Support Us

އިސްރާއީލުން ރަފަޙަށް އަރައިފިނަމަ ޙޫސީންގެ ޙަމަލާތައް ފުޅައުކުރާނެ

އިސްރާއީލުން ޣައްޒާގެ ރަފަޙު ސަހަރަށް އަރައި ޢަސްކަރީ ޢަމަލުތައް ފުޅައުކޮށްފިނަމަ ޔަމަނުގެ ޙޫސީންވެސް އިސްރާއީލާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ފުޅާއުކުރާނެކަމުގެ އިންޒާރު އެ ޖަމާޢަތުން މިއަދު ދީފިއެވެ. 

ޙޫސީންގެ އެންމެ މަތީ މަޖިލީހުގެ މެންބަރެއްކަމުގައިވާ މުޙައްމަދު ޢަލީ އަލްޙޫޘީ އޭނާގެ އެކްސް މަންސައިގައި ވިދާޅުވިއެވެ. "އިސްރާއީލުން ރަފަޙުގައި ނުވަތަ ޣައްޒާގައި ޢުދްވަނީ ޢަމަލުތައް ފުޅައުކޮށްފި ނަމަ އަހުރެމެން ވެސް ޙަމަލާތައް ފުޅައުކުރާނަމެވެ." 

އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ނުބައިވެ އަނިޔާވެރިކަން މެދުނުކެނޑި ކުރިއަށްގެން ގޮސް ޤަތުލު ޢާންމުތައް ހިންގަމުންދާނަމަ ހަނގުރާމައިގެ މައިދާނާ އެއްގޮތަށް އަހުރެމެން ވެސް ޙަމަލާތައް ފުޅައުކޮށް އިތުރުކުރާނެކަން އިސްރާއީލު ދަންނަންވާނެއެވެ." 

ޣައްޒާގެ ހުރިހާ ހިސާބުތަކަކަށް ކާބޯތަކެއްޗާއި ބޭހާއި އިންސާނީ ޟަރޫރީ މުހްތާދުތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތައް ތަނަވަސްކޮށްދީ ހަނގުރާމައިގެ ޖަރީމާތަކާއި ނަސއްލުހޭދުގެ ޖަރީމާތައްވ ހުއްޓައިލައިފުމަށް ދާންދެން ޙޫސީންގެ ޙަމަލާތައް ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޙޫސީ މި މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ޙޫސީންގެ ޙަމަލާތަކަކީ "މާތް މަޤްޞަދުތަކެއްގައި ކުރެވޭ ކަމެކެވެ. އެކަމުގައި އީމާންކަމާއި އުޚުއްވަތްތެރިކަމުގެ ގިޔަމުތައް ހިމެނެއެވެ. ބޭނުމަކީ ޣައްޒާގެ އަހްލުވެރިން ކަތިލައި ހުސްކުރުން ހުއްޓުވުމެވެ." 

އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ދެމުންދާތީ ޙޫސީން ވަނީ ރަތްކަނޑު ހުރަސްކޮށް އިސްރާއީލަށް ދަތުރުކުރާ އާގުބޯޓުތައް ހިފަހައްޓަން ފަށައިފައެވެ. މިކަމަ ވިދިގެން އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޙޫސީންގެ މަރްކަޒުތަކަށް ޙަމަލާ ވެސް ދެމުންނެވެ. 

މިދިޔަ ހުކުރުދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ރަފަޙަށް އެރުމަށް ތައްޔާރުވުމަށް އިސްރާއިލުގެ ސިފައިންގެ ޗީފް އޮފް ސްޓާފަށް އަންގައިފައެވެ. އިސްރާއީލުގެ ޢަސްކަރީ ރިޒަރވް  ބާރުގައި ހިމެނޭ ސިފައިން ޚިދްމަތަށް އިޢާދަކުރުމަށް ވެސް އޭނާ ވަނީ އަމުރުކޮށްފައެވެ. އިސްރާއިލުން މި ކަން ވަނީ އެމެރިކާއަށާއި މިޞްރަށާއި އުރްދުންފަދަ ސަރަޙައްދީ ޤައުމުތަކަށް އޭނާގެ މި ނިންމުމާ ބެހޭ މސަޢުލޫމާތު ދީފައެވެ.  

ނަތަންޔާހޫ އިސްރާއީލުގެ ލަޝްކަރުތަކަށާއި ސަލާމަތީ މުއައްސަސާތަކަށް ޣައްޒާއިން މީހުން ބޭލުމަށާއި ޙަމާސް ނައްތައިލުމަށް ވަނީ އަމުރުކޮށްފައެވެ. މި އަމުރާ ވިދިގެން  އިސްރާއީލު ދަނީ ރަފަޙަށް ވަދެގަތުމަށް ތައްޔާރުވަމުންނެވެ. 

ޣައްޒާގެ އުތުރު ސަރަޙައްދުން ބޭލި މީހުން ރަފަޙަށް ޖަމާވުމުގެ ސަބަބުން ރަފަޙު ސަހަރުގައި މި ވަގުތު 1.3 މިލިއަން މީހުން އުޅެއެވެ.

މި ކަމާ ގުޅިގެން މިޞްރުން ވަނީ އިސްރާއީލަށް އިންޒާރެއް ދީފައެވެ. މިޞްރު ބުނާގޮތުގައި އިސްރާއީލުން ރަފަޙަށް އަރައިފިނަމަ ޞުލްޙަޔާބެހޭ މުޢާހަދާއަށް ޢަމަލުކުރުން މިޞްރުން ހުއްޓައިލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *