Support Us

އަންރުވާއަށް ހުޅަނގުން ދޭ އެހީ ހުއްޓައިލުމަކީ ފަލަސްޠީނީންނަށް ދެވޭ ޖަމާޢަތީ ސަޒާއެއް

 

ފަލަސްޠީނުގެ ރެފިޔުޖީންނަށް އެހީވާ އދ ގެ އޭޖެންސީ ((އަންރުވާ)) އަށް ހުޅަނގުގެ ޤައުމުތަކުން ދެމުން ދިޔަ އެހީތައް ކުއްލިއަކަށް ހުއްޓައިލުމަކީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ދެވޭ ޖަމާޢަތީ ސަޒާއެއް ކަމަށް ބުނެ ޢަރަބި ބައެއް ޤައުމުތަކާއި އިސްލާމީ ޤައުމުތަކުން އެކަމާ ދެކޮޅަށް ފާޑުކިޔައިފިއެވެ.

އެ ޤައުމުތައް ބުނިގޮތުގައި ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތް ޢުދްވާނީ އިސްރާއީލުން ކުރާ ތުހްމަތަކަށް ބަލައިގެން ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫނެވެ. އިސްރާއީލުން ތުހްމަތުކުރާ ގޮތުގައި އަންރުވާގެ 12 މުވައްޒަފަކު ޙަމާސުން ދިން އަޤްޞާ ޠޫފާނުގައި ބައިވެރިވެފައި ވެއެވެ. އިސްރާއީލުން މިކަމަށް ދަލީލެއް ޤާއިމުކޮށްފައެއް ނުވެއެވެ. އިސްރާއީލުން ފުރަތަމަ ފަހަރަށް މި ތުހްމަތު ކުރީ ބައިނަލްއަޤްވާމީ އިންސާފު ކޯޓުން ޣައްޒާއަށް އިންސާނީ ޟަރޫރީ އެހީތައް ވެއްދުން މަނާނުކުރުމަށް އިސްރާއިލަށް ހުކުރުދުވަހު އަމުރުކުރުމުންނެވެ.

އުރްދުންގެ ޚާރިޖީވަޒީރު އައިމަނުއްޞަފަދީ އިއްޔެ ވިދާޅުވިގޮތުގައި "އަންރުވާގެ އެހީއަކީ އެއާނުލައި ޣައްޒާއަށް ފުދުންތެރިކަން ނުލިބޭނެ ޟަރޫރީ އެހީއެކެވެ. އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ފަލަސްޠީނުގެ ދެ މިލިޔަނެއްހާ މީހުން ވަނީ ބަނޑަށް ޖެހިފައެވެ. ބޭސްފަރުވާ ކުރެވޭނެ ގޮތެއް ވަނީ ނެތިފައެވެ."

އުރްދުންގެ ޚާރިޖީ ވަޒީރު މި ކަމާ ގުޅޭގޮތުން އަންރުވާގެ ކޮމިޝަރު ޖެނެރަލް ފިލިޕް ލަޒަރީނީއާ ފޯނުން ގުޅުއްވާ ފަލަސްޠީނު މީހުންނާ ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.  

ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި ބައިނަލްއަޤްވަމީ އިންސާފު ކޯޓުގެ ޤަރާރުތަކާ ޚިލާފަށް އިސްރާއީލުން ދަނީ ޣައްޒާއަށް އިންސާނީ އެހީތައް ވެއްދުން މަނާކުރަމުންނެވެ. އުރްދުނުން ނެރުނު ބަޔާން ބުނާގޮތުގައި ޣައްޒާގެ ރައްޔިތުން ދަނީ ބަނޑަށް މަރުވަމުންނެވެ.

ޖަމާޢަތީ ސަޒާއެއް

އުރްދުނުން ބުނިގޮތުގައި އަންރުވާގައި މަސައްކަތްކުރާ 13 ހާސް މުވައްޒަފުންގެ ތެރޭގައި 12 މީހަކު ޙަމާސަށް އެހީވާކަމަށް އިސްރާއީލުން ބުނާ ބުނުމަށް ބަލައިގެން އެ އޭޖެންސީ ޖަމާޢަތީ ސަޒާއަށް ހުށައެޅިގެން ނުވާނެއެވެ. މި އޭޖެންސީން ދަނީ އިސްރާއީލުގެ ތުހްމަތު ބަލަމުންނެވެ.

މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ އަންރުވާގެ 12 ވަރަކަށް މުވައްޒަފަކާ ބެހޭ ގޮތުން އިސްރާއީލު ކުރަމުންދާ ތުހްމަތާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "އަންރުވާގެ ބަދީލަކީ ކޮބައިހެއްޔެވެ؟ ފަލަސްޠީނުގެ ރައްޔިތުންތަކެއް ބަނޑަށް ޖެހިފައިވާއިރު އެމީހުންނަށް އަޅައިލެވެން ޖެހޭނެއެވެ."

އޭނާ ސުޢޫދީ ޚާރިޖީވަޒީރު ފައިޞަލް ބިން ފަރަޙާނާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވިގޮތުގައި އަންރުވާއާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކަކުން މި އެޅި ފިޔަވަޅަކީ ވަރަށް ސިހުންލިބިވަޑައިގެން ނިންމުމެކެވެ. ކުށެއްނެތް 26 ހާސް ފަލަސްޠީނު މީހުން މެރުމުން ކުށްވެރިނުކުރާ މިންވަރަށް 12 މީހަކު ކުށެއްކުރިކަމަށް ބުނެ ދަލީލެއްނެތި އަރުވާ އަޑުތައް މާގަދައެވެ. މިޞްރުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޣައްޒާގައި އިންސާނީ ޚިދްމަތް ދެމުންދިޔަ އަންރުވާގެ މުވައްޒަފުންގެ ތެރެއިން 120 މުވައްޒަފަކު އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ވަނީ މަރުވެފައެވެ. ވަގުތުން ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓައިލައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އިނއްސާނީ ޚިދްމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވައިލެއްވިއެވެ. 

ތުރްކީ ކަންބޮޑުވުން

ތުރްކީގެ ޚާރިޖިއްޔާއިން ވެސް އަންރުވާއަށް ދޭ އެހީތައް ހުއްޓައިލުމުން ކަންބޮޑުވުން ހާމަކުރިއެވެ. ތުރްކީ ބުނިގޮތުގައި އަންރުވާއަކީ ފަލަސްޠީނުގެ އެތައް މިލިޔަން ރެފިޔުޖީންނަށް އިންސާނީ އަސާސީ އެހީތައް ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އޭޖެންސީއެކެވެ. ތުރްކީން ބުނިގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން މި އޭޖެންސީގެ 150 މުވައްޒަފަކު ވަނީ މަރުވެފައެވެ. މި މަސއަލައަށް ރިޢާޔަތްނުކޮށް އަންރުވާއަށް ދޭ އެހީތައް ހުއްޓައިލުމަކީ ލާއިންސާނީ ކަމެކެވެ. އެހީ ހުއްޓައިލި ޤައުމުތަކަށް އަލުން އެކަމާމެދު ިވިސްނައި އެހީތައް ދޭން ފެށުމަށް ތުރްކީން ގޮވައިލިއެވެ.  

އަންރުވާ ޤާއިމުކުރެވުނީ 1949ވަނަ އަހަރު އދ ގެ ޢާންމު ޖަމްޢިއްޔާގެ ޤަރާރަކުންނެވެ. އުރްދުނާއި ސޫރިޔާއާއި ލުބްނާނާއި ހުޅަނގުއައްސޭރިއާއި ޣައްޒާގައި ރެފިޔުޖީންނަށް އެމީހުންގެ މަސްއަލަތައް އިންސާފުވެރިކަމާއެކު ޙައްލު ކުރެވެންދެން އެހީ ފޯރުކޮށްދިނުމަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *