Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ކަނޑުއަޑީގެ ރަސްމާލެ ޓަނެލް އެޅިދާނެ ހެއްޔެވެ؟

އެމް.ޑީ.ޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ވާހަކަ އަޑުއައްސަވައިލައްވާށެވެ. މިދިޔަ އަހަރު އޮތް ރިއާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ:

"ބައެއް ފަހަރު މިހެން ހިޔާލުކޮށްލަން އޮންނައިރު ހިތަށް އަރާ، ދިވެހި ރާއްޖޭގެ ހުރިހާ ރަށެއް ކަނޑުއަޑީގެ ރެއިލްވޭ ޓަނެލަކުން ގުޅާލެވޭނެނަމައޭ! ގުޅޭނެ އިނގޭތޯ. ގުޅޭނެ! އެއީ، މިއަދު، މި ޒަމާނުގެ ޓެކްނޮލޮޖީ ހުރިވަރުން ގުޅޭނެ. އެކަމު އެ ލާރި ކޮބައިތޯ؟"

މިތާނގައި ފައްޔާޒު ތަކުރާރުކޮށް އެ ވިދާޅުވަނީ "ގުޅޭނެ އިނގޭތޯ. ގުޅޭނެ!" ކަމަށެވެ. ކަނޑުއަޑީގެ ރެއިލްވޭ ޓަނެލަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ މި ޒަމާނުގައި މިހާރު ހުރި ޓެކްނޮލޮޖީއެއް ކަމަށާއި، އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ފައްޔާޒު ހަމައެކަނި އުފެއްދެވި ސުވާލަކީ އެކަމަށް ބޭނުންވާ ފައިސާ ލިބޭނީ ކިހިނަކުންތޯ އެވެ.

ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ ރަސްމާލެ އާއި މާލެ، ކަނޑުއަޑީގެ ރެއިލްވޭ ޓަނެލަކުން ގުޅައިލުމަށް ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިހަށްރޭ ވިދާޅުވުމުން އަލާއުއްދީނުގެ ވޮށޭ، ޖާދޫގަރޭ، ހޮޅިވާހަކައޭ ކިޔައިގެން އެމްޑީ.ޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި އުތުރި އަރައިގަތެވެ. ނަމަވެސް އެމީހުން ހަނދާން ނެތް ތަންކޮޅަކީ އެމީހުންގެ ޕާޓީގެ ޗެއާޕާސަން، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ، ފައްޔާޒު އިސްމާއިލް މިވަނީ މިއީ ކުރެވިދާނެ ކަމެއް ކަމުގައި ވަރަށް ސާފު އިބާރާތުން ވިދާޅުވެފައި ކަމެވެ. އަދި އެކަމަށް އިންވެސްޓު ކުރާނެ ފައިސާ ހުރި ނަމަ އެއީ ކުރެވިދާނެ، އަދި ކުރަން ބޭނުން ކަމެއް ކަމުގައި ވެސް ފައްޔާޒު އޭރު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވުމުން އެއީ ޖޯކަކަށް ވެފައި، ފަޔާޒު ވިދާޅުވުމުން އެއީ ވިޝަނަރީ ވާހަކައަކަށް ވީއެވެ. އެއީ 2023 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކައެއް ނަމަ އެމްޑީ.ޕީ މީހުން ބުނާނީ ރައީސް ސޯލިހަކީ ވިޝަނަރީ ލީޑަރެއް ކަމަށެވެ.

ހަމަ މި ގޮތަށް ރައީސް މައުމޫންގެ ވެރިކަމުގައި، އޮކްޓޯބަރ 1997 ގައި ހުޅުމާލެ ހިއްކަން ފެށުމުން އެކަމަށް ޖޯކު ޖެހި މީހުން ވެސް އިދިކޮޅުގައި ތިއްބެވެ. ނަމަވެސް، ރައީސް މައުމޫނުގެ ލީޑަޝިޕާއި، މިނިސްޓަރ އުމަރު ޒާހިރުގެ ބުރަ މަސައްކަތްޕުޅުން، ހަތަރު އަހަރު ދުވަހުގެ ތެރޭ، 2001 ވަނަ އަހަރު، ހުޅުމާލޭ ފޭސް އެކެއް ހިއްކައި ނިންމައި، އެރަށް އާބާދުކޮށް، ރާއްޖޭގެ އެންމެ ހިއްގައިމު ރަށް ކަމުގައި ހުޅުމާލެ ހެދުމުން ރައީސް މައުމޫނުގެ ވިޝަން ވަރަށް ސާފެވެ.

ހަމަ އެ ފަދައިން، މާލެއާއި ހުޅުލެ ބްރިޖަކުން ގުޅައިލައި ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ވެސް، 2007 ވަނަ އަހަރު، ރައީސް މައުމޫނެވެ. އެއީ 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މައުމޫނު ގެންގުޅުއްވި މުހިއްމު އެއް ޝިއާރެވެ. އެ އިންތިހާބުގައި މައުމޫނާ ވާދަކުރެއްވި އެމް.ޑީ.ޕީގެ ކެންޑިޑޭޭޓު މުހައްމަދު ނަޝީދު (އަންނި) ވަނީ މާލެއާއި ހުޅުމާލެ ބްރިޖަކުން ގުޅައިލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ، ރައީސް މައުމޫންގެ އެ ވިޝަނަރީ އައިޑިއާއަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވައިިފައެވެ. އެފަދަ ކަމެއް ކުރުމުގެ އިންޖިނިއަރިން އަކީ ކޮބައިތޯ އާއި މާލެއާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅޭނެއޭ ބުނީ ކާކުތޯ އާއި ފައިސާ ހޯދާނީ ކިހިނަކުންތޯވެސް ވަނީ އައްސަވައިފައެވެ. ރައީސް މައުމޫނު 2007 ވަނަ އަހަރު ފާޅުކުރެއްވި ވިޝަނަރީ މި ހިޔާލަށް 10 ވަރަކަށް އަހަރު ފުރުނު އިރު، 2018 ވަނަ އަހަރު އެ ބްރިޖް ބިނާކޮށް، މާލެ އާއި ހުޅުމާލެ ގުޅައިލަދެއްވީ ރައީސް މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނެވެ.

އެމް.ޑީ.ޕީ އަކީ އަބަދުވެސް، ނުވާނެ ކަންކަން ދައްކައި، އެހެން މީހުންނަށް ހަޖޫ ޖަހައި، ފުރައްސާރަކޮށް، ރައީސް މައުމޫނަށް "ގޮޅާބޯ" އޭ، ރައީސް ޑރ. ވަހީދަށް "ކާޅަށް" ގޮވައި އުޅުނު އެކްޓިވިސްޓުންގެ ގޭންގެކެވެ. އަނެއް ދިވެހި ރާއްޖެ އަށް ދިވެހީން ގެންދާށޭ ކިޔައިގެން ދަޅަ ދައްކައިގެން ދިވެހީން ގެންދިޔައީ އިންޑިއާގެ އަޅުވެތިކަމަށެވެ. އަނެއް ދިވެހި ރާއްޖެ އަކީ އިންޑިއާގެ ބައެކެވެ. އެކަން އެގޮތަށް ނުވީ ހަމަ ކިރިޔާ އެވެ. އެކަން ހުއްޓުވުމުގެ މައިގަނޑު އާރުކާޓީންނަކީ ރައީސް ޔާމީނާއި، ރައީސް ޑރ. ވަހީދެވެ. މިއަދު އެމް.ޑީ.ޕީން ރައީސް މުއިއްޒަށް "ހޮޅި" މުއިއްޒޭ ގޮވަނީ ކުރިން ރައީސް މައުމޫނަށް "ގޮޅާބޯ" އޭ، އަދި ރައީސް ވަހީދަށް "ކާޅޭ" ގޮވި ގޮތަށެވެ. ރަސްމާލެ އާއި މާލެ، ކަނޑު އަޑީގެ ޓަނެލަކުން ގުޅާލުމަކީ، ޓެކްންލޮޖީވެސް ހުރި، އަދި ފައިނޭންސް ވެސް ހޯދޭނެ ކަމެކެވެ.

އެވެނި ކަމެއް ނުކުރެވޭނެއޭ ބުނެ ހަޖޫ ޖެހުމަކީ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އުނދަގޫ ކަމަކީ ކަމެއް ކުރުމެވެ. ރައީސް މުއިއްޒަކީ ބަސް މަދު، އަމަލު ގިނަ، ވިޝަނަރީ ލީޑަރެއްކަން އެމް.ޑީ.ޕީގެ ގިނަ މީހުންވެސް އަދި ޤަބޫލުކުރާނެ އެވެ.

މާލެއާއި ރަސްމާލެ ކަނޑުއަޑީގެ ޓަނެލަކުން ގުޅައިލުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. ފަނަރަ ވަރަކަށް ކިލޯމީޓަރުގެ މިފަދަ ޓަނެލަކުން މި ދެ ރަށް ގުޅައިލުމަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް އެއް ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ދުނިޔޭގައި، ކަނޑުއަޑިން އަޅާފައިވާ މިފަދަ އެހެން ބްރިޖްތަކަށް ހަރަދުވީ ވަރަށް ބަލައިލުމުން އަންދާޒާ ކުރެވޭ އަދަދެކެވެ. ޗެއާ ޕާސަން ފައްޔާޒު ވިދާޅުވީ އެފަދަ ބްރިޖެއް އެޅޭނެ ކަމަށެވެ. ނަމަވެސް ފައިސާ ލިބޭނެ ގޮތެއް ނެތް ކަމަށެވެ. ރައީސް މުއިއްޒުވެސް އެ ވިދާޅުވަނީ އެފަދަ ބްރިޖެއް އެޅޭނެ ކަމަށެވެ. އަދި ފައިސާވެސް ލިބޭނެ ކަމަށެވެ.

ރަސްމާލެ ހިއްކާނެ ފައިސާ ދައުލަތުގެ ބަޖެޓުން ދޭން އެމްޑީ.ޕީ މަޖިލިސް މަޖިލިސް ދެކޮޅު ހެދުމުން ރައީސް މުއިއްޒު އެކަން އެ ކުރައްވަނީ ދައުލަތުން ލޯލާރިއެއް ވެސް ހަރަދު ނުކުރައްވައެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެއް ބިލިއަން ޑޮލަރު ހަރަދު ކޮށްގެން މިފަދަ ރެއިލްވޭ ޓަނެލެއް ކަނޑުއަޑިން އަޅައިދިނުމަކީ ޗައިނާ ސަރުކާރަށް، ފެންފޮދަކާ ނުލައި ޕެނަޑޯލް ގުޅައެއް ދިރުވާލުމަށް ވުރެވެސް ފަސޭހަ ކަމެކެވެ. އެހެން ކަމުން ޗައިނާ އާއި ދިވެހި ރާއްޖެއާ ދެމެދު އަލުން އާލާވަމުން މިއަންނަ ގާތް ގުޅުމުގެ ތެރެއިން މިފަދަ ބްރިޖަކަށް ޗައިނާ އިން އިންވެސްޓް ކުރުމަކީ ވުން ވަރަށް ކައިރި ކަމެކެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މި ޓަނެލްގެ ވާހަކަ ދެއްކެވި އިރު ވަކި ޓައިމްލައިނެއް ރައީސް ނުދެއްވާ ކަމެވެ. މިހާރު ޕައިޕްލައިންގައި ހުރި ތިލަމާލެ ބްރިޖާއި، އައްޑޫ ބްރިޖް ފަދަ ލިންކްތައް ނިންމައި، ރަސްމާލެ ހިއްކައި، ރަސްމާލެއަށް އުމްރާނީ ތަރައްޤީ ގެނައުމަށް ފަހު، ކަނޑުއަޑީގެ ޓަނެލަކުން މާލެއާއި ރަސްމާލެ ގުޅާލުމުގެ މަޝްރޫއު ފައްޓާނެ ކަމަށް ލަފާ ކުރެވެނީ 2028 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އެކަން ވެގެން ދާނީ ރައީސް މުއިއްޒުގެ 2028 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގެ މައިގަނޑު ޝިއާރު ކަމަށް ޤަބޫލު ކުރެވެއެވެ.

