Support Us

ކުންފުނިތަކަކީ ފައިދާވާ، ދައުލަތުން ޚަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމުގެ ސިޔާސަތުތަކެއް ކަނޑައަޅުއްވައިފި

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ، އަދި ހިންގުމުގައި ދައުލަތުން ޚަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތިކުރެވޭ އުސޫލު މުރާޖާކޮށް، ވަކިވަކި ކުންފުނިތަކަށް ޚާއްޞަ ކީ ޕަރފޯމަންސް އިންޑިކޭޓަރސް (ކޭ.ޕީ.އައި.) ކަނޑައެޅުން ހިމެނެއެވެ. އަދި ކުރިޔަށް އޮތް ތިން މަހުގެ ތެރޭގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް މިއަދު ނިންމެވިއެވެ.

މީގެ އިތުރުން އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމެވިއެވެ. މީގެ އިތުރުން އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކުންފުނިތައް ހަރުދަނާކުރުމަށް 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ ހަމައަށް ފުރުޞަތުދީ އެމުއްދަތުގެ ތެރޭގައިވެސް ނަތީޖާ ނުނެރެވޭނަމަ އެފަދަ ކުންފުނިތައް އަލުން އެކުލަވައިލުން، އެއްކޮށްލުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިހުރުމަށް ހައްލެއް ގެނައުމުގެ ގޮތުން، މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނި ކަމަށްވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ އިތުރުން، އައު ކުންފުންޏެއް އުފެއްދުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ދަޢުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ޚަރަދެއްކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތައް އެކަށައެޅުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *