Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރާއްޖެ ފަސާދަކުރަން އިންޑިއާއިން ކުރާ މަސައްކަތް ހުއްޓުވަންޖެހޭ!

ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި އިއްޔެ އާއި ރޭ ހިނގައިދިޔަ ކަންތަކުގެ އެންމެ އަޑީގައި ވަނީ ހަގީގަތުގައި އެމް.ޑީ.ޕީއެއް ނޫނެވެ. ދިވެހީންގެ ބައެއް ވެސް ނޫނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިއްމު ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމީ ސީދާ އިންޑިއާއިންނެވެ. އިންޑިއާގެ އެދުމަށް މި ކަމުގައި އިސްނެގީ އެމްޑީ.ޕީ އާއި ދަޑިމޮކްރެޓްސް އެވެ. އެމް.ޑީ.ޕީ ބައެއް މެމްބަރުންނަކީ ބިރަކާ ނުލައި މަޖާކުރާ ބައެކެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން މަޖުލީހަށް ދަނީ ރާބޮއެގެން މަސްތުގެ ހާލަތުގައި ކަމަށް އާއްމުންގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ބިރަކާ ނުލައި މަޖާކޮށް، ރާބޯން ދެވިހިފައިފައިވާ، ދީނުގެ ކަންފުޅެއްވެސް ނެތް ކޮރަޕްޓް ބައިގަނޑެއް، ފަރަންޖީ އިންޑިއާއާ ގުޅިގެން ދިވެހި ޤައުމު އިންޑިއާ އަށް އަޅުވެތިކުރަން މިކުރާ މަސައްކަތް ހުއްޓުވުނު ގޮތަކަށް ހުއްޓުވައި، ރައީސް އިބޫ ސޯލިހު ފަދަ ފަރާތްތައް ހައްޔަރުކޮށް، ޝަރީއަތް ހިންގައި، ހައްޤު އަދަބު ދެއްވުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ގޮވައިލަމެވެ.

އިންޑިއާ އަޑީގައި އޮވެގެން މަޖުލިސްތެރޭ އިއްޔެ ހިންގުވި ހައިޖާނުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހިންގި މާރާމާރީ އެވެ. ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމްގެ ކަރަށް ފައިން އަރައި، އަހުމަދު އީސާ ހިންގި މާރާމާރީ އަކީ މަޖުލީހުގެ ތަޅުމުގައި ހިންގި ކަމުގައި ވިއަސް ދިވެހި ރާއްޖޭގެ ޤާނޫނުގެ ދަށުން ފިޔަވަޅުއަޅައި އަދަބު ދެވެންޖެހޭ ފަދަ ކުށެކެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހަމަލާދެނީ

ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އެއްގަލަކަށް އަރައި، ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޚާރިޖީ ވަޒީރު މޫސާ ޒަމީރަކީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ އެންމެ މުހިއްމު މަސައްކަތްތަކެއް ކުރައްވާ އެއް ފަރާތެވެ. އެހެންވެ ޒަމީރަކަށް އިންޑިއާގެ ރުހުމެއް ނޯންނާނެތާއެވެ. ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަކީ ޗައިނާއާ ގުޅިގެން ރާއްޖޭގައި ހިންގަން ނިންމައިފައިވާ ބިޔަ، ބޮޑެތި މަޝްރޫއުތައް ހިންގެވުމުގައި އެންމެ މުހިއްމު އެއް ވަޒީރެވެ. އެހެންވެ ސައީދަކަށްވެސް އިންޑިއާގެ ރުހުމެއް ނޯންނާނެތާއެވެ. ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ދިވެހީންގެ ބޮލުގައި "ހަރުކަށި ފިކުރުގެ ޓެގް" އެޅުވުން ހުއްޓާލައި، ދީނީ ކަންކަން ވަރުގަދަކޮށް، ވަތަނީ، ދީންވެރި މުޖުތަމުއެއް ބިނާ ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ވަޒީރެވެ. އެހެންވެ އިންޑިއާ އާއި އެމެރިކާގެ ރުހުމެއް ޑރ. ޝަހީމަކަށް ވެސް ނޯންނާނެތާއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ދިން ހަމަލާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމު ޒަހަމްވެފައި

އިންޑިއާ އަކީ ދެކުނު އޭޝިއާގައި އެމެރިކާގެ ހަންފެތުރުމުގެ ޕްރޮކްސީއެކެވެ. ނުވަތަ އެކަމުގެ ޕާޓްނަރެވެ. ދިވެހި ރާއްޖޭގެ ކުރިމަގު އިންޑިއާއާ ދުރަށްޖައްސައި، އިންޑިއާ ސިފައިން ބާލަން މުހުލަތެއްދީ، އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރުން ހުއްޓާލައި، އާސަންދައިގެ ހިދުމަތް އިންޑިއާ ނޫން ޤައުމުތަކަށް ފުޅާކުރަން ނިންމައި، ޑޮކްޓަރީ ބޭސް އިންޑިއާއިން ގެނައުން މަދުކޮށް، ޔޫރަޕުން ގެންނަން ނިންމައި، ކާޑުގެ ބާވަތްތަކާއި ފިޔާ، ބިސް ފަދަ ތަކެތި ވެސް އިންޑިއާއިން ގެނައުމުގެ ބަަދަލުގައި ތުރުކީ ފަދަ އެހެން ޤައުމުތަކުން ގެނައުމަށް މަސައްކަތް ފެށުމަކީ އިންޑިއާއިން އިންތިހާ އަށް ކަންބޮޑުވާނެ ކަމެކެވެ.

ވަކިން ހާއްސަކޮށް އުތުރުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް ޤާއިމް ކުރުމަށް މި ސަރުކާރުން ނިންމި ނިންމުމަކީ އިންޑިއާއަށް އިގްތިސޯދީ ގޮތުންނާއި ދިފާއި ގޮތުން ވެސް ގޮންޖެހުންތަކާ ކުރިމަތިކުރުވާނެ ނިންމުމެކެވެ. އަދި އެފަދަ ޓްރާންސްޝިޕްމެންޓު ބަނދަރެއް އުތުރުގައި ހަދަން ޗައިނާއާ ހަވާލުކޮށްފިނަމަ އިންޑިއާ އަށް އެކަން ވާނީ ބޮޑު ބިރުވެރި ކަމަކަށެވެ. މި މަހު ކުރީކޮޅު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންނަމަވާލެއްވި ދުވަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންޑިއާ އަށާއި އިންޑިއާގެ ބޮޑު ވަޒީރަށް ބަހުގެ ހަމަލާތައް ދެއްވިއެވެ. އަދި ދިވެހި ރާއްޖެ ޒަމާނުއްސުރެން އިންޑިއާގެ ތައްޕާހުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދުނިޔޭގެ އެކި ދިމަދިމާލުން ގުޅުންތައް ބަދަހިކުރުމަށް އުދުހިގަންނާނެ ކަމުގެ ސިގްނަލް ރައީސް ދެއްވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ލަކްޝަދީޕަށް ވަޑައިގެން ކުޅުއްވި ޑްރާމާއިން ދިވެހި ސަރުކާރު ބަލިވާނެ ކަމަށް އިންޑިއާއިން ހީކުރިއެވެ. އެމް.ޑީ.ޕީގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް އަޒުލު ކުރެވޭނެ ކަމަށް ވެސް އިންޑިއާ ހީކުރިއެވެ. އަދި، ވަޒީރުންނަށް ރުހުން ނުދީ، ސަރުކާރު ބަލިކޮށްލެވޭނެ ކަމަށް ވެސް އިންޑިއާ ހީކުރިއެވެ. މިއިން އެއްވެސް ގޮތަކުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ބަލިނުކުރެވުމުން އިންޑިއާ އިން ރާވައިފައި އޮތީ އެމެރިކާގެ ހާރިޖީ ވުޒާރާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ، މި ޖެނުއަރީ މަހު ފަހުކޮޅު ރާއްޖެ ފޮނުވައިގެން، އެމެރިކާ މެދުވެރިކޮށް ދިވެހި ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ.

ޑޮނަލްޑް ލޫ ރާއްޖެ ވަަޑައިގަންނަވަނީ އެމެރިކާއާއި އިންޑިއާގެ ރަސްމީ މަަޝްވަރާތަކަށް ނިއުދިއްލީ އަށް ވަަޑައިގަތުމަށް ފަހުއެވެ. މީގެން ވެސް ދޭހަކޮށްދެނީ އެމެރިކާ ސަރުކާރުގެ އިސް ވެރިޔަކު ރާއްޖެ މި ވަޑައިގަންނަވަނީ އިންޑިއާގެ އެދުމަށް ކަމެވެ. ޗައިނާއާ ދުރަށް ޖެހި، އިންޑިއާ-ފަސްޓް ސިޔާސަތު އިއާދަކުރުމަށް ދިވެހި ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ. ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުމުވުގެ ނަމުގައި އެމެރިކާއާއި އިންޑިއާއިން މި ރާވާ ރޭވުމަކީ ދިވެހި ޤައުމަށް ވުރެ އިންޑިއާ އާއި އެމެރިކާގެ މަސްލަހަތު އިސްކުރާ، ނުބައި ރޭވުމެކެވެ.

ޗައިނާ ދަތުރުފުޅަށް ފަހު ރައީސް ދެއްކެވި ވާހަކަފުޅުތަކަށް އިންޑިއާގެ ބޮޑު ވަޒީރުގެ ކިބައިން ރައީސް ޑރ. މުއިއްޒު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމުގައި މާމިގިލީ ދާއިރާގެ މެމްބަރ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިއްޔެ ވިދާޅުވި ވިދާޅުވުމަކީ އިންޑިއާގެ ބާރު މި ޤައުމުގެ ސިޔާސީ އެކި ކަންކޮޅުތަކަށް ފޯރައިފައިވާ މިންވަރުގެ ހެއްކެކެވެ. ޤާސިމަކީ ރިއާސީ އިންތިހާބުގެ ކެމްޕެއިންތެރޭ އިންޑިއާ އަށް އެންމެ ގަދައަށް ބަހުގެ ހަމަލާތައް ދެއްވި އެއް ބޭފުޅާއެވެ. ނަމަވެސް އަމިއްލަ ވިޔަފާރީގެ މަސްލަހަތު އައިސް ބޯމަތިވުމުން ޤައުމީ މަސްލަހަތަށް ވުރެ ޤާސިމަށް އަބަދުވެސް އިސްކުރެއްވެނީ އަމިއްލަ ވިޔަފާރީގެ މަސްލަހަތެވެ. ޤާސިމްގެ ވިޔަފާރި ތަކަށް އެންމެ ގިނަ ލޯނު ދެނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފިންނެވެ. ޤާސިމްގެ ރިސޯޓް ތަކަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމަކީ ވެސް އިންޑިއާ އެވެ. އެހެންކަމުން ރައީސް ޑރ. މުއިއްޒު، މޯދީ އަރިހުން މާފަށް އެދިވަޑައިގަތުމަށް ޤާސިމް ގޮވާލެއްވުމުން ހައިރާންވާކަށް ނުޖެހެއެވެ. މޯދީއަށް ސަޖިދަ ޖަހަން ވިދާޅުނުވިކަން ވެސް ރަނގަޅެވެ. މޯދީއަކީ ހިންދޫ ކަލާނގެއަށް ސަޖިދަ ޖަހަން އޮށޯވެ ވެސް އޮންނަވާ ބޭފުޅެއްވިއްޔާއެވެ!

އިންޑިއާ އިން މިދިޔަ ފަސް އަހަރުތެރޭ ރާއްޖޭގެ ކަނޑުއަޑީގެ ހުރިހާ ސިއްރެއް ޗާޓުތަކުން ކުރަހައި، ރާޑަރުތައް ބަހައްޓައި، އަސްކަރީ މަރުކަޒުތައް ހަަދައި، ރާއްޖޭގެ ދިފާއި ބާރުގެ ތެރެއަށް ވަދެ، މަޖުލީހުގެ ކޮންޓްރޯލް ނަގައި، ރާއްޖޭގެ ރައީސާއި، ދިފާއި ވަޒީރާއި، ހާރިޖީ ވަޒީރުން ބްލެކްމެއިލް ކޮށްގެން، އެ ވެރިންނަށް ރިޝްވަތު ދީގެން، މުޅި ދިވެހި ޤައުމުގެ ކޮންޓްރޯލް އިންޑިއާގެ މުށުތެރައަށް ލައިގެން ތިއްބާ ޑރ. މުއިއްޒު ރައީސް ކަމަށް ވަޑައިގެން އެ ހުރިހާ ކަމެއް ނިމުމަކަށް ގެންނެވުމަށް ނިންމެވުމުން އިންޑިއާ އާއި އެމް.ޑީ.ޕީ ތެޅެމުން އެދަނީ މަރަށް ތެޅޭ މަހެއް ތެޅޭހެންނެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމައި، މަޖުލިސް ތެރެއިން ސަރުކާރު ވައްޓާލުމަށް، އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް ގުޅިގެން، އިންޑިއާގެ އެހީގައި ކުރަމުން މިދާ މަސައްކަތް ސަރުކާރުން ވަރަށް ކެރިގެން ހުއްޓުވަން ޖެހެއެވެ. ދިވެހި ޤައުމަށް ގައްދާރުވެ، އިންޑިއާ އަށް މިޤައުމު އަޅުވެތިކޮށް، ފެނަކަ ފަދަ މުއައްސަސާތައް މެދުވެރިކޮށް މާލިއްޔަތުން ބޮޑެތި ފަސާދަ ހިންގި، ރައީސް އިބޫ ސޯލިހާއި، ކުރީގެ ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި، ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ފަދަ ފަރާތްތަކުން ހިންގި ޖަރީމާތަކުގެ އަދަބު އެމީހުންނަށް ޖަލުގެ ކުޑަގޮޅިތަކުގެ ތެރެއިން ލިބެން ޖެހެއެވެ. ފިލައި ތިބެ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވައްޓާލ؛ަން ހީލަތްތެރި ރޭވުން ރޭވުމުގެ ފުރުސަތު އިބޫ ސޯލިހާއި މާރިޔާ އާއި ޝާހިދަށް ލިބިގެން ނުވާނެއެވެ. އަދި ހެޔޮއެދޭ ކަމަށް ދައްކައިގެން އުޅުނަސް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް ހަމަ އިންޑިއާގެ އަޅެކެވެ. ރައީސް ޑރ. މުއިއްޒަކަށް ނަޝީދުވެސް ހެެވެއް ނޭދޭނެއެވެ.