ރަސްމާލެ ވެސް އެޅޭނެއެވެ. ގުޅީފަޅާއި ހުޅުމާލެ އާއި ތިލަފުށިވެސް އިތުރަށް ހިއްކޭނެ އެވެ. ޓްރާންސިޕްމެންޓް ބަނދަރެއް ތިލަފުށީގައި އެޅޭނެއެވެ. ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް ވެސް އެޅޭނެ އެވެ. ތިލަމާލެ ބްރިޖް ވެސް ނިމޭނެ އެވެ. އައްޑޫ ސިޓީގެ ބްރިޖާއި ތިނަދޫ ބްރިޖް ވެސް އެޅޭނެއެވެ. މާލޭގެ ވެރިކަން ކުރާ ސިޓީއަކަށް ރަސްމާލެ ބަދަލުކޮށް، މާލޭ ސިޓީ އާއި ރަސްމާލެ ވަކި ދެ ސިޓީއަށް ވެސް ހެދޭނެއެވެ. ރާއްޖެ އަކީ ފުރިހަމަ އިސްލާމީ ދައުލަތަކަށް ހަަދައި، އިސްލާމިކް ރިޕަބްލިކް އޮފް މޯލްޑިވްސް އަށް މި ޤައުމުގެ ނަންވެސް ބަދަލު ކުރެވޭނެއެވެ! އިތުރު އެއާޕޯޓްތައް އަޅައި، މޯލްޑިވިއަން އަކީ ފައިދާވާ، ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ދަތުރުކުރާ، އެމިރޭޓްސް ފެންވަރުގެ އެއާލައިނަކަށް ވެސް ހެދޭނެއެވެ. ރާއްޖެ އަކީ ދެކުނު އޭޝިއާގެ ސިންގަޕޫރަށް ވެސް ހެދޭނެއެވެ. ރައީސް މުއިއްޒުގެ ވިޝަނަރީ ވާހަކަތައް އަޑުއިވިފައި އެމް.ޑީ.ޕީ މީހުން ޖޯކު ޖަހަނީ އެއީ ނުވާނެ ކަންކަން ކަމަށް ޤަބޫލު ކޮށްގެނެއް ނޫނެވެ. އެމީހުން ޖޯކު ޖަހަނީ ބިރުންނެވެ! ވިޝަނަރީ ލީޑަރެއްގެ ފަހަތަށް ދިވެހިން އަރައި، އިންޑިއާގެ އަޅުކުއްޖެއް ކަމުގައިވާ އެމް.ޑީ.ޕީ އަށް ދިވެހިން ތާއަބަދަށް ނޫނެކޭ ބުނާނެ ދުވަސް ކައިރިވާތީ ގަންނަ ބިރަކުންނެވެ.

ރައީސް މުއިއްޒު ކަނޑުއަޑީގެ ބްރިޖެއްގެ ވާހަކަ ދެއްކެވީ އެމް.ޑީ.ޕީގެ މެމްބަރު، އަބްދުﷲ ޖާބިރު ކާާށިދޫ އާއި މާލެ، ކޭބަލް ކާރުން ގުޅައިލާނެ ކަމަށް ބުނިގޮތަކަށް ނޫނެވެ. އެމް.ޑީ.ޕީގެ ބައެއް މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ، ބިރަކާނުލައި މަޖާކުރާ، ބުއްދިފިލައިގެން ގޮސް މޮޔަ ގޮވާ ބަޔަކަށް ވިއަސް ރައީސް މުއިއްޒަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާ، އިންޖިނިއަރިން ދާއިރާއިން ޕީ.އެޗް.ޑީ ހާސިލް ކުރައްވައިގެން ހުންނެވި، ދުނިޔެއަށް ލޯހުޅުވިފައިވާ، ވިޝަނަރީ ލީޑަރެކެވެ. އެ މަނިކުފާނު އެ ވިދާޅުވި ޓަނެލް ހެދޭނެ ކަމަށް ފައްޔާޒުވެސް އަވަނީ ވިދާޅުވެފައެވެ. މި ޓަނެލްގެ މަސައްކަތް ފައްޓާނެ ކަމަށް ލަފާ ކުރެވެނީ، އިންޝާﷲ 2028 ވަނަ އަހަރު ޖޫން މަހުއެވެ. އަދި ޓަނެލް ނިންމައި، ބޭނުން ކުރަން ފަށާނެ ކަމަށް ޤަބޫލު ކުރެވެނީ 2033 ވަނަ އަހަރު ޖޫން މަހު އެވެ. ދުނިޔޭގައި ތިބި ބަޔަކަށް، އިންޝާﷲ އެތަން ފެންނާނެ އެވެ. ފައްޔާޒާއި އެމް.ޑީ.ޕީ މެމްބަރުންނަށް ވަރަށް ސަލާމެވެ!