާވަގުތަކީ ޟުހާ ނަމާދު ފެށޭ ވަގުތުކަމުގައި ބެލިޔަސް އީދު ނަމާދު މިހާރު ހަމަޖައްސާފައިވާ 7.00 އަށް ބިސީތައް ބޮޑު އާއިލާތަކަށް ހުރިހާ ކުދީން ތައްޔާރުކުރުވާގެން އީދު ގާހަށް ހާޟިރުވުމަކީ ދަތިކަމަކަށްވުން އެކަށީގެންވެއެވެ. މިހާރު އޮތްގޮތުން ޟުހާ ނަމާދު ފެށޭ ވަގުތުން ފެށިގެން އީދުގެ ޖަމާއަށް ފެށުމާ ދެމެދު އެ ލިބޭ ބައިގަޑިއިރުގެ ވަގުތަކީ އަންހެނުން ހިނައިޠާހިރުވުމަށާއި ކުޑަކުދީން ތައްޔާރުކުރުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ވަގުތެއްކަން ގަބޫލުކުރެވެއެވެ. އެހެންކަމުން ދިވެހި ކާބަފައިން އީދު ނަމާދު ފަށާ ވަގުތު 7.30އަށް ކަނޑައަޅުއްވާފައިވަނީ ދިވެހި ރާއްޖޭގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަލާގެން މިސްތަކުންނަށް ތަކުލީފު ދިމާނުވާނޭހެން ރައްޔަތުންގެ މަސްލަހަތު އިސްކޮށްގެންކަން ފާހަގަވެއެވެ. އަދި އިސްލާމީ ވުޒާރާއިން އީދު ނަމާދު ހަތެކަށް އަވަސްކުރިކުރުމުގައި އެ މަސްލަހަތު ހިމާޔަތްކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ.

ފަހެއް: މުޖުތަމަޢުތަކުގައި ނެރެވޭ ދީނީ ފަތުވާތަކާއި ނިންމާ ދީނީ ގަރާރުތަކުގެ އިދާރީ އުސޫލަކީ އެކަމުގައި ބައިވެރިވި އިލްމުވެރީންގެ ނަމާއި ސޮއި އޮތުން ކަމަށްވާއިރު ވެސް އިސްވެދެންނެވުނު ގަރާރުގައި ރަސްމީ ނަންބަރެއް ޖަލްސާގައި ބައިވެރިވީ ޢިލްމުވެރީންގެ ނަމެއް ނެތުމުން، ހަމައެކަނި ސިޔާސީ ވަޒީރަކު ސޮއިކޮށްފައި އޮތުމުން ބެލެވެނީ އިދާރީ ނިންމުމެއް ކަމަށެވެ. އަދި ބެލެވެނީ މައްސަލަ ދިރާސާކުރަންޖެހޭ މިންވަރަށް ދިރާސާކުރެވިފައިނުވާ ކަމަށެވެ. އަދި ކިއެއްތަ! ބައިވެރިވި އިލްމުވެރީންގެ ނަމާއި ސޮއި ނުހުންނަ ގަރާރުތައް ބެލެވެނީ އިލްމުވެރީންގެ ނަމުގައިކުރާ ޖަރީމާތަކެއް ކަމުގައެވެ. އެހެންކަމުން އިސްލާމީ ވުޒާރާއިން އީދުގެ ވަގުތު ބަދަލުކުރި އިސްވެދެންނެވުނު ގަރާރަކީ ޢިލްމުވެރީންގެ ނިންމުމެއް ކަމުގައި ގަބޫލުކުރުން ދަތިވެއެވެ. އެ ގަރާރުގައި ބައިވެރިވި ދީނީ ޢިލްމުވެރީންނަކީ ކޮބައިކަން އެ ގަރާރުގައި އެނގޭން ނެތުމުން އެއިން ބޭކަލެއްގެ ރަޔުއު ވަރުން އެޅެވޭގޮތެއް ނުވިއެވެ. އަދި އެ ގަރާރާ ގުޅިގެން ތައްޔާރުކުރެވުނު ދިރާސާގެ އެއްވެސް ލިންކެއް ގަރާރުގައި ނެތުމުން އެ ދިރާސާގައި ހުރި ދަލީލުތަކަކީ ކޮބައިކަން ނޭނތީ އެތަކެތި ވަރުންއެޅެވޭ ގޮތެއްނުވިއެވެ.

ނަތީޖާ: ޒަމާނުއްސުރެން ޢީދުނަމާދު ފަށާ ވަގުތު7.30ގައި އޮއްވާ އެ އާދަކާދައާ ޚިލާފަށް މިހާރުގެ ދީނީ ވުޒާރާއިން 7.00 އަށް ޢީދުނަމާދު ފަށާ ވަގުތު ބަދަލުކުރުމުގައި ދީނީ އަދި އިޖުތިމާޢީ އެއްވެސް މަސްލަހަތެއް އޮތްކަން ކަށަވަރުނުވިއެވެ.

އިލްތިމާސް:

އެކެއް: ޢީދުނަމާދުގެ ޖަމާއަށް ފަށާ ވަގުތު ދިވެހި އާދަކާދައާ ފުށުއަރާގޮތަށް ބަދަލުކުރުމުގައި އޮތް ދީނީ އަދި އިޖުތިމާޢީ މަސްލަހަތަކީ ކޮބައިކަމާމެދު އިތުރަށް ވިސްނުމަށް އިލްތިމާސްކުރަމެވެ.

ދޭއް: ފަތުވާތަކާއި ދީނީ ކަންތައް ނިންމާ ގަރާރުތަކުގައި އެކަމުގައި ބައިވެރިވި އިލްމުވެރީންގެ ނަމާއި ސޮއި އޮތުމަކީ މުހިންމު ކަމެއްކަމުގައި ފެންނާތީ އެކަމަށް ވެސް އިލްތިމާސްކުރަމެވެ. އަދި ދީނީ ގަރާރުތައް ނެރުމަށް ޓަކައި ކުރެވޭ ދިރާސާތައް ފެންނަގޮތަށް އެ ގަރާރުގައި ލިންކެއް ހުރުމަކީ މުހިންމު ކަމެއްކަމުގައި ފެންނާތީ އެކަމަށް ވެސް އިލްތިމާސްކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. މީނާއަށް މިކަން މާބޮޑު ކަމަކަށް ވެގެން މި އުޅުނީ ކީއްވެގެންބާ؟ މައްކާގެ ޙަރަމްފުޅުގައި ވެސް އިރު އެރުމުގެ ފަހުން ބައިގަޑިއިރަށްވުރެވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޢީދުނަމާދު ކުރަން ފަށާ. މީނާއަކީ މި ހުރިހާ ޢިލްމުވެރިންނަށްވުރެ ވެސް މާމޮޅު ޢިލްމުވެރިޔަކީބާ؟

  2. މިހާރުވެސް ގިނަބަޔަކު ހޫނުވުމުގެ ސަބަބުން ހުތުބާ އަޑުނާހާ ދާކަން ފާހަގަކުރެވޭ.ވީމާ ގެނައި ބަދަލު ރަނގަޅު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *