Support Us

ހިރާސަށް ހާސާވެފައި އޮތީ ފަލަސްޠީނުގެ އަމްނާއިއަމާންކަން އިސްރާއީލެއް ނޫން: ތުރްކީ 

އިސްރާއީލުގެ އަމަންއަމާންކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ނޫން ކަމަށާއި ހިރާސަށް ހާސާކޮށް ބިރުވެރިކަމެއްގެ ދަށުގައި އޮތީ ފަލަސްޠީން މީހުންގެ އަމަންއަމާންކަންކަމަށް ތުރްކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވެއްޖެއެވެ.

އޭނާ މި ގޮތަށް ވާހަކަފުޅުދެއްކެވީ އުރްދުންގެ ވެރިރަށް ޢައްމާނުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ނޫސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުރްދުންގެ ޚާރިޖީވަޒީރު އަޔިމަނުއް ޞަފަދީ ހާމަކުރެއްވި ގޮތުގައި ޣައްޒާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ޓަކައި އުރްދުނުން ދަނީ ތުރްކީއާ ގުޅިގެން ބައިނަލްއަޤްވާމީ ސިޔާސަތެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ހަނގުރާމަ ހުއްޓައިލުމާބެހޭ އެއްވެސް ކަމެއްގައި އިސްރާއީލު ބައިވެރިވާކަށް ބޭނުމެއް ނުވެއެވެ. އުރްދުންގެ ވަޒީރު ހާމަކުރެއްވި ގޮތުގައި މި މަސްއަލައިގައި އުރްދުނާއި ތުރްކީގެ ރައުޔުގައި އެއްވެސް ތަފާތެއް ނެތެވެ.

އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ޞުލްޙައެވެ. އިސްރާއީލުގެ ޢުދްވާނު ކުރިއަށް ގެންދިޔުމަކީ މި ސަރަޙައްދު ހަނގުރާމައާއި އިތުރު ކޯޅުންތަކުގެ އުދުނުގެ ތެރެއަށް ވައްޓައިލައިފާނެ ކަމެކެވެ. މި ޢުދްވާނުގެ ސަބަބުން ދެން ފަޅައިގެންދާނީ މުޅި މެދުއިރުމައްޗެވެ."

ތުރްކީގެ ޚާރިޖީ ވަޒީރު ފިދާން އުރްދުނަށް ވަޑައިގަތީ އިއްޔެ އެވެ. މިއީ އޭނާއަށް މި މަޤާމު ލިބިވަޑައިގަތް ފަހުން އުރްދުނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އޭނާ މި ދަތުރުފުޅުގައި އުރްދުންގެ ރަސްގެފާނު ދެވަނަ ޢަބްދުﷲއާ ވެސް ބައްދަލުކުރައްވާނެއެވެ. 

މިއަދަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ 104ވަނަ ދުވަހެވެ. މި މުއްދަތުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާއިން 24 ހާސް 448 މީހުން ޝަހީދުކޮށްލައިފައެވެ. އަދި 61 ހާސް 504 މީހުން ޒަޚަމުކޮށްލައިފައެވެ. މީގެ އިތުރުން 1.9 މިލިޔަން މީހުންގެ ގެދޮރު ނައްތައިލައި މަގުމަތިކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *