...

Support Us

43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް

ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ސާޅީސް ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު ވަނީ އިނާމު އަރުވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވަނީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްޞީލު މަޢުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު އެރުވުމަށެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް، އެ ބޭފުޅުންގެ އަމިއްލަފުޅު ރެކޯޑުތައް ހޯއްދެވުމުގައި ދަތިތަކެއް ކުރިމަތިވުމާއި އަދި އޭރު އެ ބޭފުޅުން ޚިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލައްވައިފައި ވުމާއެކު، މަޢުލޫމާތު އެއްކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާތީ، އެކަމަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައެވެ.

ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޤައުމީ އިނާމާބެހޭ ކޮމިޓީން ފޮނުއްވުމަށް ނިންމެވުމާ ގުޅިގެން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުއްވައިލައްވައިފައިވާ ފުރުޞަތުގައި، އެ ބޭފުޅުން އިނާމަށް ނަން ހުށަހަޅުއްވަން ޖެހިވަޑައެއްނުގަންނަވާނެއެވެ.

ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުން ގިނަކަމާއެކު، އެ ބޭފުޅުންގެ ތެރެއިން ޝަރުޠުހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް މި އަހަރު ނިންމެވިނަމަވެސް، 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑާއި މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ދެއްވުމަށް ހަމަޖައްސަވައިފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިކަމުގައި ސަރުކާރުގެ އިޚްލާޞްތެރިކަމެއްހުރިއްޔާ 35 އަހަރުވެސް ހިމަނައިގެން ސަރުކާރުން ސިވިލްސަރވިސްއިން ރެކޯރޑްހޯދައިގެން ތިއިނާމު ދެއްވާނެ
    ޢާދޭސްކޮށްގެން ތިކަމްކުރުމަކީ ސަރުކާރުން އިނާމުދިނުމެއްނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.