އަންނަ މާޗް މަހު އޮންނަ އާއްމު އިންތިހާބުގައި މަޖުލީހުގެ ސުޕަ މެޖޯރިޓީ މިހާރުގެ ސަރުކާރުން ހޯދާނެ ކަމުގައި ރައީސް ޑރ. މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވިއެވެ. ސުޕަ މެޖޯރިޓީ ނަންގަވައި، އިބޫ ސޯލިހު ފަދަ ގައްދާރުންނަށް ހައްޤު އަދަބު ދީ، އިންޑިއާގެ އަޅުން ކަމުގައިވާ ރައީސް ނަޝީދާއި ޤާސިމް އިބްރާހިމް ފަދަ ފަރާތްތަކާ ވެސް ދުރަށް ޖެހި، ވަތަނީ، ދީނީ، ތަނަވަސް، އުފާވެރި ޤައުމަކަށް ދިވެހި ޤައުމު ހަދަންޖެހެއެވެ.

ދެހާސް އަށް ވަނަ އަހަރު އެމް.ޑީ.ޕީގެ ނަޝީދު ވެރިކަމަށް ވަޑައިގަތް ހިސާބުން ފެށިގެން އެމް.ޑީ.ޕީގެ ވިހަ ސިޔާސަތުތަކުގެ މަޅީގައި ދިވެހީން ޖެހިފައިވާތާ 15 އަހަރު ވެއްޖެއެވެ. އެ ވިހަ މަޅީން ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވުމުގެ މަސައްކަތް ރައީސް ޑރ. މުއިއްޒު ފައްޓަވައިފައިވާ އިރު، އެމް.ޑީ.ޕީގެ ދޮގުތަަކަށް ނުހެއްލި، ރައީސްގެ ފަަހަތްޕުޅުގައި މި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ދިވެހި ރައްޔިތުން ރުކުރުވާލަން ޖެހެއެވެ. ޚާއިނުންނާއި ޚާއިނުންގެ އަޅުން އެއްކައިރި ކުރަން ޖެހެއެވެ. އަހްމަދު އީސާ އިން ފެށިގެން ގޮސް، ޑިމޮކްރެޓްސްގެ ހަސަން ލާތީފާއި ރައީސް ނަޝީދާއި ޤާސިމް އިބްރާހިމް އަދި މާރިޔާ އާއި ޝާހިދު، އަދި އިބޫ ސޯލިހު ފަދަ ހުރިހާ ބޭފުޅުން ވެސް ސިޔާސީ މައިދާނުން ބޭރުކުރެވި، ޝަރީއަތްކޮށް، އަދަބު ދެވި، އިންޑިއާ އައުޓް ކުރެވެން ޖެހެއެވެ.

އޭ ޤާސިމް އިބްރާހިމާ އެވެ! މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ، އަދި ދިވެހި ޤައުމު އަޅުވެތިކުރަން އުޅޭ ނުބައި ނުލަފާ، ޖައްބާރު މޯދީގެ ކިބައިން އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ މައާފަށް އެދިވަޑައިގަންނަވާކަށް ނުޖެހެއެވެ. ހަބަރުދާރެވެ! އަމިއްލަ ފައިދާ އަށް މި ޤައުމު ޤުރުބާނެއް ނުކުރެވޭނެވެ.